ވިޔަފާރި

ފިތޫރު ފެއާގައި ރާއްޖެއިން ބައިވެރިވެއްޖެ


ސްޕެއިންގެ މެޑްރިޑްގައި މިހާރު ކުރިއަށްދާ ފިތޫރު ފެއާގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.

މެޑްރިޑްގައި އިއްޔެ ފެށި ފިތޫރު ފެއާއަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި އެންމެ ފާހަގަކޮށްލެވޭ ފެއަރތަކުގެ ތެރޭގައި ހިމެނޭ ފެއާ އެކެވެ. މި ފެއާގައި ދިވެހިރާއްޖޭގެ ވަފުދުގެ ފަރާތުން އެންމެ އިސްކޮށް ހުންނެވީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރު ހާރިޝް މުޙައްމަދެވެ. ފިތޫރު ފެއާގައި އެމްއެމްޕީއާރުސީގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 22 ކުންފުންޏަކުން ބައިވެރިވެއެވެ.

އެމްއެމްޕީއާރުސީން ބުނީ ފިތޫރު ފެއާގައި މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް އެކިކަހަލަ ކެމްޕެއިންތައް ކުރިއަށްދާކަމަށެވެ. މި ފެއާގައި ރާއްޖެ އިސްތިހާރުކުރަމުންދަނީ، " މޯލްޑިވްސް ސަނީ ސައިޑް އޮފް ލައިފް" މި ތީމްގެ ދަށުންނެވެ. ފިތޫރު ފެއާ ކުރިއަށްދާނީ ޖެނުއަރީމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށެވެ.

ޔޫރަޕްގެ ޤައުމުތަކުގެ ތެރެއިން ސްޕެއިން އަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހިމެނޭ ވަރަށް މުހިއްމު މާކެޓެކެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު ސްޕެއިނުން ދިވެހިރާއްޖެއަށް 25،843 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.