ޚަބަރު

އަޑު ނީވޭ މީހުންނާ ވެސް ވާހަކަދައްކަން އެނގޭ 187 މީހުން


އަޑުއިވުމުން މަޙްރޫމްވެފައިވާ މީހުންނަށް އަމާޒްކޮށްގެން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމެލީން ކުރިއަށް ގެންދާ "ސައިން ލެންގުއޭޖް ޓްރޭނިންގ" ޕްރޮގްރާމް މެދުވެރިކޮށް މިހާތަނަށް 187 މީހުން ތަމްރީންކޮށްފައިވާ ކަމަށް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމެލީން ހާމަކޮށްފިއެވެ. މި ޕްރޮގްރާމް ފާއިތުވި 2 އަހަރުވެސް ހިންގާފައިވާއިރު މިއަހަރުވެސް ސައިން ލެންގުއޭޖް ޓްރޭނިންގ ކުރިއަށް ގެންދާނެކަމަށް އެމިނިސްޓްރީން ބުނެއެވެ. 

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން ކުރިއަށް ގެންދާ "ސައިން ލެންގުއޭޖް ޓްރެއިނިންގ" ޕްރޮގްރާމް ވެގެން ގޮސްފައިވަނީ އަޑުއިވުމުން މަޙްރޫމްވެފައިވާ މީހުންނަށް އާ އުއްމީދެއް ގެނެސްދިން ޕްރޮގްރާމަކަށެވެ. މިޕްރޮގްރާމްގެ ސަބަބުން މިދިޔަ އަހަރު ވެގެންދިޔައީ އަޑުއިވުމުން މަޙްރޫމްވެފައިވާ މީހުންގެ ޙަޔާތަށް ބޮޑު ބަދަލެއްގެނުވި އަހަރަކަށެވެ. ޢާއްމު ދިރިއުޅުމުގައި އެހެން މީހުންނެކޭ އެއްފަދައިން އެފަދަ މީހުންނަށްވެސް ފުރުސަތުތައް ފަހިވެގެން ދިޔަ ކަމަކަށް މިކަން ވިއެވެ. އެގޮތުން "ސައިން ލެންގުއޭޖް" ޕްރޮގްރާމް މެދުވެރިކޮށް 187 މީހުން ތަމްރީންކޮށް އެމީހުންގެ ޚިދުމަތް ދަނީ ލިބެމުންނެވެ. މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ވިދާޅުވީ މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުވެސް ސައިން ލެންގުއޭޖް ޓްރެއިނިންގ ޕްރޮގްރާމްތައް ކުރިއަށްގެންދަން މަސައްކަތް ކުރައްވަމުން ދާކަމަށެވެ.

އަޑު އިވުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނާ މުޢާމަލާތްކުރުމުގެ ހުނަރު ސަރުކާރުގެ މުއައްސަސާތަކާއި ޞިއްޙީ ދާއިރާއާއި ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް މި ޕްރޮގްރާމްގައި ވަނީ ފޯރުކޮށްދީފައެވެ. މީގެ އިތުރުންވެސް އިންވެސްޓިގޭޓިވް އޮފިސަރުންނާއި ކައުންސިލް އިދާރާތަކުގެ މުވައްޒަފުންނާއި ޢާއްމު އިޖްތިމާޢީ ޚިދުމަތްތެރިންނާއި، އެހެނިހެން ޚިދުމަތްދޭ މީހުން މިކަމަށް ތަމްރީންކޮށްފައިވާ ކަން ފާހަގަކުރެވެއެވެ. އަޑުއިވުމުން މަޙްރޫމްވެފައިވާ މީހުންނަށް މި ޕްރޮގްރާމްގެ ސަބަބުން ކުރެވޭ އުއްމީދު ޕީއެސްއެމްނިއުސްއާ އެމީހުންވަނީ ޙިއްޞާކޮށްފައެވެ.

" ކުރީގަ މީހުންނާ ވާހަކަދެއްކުމުގަ ވަރަށް ގިނަ އުނދަގޫތަކެއް ދިމާވޭ، ފަސޭހައެއް ނޫން މީހުންނާ ވާހަކަދައްކަން. އަހަރެމެންނަށް ވަރަށް ބޮޑު ހައިރާންކަމެއް ލިބޭ މިހާރު މީހުން އަހަރެމެންނާ ވާހަކަދައްކަން ސައިންލެންގުއޭޖް ދަސްކުރަމުންދާތީ. ވަރަށް އުފާވޭ އެކަމާ" އަޑުއިވުމުން މަޙުރޫމްވެފައިވާ މީހަކު އިޝާރާތުގެ ބަހުރުވައިން ބުންޏެވެ.

އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުނަށް ޚިދުމަތް ދިނުމަށް އެކި މޭޒުތަކާއި ކޮޓަރިތަކުން ބައްދަލުވާ އެކި މުއައްސަސާތަކާއި އޮފީސްތަކުގެ މީހުންނަށް އެމީހުންނަށް ޚިދުމަތްދިނުމަށްވެސް ބޮޑު ލުޔެއް މިކަމުގެ ސަބަބުން ލިބިފައިވާކަން އެފަދަ ބައެއް ޚިދުމަތްތެރިންވަނީ ފާހަގަކޮށްފައެވެ.

ޖެންޑަރ މިނިސްޓްރީން ޚާއްސަ އިސްކަމެއްދީގެން ފެށި ސައިން ލެންގުއޭޖް ޕްރޮގްރާމްގެ ސަބަބުން އަޑު އިވުމުން މަޙްރޫމްވެފައިވާ މީހުންނަށްވެސް ޢާއްމު އިޖުތިމާޢީ ކަންކަމުގައި ބައިވެރިވެ އަމިއްލަ ދިރިއުޅުން އެހެން މީހުންގެ އެހީއަށް ބަރޯވާންޖެހޭ މިންވަރު ކުޑަކުރުމުގެ ފުރުސަތުވަނީ ފަހިވެފައެވެ. އަދި ރަނގަޅު ޚިދުމަތެއް ފޯރުކޮށް ދިނުމަށް ކުރިމަތިވި ގޮންޖެހުންތަކަށް ކޮންމެވެސް ވަރެއްގެ ހައްލެއްމިވަނީ ލިބިފައެވެ.