ޚަބަރު

މިއަހަރުގެ "ޔޫތް ޗެލެންޖް 2018" ފެބްރުއަރީމަހު ބާއްވަނީ


ޒުވާނުންނަށް ވަޒީފާއާއި މަތީ ތަޢުލީމުގެ ގިނަ ފުރުޞަތުތަކާއެކު ވިހާވެސް ތަފާތު ގޮތަކަށް މިއަހަރުގެ ޔޫތް ޗެލެންޖު ބޭއްވުމަށް މަސައްކަތް ކުރަމުންދާކަމަށް މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސްއިން ބުނެފިއެވެ. ޔޫތް ޗެލެންޖް 2018 ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަންނަ ފެބްރުއަރީ މަހުގެ 8 އިން 10 އަކަށް ދަރުބާރުގޭގައެވެ.

ޔޫތް ޗެލެންޖަކީ ޒުވާނުންގެ ފަންނުވެރިކަމާއި ހުނަރު ދައްކާލުމާއި، މަތީ ތަޢުލީމާއި ވަޒީފާގެ ފުރުޞަތުތަކާއި ބެހޭ ގޮތުން މައުލޫމާތު ދިނުމަށް 1999 އިން ފެށިގެން ޔޫތް މިނިސްޓްރީން ބާއްވަމުން އަންނަ ހަރަކާތެކެވެ. މިހަރަކާތުގެ ތެރެއިން ތަޢުލީމާއި މަސައްކަތުގެ މައިދާނުގައި ހުރި ފުރުޞަތުތަކާބެހޭ މަޢުލޫމާތު ވިހާވެސް ގިނަ ޒުވާނުންނަށް އެއްތަނަކުން ފޯރުވައިދެއެވެ. އެގޮތުން މިއަހަރުގެ ޔޫތް ޗެލެންޖް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަންނަ ފެބްރުއަރީ މަހުގެ 8 އިން 10 އަކަށް ދަރުބާރުގޭގައެވެ.



ޔޫތް ޗެލެންޖަށް ވަމުންދާ ތައްޔާރީތަކާއި ގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޔޫތް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ޢަލީ ޒަކީ މުޙައްމަދު ވިދާޅުވީ، މި ހަރަކާތުގައި ސްޓޯލްތައް ބައިވެރިކުރަން ބޭނުންވާ ފަރާތްތަކަށް އެކަން ހިލޭ ކުރެއްވޭނެ ކަމަށެވެ. ސްޓޯލްތައް ބޭނުންވާ ފަރާތްތަކަށް، އެކަމަށް އެދުމުގެ ފުރުޞަތު މިމަހުގެ 31 ގެ ނިޔަލަށް ޔޫތް މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ. ޒަކީ ވިދާޅުވީ، ސްޓޯލްތައް ދޫކުރުމުގައި މިނިސްޓްރީގެ މައިގަނޑު ވިސްނުމަކީ، ތަނުގެ ޖާގައަށް ބެލުމަށްފަހު، ވީ އެންމެ ގިނަ ފަރާތްތަކަކަށް ސްޓޯލްތައް ދޫކުރުން ކަމަށެވެ.

"ޔޫތް ޗެލެންޖަށް މިހާ ޝަޢުގުވެރިކަމާއި، ތަރުހީބު ލިބެމުންދަނީ ސަރުކާރުގެ ފަރާތުން ދިވެހި ޒުވާނުންނަށް އޮތް ފުރުޞަތެއްގެ ގޮތުގައި، މިކަން މިކުރަނީ 100 ޕަސެންޓް ސަރުކާރުގެ ހަރަދުގައި. އަންނަ ފަރާތްތަކުގެ އަތުން އެއްވެސް ފީއެއް ނުނަގާ. ޖުމްލަކޮށް ބުނެވޭނީ މިއީ އަންނަ ފަރާތްތަކަށް ހިލޭ ލިބިގެންދާ ވަރަށް ބޮޑު ފުރުޞަތެކޭ. ހާއްސަކޮށް އަޅުގަނޑު ފާހަގަކޮށްލަން ބޭނުން ޒުވާން ވިޔަފާރިވެރިންނާއި، ޒުވާން އުފެއްދުންތެރިންގެ އުފެއްދުންތައް އިޝްތިހާރުކުރުމުގެ ފުރުޞަތުވެސް މި ހަރަކާތުގެ ތެރެއިން ލިބިގެންދާނެ" ޢަލީ ޒަކީ ވިދާޅުވިއެވެ.



ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޔޫތް މިނިސްޓްރީގެ ކޯޑިނޭޓަރ ޙުސެއިން އަމީން ވިދާޅުވީ، ސަރުކާރުގެ މުއައްސަސާތަކާއި، ވުޒާރާތަކާއި، ވިޔަފާރި ކުންފުނިތަކާއި، މަދަނީ ޖަމްއިއްޔާ ޖަމާއަތްތަކުގެ ބައިވެރިވުމާއި، އެފަރާތްތަކުގެ އެހީތެރިކަމާއެކު މިފަހަރުގެ ޗެލެންޖަކީވެސް ކުރީ އަހަރުތަކަށްވުރެ ކާމިޔާބު ޗެލެންޖަކަށް ހެދުމަށް މިނިސްޓްރީން މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން މިއަހަރުގެ ޗެލެންޖުގައި ބައިވެރިކުރާ ސްޓޯލްތަކުންވެސް އެކި އެކި ދާއިރާތަކުން ޒުވާނުންނަށް ހުރި ވަޒީފާއާއި، ތަޢުލީމުގެ ފުރުޞަތުތަކާއި، އިންޓާންޝިޕްތަކާއި، އެޕްރެންޓިސް ޕްރޮގްރާމްތަކާބެހޭ މަޢްލޫމާތު ހިއްސާކުރާނެކަމަށެވެ."ޔޫތް ޗެލެންޖްގެ އެންމެ ބޮޑު މަޤްޞަދަކީ ޒުވާނުންގެ ތެރޭގައި ތިބި ހުނަރުވެރިން، ފަންނުވެރިން، މީގެއިތުރުން ޒުވާނުންގެ ތެރޭގައި ތިބި ވަޒީފާއެއް ބޭނުންވެފައި ތިބި އެ ފުރުޞަތު ތަނަވަސްކޮށްދެވޭނެ މަގުފަހިކޮށްދިނުން. މިނިސްޓްރީން މިކަން އިންތިޒާމްކޮށްގެން ކުރިއަށްގެންދާއިރު އެންމެ ބޮޑު މަޤްޞަދެއްގެ ގޮތުގައި މި ބަލަނީ ސަރުކާރުގެ އޮފީސްތަކާއި، ކުންފުނިތަކާއި، ރިސޯޓްތަކާއި، އަދި އެނޫންވެސް އެކި އެކި ދާއިރާތަކުން ޒުވާނުންނަށް ހުރި ފުރުޞަތުތަކަކީ ކޮބާތޯ ބަލައި، އެފަދަ ފަރާތްތައް އެއް ފުރާޅެއްގެ ދަށަށް ގެނެސް، ޒުވާނުންނަށް އެއްވެސް ކަހަލަ ފީއަކާއި ނުލާ މިތަނަށް ވަޑައިގެން، ވަޒީފާތަކަށް އެޕްލައިކޮށް، އެ ފުރުޞަތު ފަހިކޮށްދިނުން" އަމީން ވިދާޅުވިއެވެ.



އާއްމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ "ޔޫތް ޗެލެންޖް 2018" މިއަންނަ ފެބްރުއަރީ މަހުގެ 8 އިން 10 އަކަށް ކޮންމެ ދުވަހެއްގެ ހަވީރު 4 އިން 6 އަކަށް، އަދި ރޭގަނޑު 8 އިން 10 އަކަށް ދަރުބާރުގޭގައި ކުރިއަށްދާނެކަމަށް ޔޫތް މިނިސްޓްރީން ބުނެއެވެ. މިފަހަރުގެ ޗެލެންޖުންވެސް ބޮޑެތި ތަފާތުތަކެއް ފެނިގެންދާއިރު، މި ހަރަކާތުގައި ވިހާވެސް ގިނަ ޒުވާނުން ބައިވެރިވުމަކީ ޔޫތް މިނިސްޓްރީގެ އެދުމެކެވެ.