ޚަބަރު

ފަސް ހޮސްޕިޓަލެއްގައި އަލަށް ދަތުގެ ފަރުވާދޭން ތައްޔާރުވެއްޖެ


ފަސް ހޮސްޕިޓަލެއްގައި އަލަށް ދަތުގެ ފަރުވާ ދިނުމަށް ތައްޔާރުވަމުން އަންނަކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.

ދަތުގެ ފަރުވާ ދިނުމަށް ތައްޔާރުވަމުން ދަނީ ބ.އަތޮޅާއި، ޅ.އަތޮޅާއި، ހއ.އަތޮޅާއި ގއ.އަތޮޅުގެ އިތުރުން ފުވައްމުލައް ސިޓީގައެވެ. ހެލްތް މިނިސްޓްރީން ބުނީ، މި ފަސް ހޮސްޕިޓަލުގެ ތެރެއިން ފުރަތަމަ މިޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހއ.އަތޮޅު ހޮސްޕިޓަލްގައި ކަމަށެވެ.

ދަތުގެ ފަރުވާ ފެށުމަށްޓަކައި ހއ.އަތޮޅު ހޮސްޕިޓަލްގައި ޑެންޓަލް ޗެއާއާއި ޑެންޓަލް އެކްސްރޭ މެޝިނާއި، އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަށް ބަހައްޓައި އިންސްޓޯލްކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ. ކުރިއަށް އޮތް ދެ މަސްދުވަހުގެތެރޭގައި ޚިދުމަތް ދޭން ފެށޭވަރު ވާނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

ހއ.އަތޮޅު ހޮސްޕިޓަލުގައި ދަތުގެ ފަރުވާގެ ޚިދުމަތް ދޭން ފެށުމުން، ދަތާ ގުޅުހުންހުރި ހުރިހާ ފަރުވާއެއް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. ދެވަނަ ދަރަޖައިގެ ޚިދުމަތް ދެމުން ގެންދާ ހއ.އަތޮޅު ހޮސްޕިޓަލަކީ 25 އެނދުގެ ހޮސްޕިޓަލެކެވެ. މި ހޮސްޕިޓަލުން އަންހެނުންގެ ބަލިތަކާއި، ކުޑަކުދިންގެ ބަލިތަކާއި، ކަށީގެ ބަލިތަކާއި، ފިޒިއޮތެރަޕީގެ ޚިދުމަތް ލިބެން ހުރެއެވެ.

 ހއ އާއި ހދ އަތޮޅުން ދުވާލަކަށް 100 އަށްވުރެ ގިނަ މީހުން ހޮސްޕިޓަލުން ޚިދުމަތް ހޯދަމުން އަންނަ ކަމަށް ހއ. އަތޮޅު ހޮސްޕިޓަލުން ބުނެއެވެ.