ކުޅިވަރު

އޭވީސީގެ ބޯޑް މެމްބަރުކަމަށް އިންތިޚާބުވުމުން ޝުކުރު ސަރުކާރަށް


އޭވީސީގެ ބޯޑް މެމްބަރުކަމަށް ރާއްޖޭގެ ވޮލީބޯޅަ އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ލަތީފް އިންތިޚާބުވިކަމުގެ ލިޔުން ޔޫތް މިނިސްޓަރ އިރުތިޝާމް އާދަމްއަށް މިއަދު އަރުވައިފިއެވެ. 

ރަސްމީ ލިޔުން އޭވީސީން މުޙައްމަދު ލަތީފާއި ހަވާލުކުރެއްވީ މިދިޔަ އަންގާރަ ދުވަހުއެވެ. ޔޫތް މިނިސްޓަރާއި ލިޔުން ހަވާލުކުރެއްވުމަށްފަހު އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ލަތީފް ވިދާޅުވީ އެކަމުގެ ޝުކުރު ހައްޤުވަނީ ސަރުކާރަށްކަމަށެވެ. އޭނާއަށް އޭވީސީ ޤައުމުތަކުން ތާއީދުކުރައްވާ، ގޮނޑިއަށް އިންތިޚާބުކުރެއްވީ ސަރުކާރުން ކުޅިވަރަށް، ޚާއްޞަކޮށް ވޮލީއަށް ދެއްވާ ސަމާލުކަމާއި، ކުރިއަރުވަން ކޮށްދެއްވާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުންކަމަށެވެ. އެހެންކަމުން އެކަމުގެ ހުރިހާ ޝުކުރެއް ހައްޤުވަނީ ރައީސް އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމަށް ކަމަށް ލަތީފް ވިދާޅުވިއެވެ.

" މިއީ ކޮންމެހެން އަޅުގަނޑުވީމަ އިންތިޚާބުވީއެއްނޫން. ސަރުކާރަށް އޮތް އިތުބާރު މިއީ. ރާއްޖެއިން އަޅުގަނޑު ނޫން އެހެން މީހަކުން ވާދަކުރެއްވިނަމަވެސް ކާމިޔާބުވީސް. ޝުކުރު ހައްޤުވަނީ ރައީސް ޔާމީނާއި، ސަރުކާރަށް " ލަތީފް މިއަދު ވިދާޅުވިއެވެ.

އޭވީސީގެ ބޯޑް މެމްބަރުކަމަށް ލަތީފް އިންތިޚާބުވީ މިދިޔަ ނޮވެމްބަރުމަހުގެ 15 ވަނަ ދުވަހު ތައިލެންޑްގައި ބޭއްވި އޭވީސީގެ 22 ވަނަ އަހަރީ ޢާއްމު ބައްދަލުވުމުގައެވެ. ލަތީފް މަޤާމަށް އިންތިޚާބުވީ މެމްބަރު ޤައުމުތަކުގެ އިއްތިފާޤުންނެވެ. ލަތީފްގެ ދައުރު ހަމަވާނީ 2020 ވަނަ އަހަރުއެވެ. 

އޭވީސީގެ ބޯޑް މެމްބަރުކަމަށް ލަތީފް އިންތިޚާބުވުމަށްފަހު އޭވީސީ 19 އަހަރުން ދަށުގެ ބީޗް ވޮލީބޯޅަ މުބާރާތް މިއަހަރުގެ މާރޗްމަހު ރާއްޖޭގައި ބޭއްވުމަށް އަންނަނީ ތައްޔާރުވަމުންނެވެ.