ޚަބަރު

ޓެކްސީއަށް އިތުރު ފަސިންޖަރަކު އެރުވުމަކީ މަނާކަމެއް!


ޓެކްސީގައި މީހަކު އިންދާ އިތުރު ފަސިންޖަރަކު އެރުވުން މަނާކޮށް ޓެކްސީ ޤަވާއިދަށް ބަދަލު ގެނެސްފިއެވެ.

ޚިދުމަތް ހޯދާފަރާތުގެ އިތުރުން، އެހެން މީހުން ޓެކްސީއަށް އަރުވާ މައްސަލަ މީގެ ކުރިން ދިމާވެ ޢާއްމުންގެ ޝަކުވާތައް އިތުރުވަމުން ދިއުމާ ގުޅިގެން ޓްރާންސްޕޯޓް އޮތޯރިޓީންވަނީ ޚިދުމަތް ހޯދާ ފަރާތުގެ ހުއްދައާއެކު އިތުރު ފަސިންޖަރަކު ޓެކްސީއަށް އެރުވޭނެ ގޮތް ހަމަޖައްސާފައެވެ. ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ، ޓެކްސީގައި ދަތުރުކުރާ ފަސިންޖަރުންގެ އިތުރުން އެހެން މީހަކު ޓެކްސީއަށް އެރުވުން މަނާކުރީ، ޓެކްސީގައި ދަތުރުކުރާ ފަސިންޖަރުންގެ ހުއްދަ ނެތި އިތުރު މީހުން ޓެކްސީއަށް އަރުވަމުންދާކަމުގެ ޝަކުވާތައް އެއޮތޯރިޓީއަށް ލިބެމުންދިއުމާ ގުޅިގެންކަމަށެވެ.

މިޤަވާއިދަށް ގެނައި އިސްލާހަށް މިއަދުން ފެށިގެން ވަނީ ޢަމަލުކުރަން ފަށާފައެވެ. ޓެކްސީ ޤަވާއިދުގައިވާގޮތުން ޤަވާއިދާ ޚިލާފުވާ ފަރާތްތައް ފުރަތަމަ ފަހަރު 500ރ އިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ދެވަނަ ފަހަރަށް ޤަވާއިދާ ޚިލާފުވެއްޖެނަމަ 1000ރ އިން ޖޫރިމަނާ ކުރެވޭނެއެވެ. އިތުރަށް ތަކުރާރުވާނަމަ ހުއްދަ ބާތިލުކުރުމުގެ ބާރު ޓްރާންސްޕޯޓް އޮތޯރިޓީއަށް މި ޤަވާއިދުގެ ދަށުން ވަނީ ދީފައެވެ.