ޚަބަރު

ބިދޭސީން ގެނައުމަށް ބޭނުންވާ ވިސާ އޮންލައިންކޮށް


މިއަދުން ފެށިގެން "ބިޒްނަސް ވީސާ"އާއި "ސްޕެޝަލް ވީސާ"އަށް އެދި ހުށަހަޅަން ޖެހޭނީ އީމެއިލް މެދުވެރިކޮށްކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހަމަޖައްސައިފިއެވެ.

މިކަން ހާމަކޮށް މޯލްޑިވްސް އިމިގްރޭޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ "ބިޒްނަސް ވިސާ" އާއި "ސްޕެޝަލް ވިސާ"ގެ ދަށުން ރާއްޖެ ގެނެއުމަށް ބޭނުންވާ ބިދޭސީންގެ ވިސާ އެޕްލިކޭޝަން ފޯމާއި ފޯމާއެކު ހުށައަޅަންޖެހޭ ލިޔުންތައް، އެ ބިދޭސީއަކު ރާއްޖެއައުމަށް ހަމަޖެހިފައިވާ ތާރީޚުގެ 5 ދުވަސް ކުރިން [email protected] އަށް އީމެއިލް ކުރުމަށެވެ. އަދި އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށައަޅާއިރު، ކޮންމެ އެޕްލިކޭޝަނެއްވެސް ފޮނުވާނީ ވަކި އީމެއިލެއްގެ ގޮތުގައި ކަމަށްވެސް އިމިގްރޭޝަނުން ބުނެފައިވެއެވެ. 

މިގޮތަށް މެއިލްކުރުމުން، ވީޒާ އެޕްރޫވްވެފައިވާކަން ނުވަތަ ނޫންކަން ބަޔާންކޮށް އީމެއިލެއް މެދުވެރިކޮށް ޖަވާބު ލިބޭނެކަމަށްވެސް އިމިގްރޭޝަނުން ބުނެއެވެ. އަދި އީމެއިލް މެދުވެރިކޮށް ފޯމް ހުށައެޅިޔަސް، ފޯމާއެކު ހުށައަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުވާނަމަ، ނުވަތަ ފޯމުގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ފުރިހަމަ ނުވާނަމަ، އެ އެޕްލިކޭޝަނެއް ބާތިލްވާނެކަމަށްވެސް އިމިގްރޭޝަނުން ހާމަކުރެއެވެ. 

މީގެ އިތުރުން، ވިސާ އެޕްރޫވްވެފައިވާކަމުގެ އީމެއިލް ލިބުމުން، ބިދޭސީމީހާ ރާއްޖެ އައުމުގެ 1 ގަޑިއިރުކުރިން ވިސާ އެޕްލިކޭޝަން ފޯމާއި ފޯމާއެކު ހުށައަޅަންޖެހޭ ލިޔުންތަކުގެ އަޞްލު، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުންނަ މޯލްޑިވްސް އިމިގްރޭޝަންގެ އޮފީހަށް ހުށަހަޅާ، ވީޒާ ފީ ދެއްކުމަށްވެސް މޯލްޑިވްސް އިމިގްރޭޝަނުން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.