ޚަބަރު

ކުއްލިއްޔާ އިސްލާމިކް ޔުނިވަރސިޓީއަކަށް ބަދަލުކުރުމާބެހޭ ބައްދަލުވުންތަކެއް






ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާ، އިސްލާމިކް ޔުނިވަރސިޓީއަކަށް ބަދަލުކުރުމަށް ބޭނުންވާ ފީޒިބިލިޓީ ސްޓަޑީއާއި ސްޓްރެޓެޖިކް ޕްލޭން އެކުލަވާލުމުގެ ބައްދަލުވުމެއް އިސްލާމިކް މިނިސްޓްރީން މިއަދު ފަށައިފިއެވެ.  މިބައްދަލުވުން ބާއްވަނީ މެލޭޝިޔާގެ އިސްލާމިކް ޔުނިވަރސިޓީއާއި ކުއްލިއްޔާ ގުޅިގެންނެވެ.


 ދެދުވަހުގެ މުއްދަތަށް ކުރިއަށްދާ މިބައްދަލުވުން ފެށުމަށްފަހު އިސްލާމިކް މިނިސްޓްރީންބުނީ ކުރިއަށް އޮތް ތިން މަސްދުވަހުގެތެރޭގައި ކުއްލިއްޔާ، ޔުނިވަރސިޓީއަކަށް ބަދަލުވެގެންދާނެކަމަށެވެ.
 
ކުއްލިއްޔާ އިސްލާމިކް ޔުނިވަރސިޓީއަކަށް ބަދަލުކުރުމާއި ބެހޭގޮތުން މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވާސިޓީއާއިއެކު ކުރިއަށްދާ ދެ ދުވަހުގެ މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތަށްފަހު މީޑިޔާއާއި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޑރ.އައިޝަތު މުނީޒާ ވިދާޅުވީ، ކުއްލިއްޔާ ޔުނިވާސިޓީއަކަށް ބަދަލު ކުރުމަށް ދިގު ދަތުރެއްކޮށްފައިވާކަމަށެވެ. އެގޮތުން މިއަދު ފެށި ވޯކްޝޮޕަކީ، ކުއްލިއްޔާގެ ކުރިމަގު ބިނާ ކުރުމުގައި ބޮޑެތި ކަންތައްތަކެއް ނިމިގެންދާނެ ވޯކްޝޮޕެއް ކަމަށާއި، މިބައްދަލުވުމުގައި ކުއްލިއްޔާއާއި،މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން އެމްއީޔޫއެއްގައި ސޮއިކުރުމަށް  ހަމަޖެހިފައިވާކަމަށެވެ. އަދި މި އެއެމްއޯޔޫގެ ސަބަބަން ކުއްލިއްޔާ ޔުނިވަރސިޓީއަކަށް ބަދަލުކުރުމުގެ އެކިއެކި މަރުޙަލާތަކުގައި އެޔުނިވަރސިޓީގެ އެހީތެރިކަން ލިބިގެންދާނެކަމަށް ވެސް ޑެޕއިޓީ މިނިސްޓަރ ވިދާޅުވިއެވެ.



އިސްލާމިކް މިނިސްޓްރީން ބުނީކުއްލިއްޔާ، އިސްލާމިކް ޔުނިވަރސިޓީ އަކަށް ބަދަލުކުރުމާބެހޭ ގޮތުން، މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔިނިވަރސިޓީގެ ފަންނީ އެހީތެރިކަން ހޯދައި އެކަމުގެ އަމަލީ މަސައްކަތްތައް މިހާރު ފަށައިގެން ކުރިއަށްދާކަމަށެވެ. އެގޮތުން ފީސިބިލިޓީ ސްޓަޑީ ހެދުމަށާއި، ޔުނިވަރސިޓީ އަކަށް ބަދަލުކުރުމުގައި ބައިނަލްއަޤްވާމީ ފެންވަރު ހިފެހެއްޓުމަށްތަކައި ހަދަންޖެހޭ ސްޓްރެޓެޖިކް ޕްލޭން އަދި ކޭޕީއައި ނުވަތަ ކީ ޕަރފޯމަންސް އިންޑެކްސް ހެދުމަށްޓަކައި މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔިނިވަރސިޓީ އާއި ގުޅިގެން މަސައްކަތްކުރެވެމުންދާކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތުދެއެވެ.


 
ކުއްލިއްޔާ ޔުނިވަރސިޓީއަކަށް ބަދަލްކުރުމުގެ ފުރަތަމަ މަރުޙަލާގައި ބޭނުންވާނެ މުހިއްމު ދިރާސާތައް ހެދުމުގެ މަސައްކަތްތައްވެސް ފަށާފައިވާކަމަށާއި،ކުއްލިއްޔާގެ ޢިލްމީ އަދި އިދާރީ މުވައްޒަފުންގެ ޤާބިލްކަން އިތުރުކުރުމުގެ އެކިއެކި ޕްރޮގްރާމްތައްވެސް މިހާރު ކުރިއަށް ދާކަމަށް އެމިނިސްޓްރީން ބުނެއެވެ. އެކަމަށްޓަކައި އެޑިޔުކޭޝަން މިނިސްޓްރީއާއި، ކޮލެޖް އޮފް އިސްލާމިކް ސްޓަރޑީޒްއާއި، ރައީސް އޮފީސް ތަމްސީލުކުރާ ފަރާތްތައް ހިމެނޭގޮތަށް ކަމާބެހޭ މަތީ ފެންވަރުގެ ޚާއްސަ ކޮމިޓީއެއް އެކުލަވާލައި، އެކޮމިޓީގެބައްދަލްވުންތައްވެސް ކުރިއަށްދާކަމަށް އިސްލާމިކް މިނިސްޓްރިން މަޢުލޫމާތުދެއެވެ.


 
ވަރކްޝަޕުން ނެރެވޭ ނަތީޖާ އާއި، ނިންމުންތައް ސަރުކާރާއި ޙިއްސާކޮށް، ފުރިހަމަ ފެންވަރުގެ ރަނގަޅު ޔުނިވަރސިޓީއެއް ޤާއިމްކުރެވޭނެ ގޮތުގެ ތަސައްވަރެއް އެވޯކްސޮޕުން ފެނިގެންދާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.