ސިއްހަތު

ހުރިހާ ހޮސްޕިޓަލެއް ގުޅާލުމުގެ މަސައްކަތް މިއަހަރު ނިމޭނެ


 ރާއްޖޭގެ ސިއްޙީ ނިޒާމު އިލެކްޓްރޯނިކް ނިޒާމެއްގެ ތެރެއިން ބެލެހެއްޓޭނެގޮތް ހެދުމުގެ މަސައްކަތްކުރަމުންދާކަމަށް މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ ވިދާޅުވީ މިނިޒާމްގެ މަސައްކަތް ނިންމާ މިއަހަރު ބޭނުންކުރަން ފަށާނެކަމަށެވެ.

ސިއްޙީ ދާއިރާ އިތުރަށް ހަރުދަނާކޮށް ދިގުމުއްދަތަކަށް ރައްކާކުރަންޖެހޭފަދަ މަޢުލޫމާތާއި ތަފާސްހިސާބު ރައްކާކުރެވޭނެ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް ހެލްތް މިނިސްޓްރީންދަނީ ކުރަމުންނެވެ. ރާއްޖެ އުފެދިފައިވާގޮތުން ގިނަ ރަށްތަކެއްގައި ސިއްޙީ ޚިދުމަތްދޭ ގިނަ ތަންތަން ހުރުމުގެ ސަބަބުން އެތަންތަނުގެ މަޢުލޫމާތު އެންމެ ރަނގަޅުގޮތުގައި ބެލެހެއްޓުމަށްވަނީ ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިވެފައެވެ. އެގޮތުން ބަލިމީހުންގެ މަޢުލޫމާތާއި ބޭހައި ބެހޭ މަޢުލޫމާތުގެ އިތުރުން ރާއްޖޭގައި އިތުރުވަމުންދާ އެކި ބަލިތަކުގެ ތަފާސް ހިސާބުތައް ބެލެހެއްޓުމަކީ މަސައްކަތް ބޮޑު ދަތިކަމެއްކަން ހެލްތް މިނިސްޓްރީން ފާހަގަކުރެއެވެ. ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ އިލެކްޓްރޯނިކް ނިޒާމެއްގެ ދަށުން ސިއްޙީ ދާއިރާގެ ކަންކަން ބެލެހެއްޓުމަށް ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. މި ނިޒާމުގެ ދަށުން އެއްވެސް ސެންޓަރަކަށް ބޭނުންވާ ކެމިކަލް ފަދަ ވަސީލަތްތައް މަދުވާނަމަ ކައިރި ސެންޓަރުތަކުން އެވަސީލަތްތައް ފޯރުކޮށްދޭނެކަމަށެވެ.

"ހެލްތްގެ ޚިދުމަތްތައް ފެންވަރު ރަނގަޅުކޮށް ދެމެހެއްޓެވި ގޮތެއްގައި ޚަރަދު ކުޑަކޮށްދިނުމަށްޓަކާއި ޓެކްނޮލޮޖީ މިނިޒާމްގެތެއަށް ގެނައުމުގެ މަސައްކަތްދަނީ ކުރެވެމުން." މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވިއެވެ.

ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން  ޤާއިމްކުރާ މި ނިޒާމްގެ ސަބަބުން ސިއްޙީ ޚިދުމަތްދޭއެކި ސެންޓަރުތަކާއި ހޮސްޕިޓަލްތަކުގެ ސްޓޮކް ބެލެހެއްޓޭނެކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ. ސިއްޙީ ދާއިރާގެ ކަންކަން ސެންޓްރަލީ ކޮންޓްރޯލްކުރެވޭނެ ގޮތަށް ފަރުމާކުރާ މިނިޒާމުގައި ހުރިހާ ރައްޔިތުންގެ މެޑިކަލް ހިސްޓްރީ އާއި މިދާއިރާގެ އެކި ކަންކަމުގެ ތަފާސް ހިސާބު ދެމެހެއްޓެނިވި ގޮތެއްގައި ރައްކާކުރެވޭނެއެވެ. ސިއްޙީ ނިޒާމު އިތުރަށް ހަރުދަނާކޮށް ބެލެހެއްޓުމަށްޓަކައި ޤާއިމްކުރާ މި ނިޒާމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ނިމޭނެކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.