ދުނިޔެ

ރެފިއުޖީން ދޫކޮށްނުލާނެކަމަށް ޔުނަރވާއިން ބުނެފި


ފަލަސްތީނުގެ ރެފިއުޖީންނަށް އިންސާނީ އެހީ ދިނުމުގައި ހަރަކާތްތެރިވާ އދގެ އެޖެންސީއަށް ދޭ އެހީ އެމެރިކާއިން ކުޑަކުރިނަމަވެސް ފަލަސްތީނުގެ ރެފިއުޖީން ދޫކޮށްނުލާނެކަމަށް އެ އޭޖެންސީން ބުނެފިއެވެ.

ތަރުޖަމާން ސާމީ މުޝްޢިޝް ވިދާޅުވީ އެ ޖަމިއްޔާއަށް ދޭ މާލީ އެހީ އެމެރިކާއިން ކިތަންމެ ކުޑަކުރިނަމަވެސް އެ އޭޖެންސީ އިނދަ ނުޖެހޭނެ ކަމަށާއި، ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރެފިއުޖީންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގައި އެ އޭޖެންސީން ޒިންމާ އުފުލާނެކަމަށެވެ.

ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވަރކްސް އެޖެންސީ ފޯ ޕަލެސްޓައިން ރެފިއުޖީސަށް (ޔުނަރވާ) އެމެރިކާ ސަރުކާރުން ދޭ ހިލޭ އެހީގެ ތެރެއިން ސަތޭކަ ފަންސަވީސް މިލިޔަން ޑޮލަރު މި އަހަރު އުނިކުރުމަށް އެމެރިކާ ސަރުކާރުންވަނީ ނިންމާފައެވެ.

މިއީ ޔުނަރވާގެ އަހަރީ ބަޖެޓްގެ ގާތްގަނޑަކަށް ވިހި އިންސައްތައެވެ.

އުނިވާ ފައިސާ އެހެން ޤައުމުތަކުން ހޯދަން މަސައްކަތް ކުރާކަމަށް  އެ ޖަމިއްޔާގެ ތަރުޖަމާން ސާމީ މުޝްޢިޝް ވިދާޅުވިއެވެ.

ތުރުކީވިލާތުންވަނީ "ޔުނަރވާ" އެޖެންސީ އަށް އިތުރު އެހީ ދޭނެކަމުގެ ޔަޤީންކަން ދީފައެވެ.

"ޔުނަރުވާ" އިން އިންސާނީ އެހީ ދެނީ ފަލަސްތީނުގެ އެތެރޭގައި ދިރިއުޅޭ ފަލަސްތީން ރެފިއުޖީންނަށާއި ލުބްނާން، ސޫރިޔާ، އުރުދުން ފަދަ އަވަށްޓެރި ޤައުމުތަކުގައި ދިރިއުޅޭ ފަލަސްތީން ރެފިއުޖީންނަށެވެ.