ދުނިޔެ

ލަންޑަންގައި ޢިމާރާތްކުރި އެމެރިކާގެ ބިއްލޫރި އެމްބަސީ!


އިނގިރޭސިވިލާތުގެ ލަންޑަންގައި ޢިމާރާތްކުރި އެމެރިކާގެ އައު އެމްބަސީ ޢާއްމުންނަށް ފުރަތަމަ ފަހަރަށް ހުޅުވާލައިފިއެވެ.

ލަންޑަންގެ ދެކުނުން އޮންނަ ސަރަޙައްދެއްގައި ޢިމާރާތްކުރި އެމެރިކާގެ އައު އެމްބަސީއަކީ ހަތަރެސްކަން ބިއްލޫރި ކިއުބެއްގެ ބައްޓަމަށް ހުންނަ ޢިމާރާތެކެވެ. ބާރަ ފަންގިފިލާގެ މިޢިމާރާތަކީ އެމެރިކާގެ ފިލިޑެލްފިއާއަށް ނިސްބަތްވާ ކުންފުންޏަކުން ފަރުމާކޮށްފައިވާ ޢިމާރާތެކެވެ. 800 އެއްހާ މުވައްޒަފުންނަށް މިޢިމާރާތުގައި މަސައްކަތްކުރެވޭއިރު، 1000 އެއްހާ ޢާއްމުން ކޮންމެދުވަހަކުވެސް މިތަނަށް ޒިޔާރަތްކުރާނެކަމަށް ލަފާކުރެއެވެ.

img:http://s1.psmnews.mv/images/660x400/15161051744567.jpg|ލަންޑަންގައި ޢިމާރާތްކުރި އެމެރިކާގެ އައު އެމްބަސީ

ބިއްލޫރިން ޢިމާރާތްކޮށްފައިވާ މިޢިމާރާތަށް ބިލިއަނަކަށްވުރެ ގިނަ ޑޮލަރު ހޭދަވިއިރު، އެފައިސާ ހަމަޖައްސާފައިވަނީ ލަންޑަންގައި ހުރި އެމެރިކާ ސަރުކާރުގެ ބައެއް މުދަލާއި ތަންތަން ވިއްކާލުމަށްފަހުކަމަށް ޙަބަރުތައް ބުނެއެވެ.

ލަންޑަންގައި އެމެރިކާގެ އަގުބޮޑު، ރީތި އެމްބަސީއެއް ހުޅުވިނަމަވެސް، އެޤައުމުގެ ރައީސް ޑޮނާލްޑް ޓްރަމްޕް ހުންނެވީ އެކަމާ ވަރަށް ބޮޑަށް ހިތްޕުޅުހަމަނުޖެހިފައެވެ. ޓްރަމްޕް ވިދާޅުވީ ކުރިން ހުރި އެމްބަސީގެ ބަދަލުގައި އަގުބޮޑު އެމްބަސީއެއް ޢިމާރާތްކުރުމަކީ ބޭކާރު ޚަރަދެއްކަމަށެވެ. އަދި އެމްބަސީ ރަސްމީކޮށް ހުޅުވައިދޭން އެމަނިކުފާނު ވަޑައިގަންނަވާނޭކަމަށް އުއްމީދު ނުކުރުމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/15161051465542.jpg|ލަންޑަންގައި ކުރިން ހުރި އެމެރިކާގެ އެމްބަސީ / މިތަން ސަލާމަތީގޮތުން އެހާ ރައްކާތެރިތަނެއް ނޫންކަމަށް ބުނޭ

ލަންޑަންގައި ކުރިން ހުރި އެމްބަސީގެ ބަދަލުގައި އައު އެމްބަސީއެއް ޢިމާރާތްކުރުމަށް ނިންމީ 2008 ވަނަ އަހަރު ޖޯޖް ޑަބްލިޔު ބުޝްގެ ސަރުކާރުންނެވެ. މައިގަނޑު ސަބަބަކީ ޓެރަރިޒަމްގެ ބިރު އޮތް މިންވަރާ އަޅާބަލާއިރު ކުރިން ހުރި ޢިމާރާތަކީ އެހާ ރައްކާތެރިތަނަކަށް ނުވާތީއެވެ.

img:http://s4.psmnews.mv/images/660x400/15161050986484.jpg|ލަންޑަންގައި ހުންނަ އެމެރިކާގެ އައު އެމްބަސީ / މިއީ ތިމާވެއްޓާއި ރަހުމަތްތެރި ޢިމާރާތެއް

އައު ޢިމާރާތް ސަލާމަތީގޮތުން ވަރުގަދައިރު، ޢިމާރާތް ފަރުމާކޮށްފައިވަނީ ތިމާވެއްޓާއިވެސް ރަހުމަތްތެރިގޮތަކަށެވެ. ޢިމާރާތުގައި ސޯލާ ޕެނަލްތައް ހަރުކޮށްފައިވާއިރު ވާރޭ ފެން ނެގޭނެ ނިޒާމެއްވެސް ވަނީ ޤާއިމްކޮށްފައެވެ.