ވިޔަފާރި

ޓެކްސް ނުދައްކައިގެން 15 ކުންފުންޏެއް ގޮވައިގެން މީރާއިން ކޯޓަށް


ދައުލަތަށް ދައްކަންޖެހޭ ޓެކްސް ނުދައްކައިގެން މިހިނގާ ޖެނުއަރީ މަހު އެކަނިވެސް 15 ކުންފުންޏެއްގެ މައްސަލަ މީރާއިން ކޯޓަށް ހުށަހަޅައިފިއެވެ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ވެބްސައިޓްގައި ވާގޮތުން، ދައުލަތައް ޓެކްސް ނުދައްކައިގެން މީރާއިން ސިވިލްކޯޓަށް ހުށެހެޅި މި 15 މައްސަލަވެސް އެ ކޯޓުން ވަނީ ބަލައިގެންފައެވެ. 

މި މައްސަލަތަކުން ދައުލަތައް ލިބެންޖެހޭ ފައިސާގެ އަދަދު 21.9 މިލިއަން ރުފިޔާއަށް އަރައެވެ. މީރާއިން ސިވިލްކޯޓަށް ހުށެހެޅި މި މައްސަލަތަކަށް ބަލާއިރު، އެންމެ ގިނައީ ޖީއެސްޓީ އަދި ބިޒްނަސް ޕްރޮފިޓް ޓެކްސް ނުދައްކައިގެން ހުށަހަޅާފައިހުރި މައްސަލަތަކެވެ. މީރާއިން ގެންދަނީ ދައުލަތަށް ޓެކްސް ނުދައްކާ ފަރާތްތަކުގެ މައްސަލަތައް ހަމަޖެހިފައިވާ އުސޫލްގެ ދަށުން ކޯޓަށް ހުށަހަޅަމުންނެވެ.

މިކަމާއި ގުޅޭގޮތުން ދައުލަތުގެ ޓެކްސް އިދާރާއިން ބުނެފައިވަނީ، ވިޔަފާރީގެ ބާވަތާއި ސައިޒާއި ދައްކަންޖެހޭ ފައިސާގެ ބާވަތާއި ވިޔަފާރިކުރާ ފަރާތުގެ އެހެނިހެން ހައިސިއްޔަތުތަކަށް ބިނާކޮށް މީރާއިން އެފަރާތަކާމެދު ފިޔަވަޅު އެޅުމުގައި އެއްވެސް ތަފާތުކުރުމެއް ނުގެނެގުޅޭކަމަށެވެ. ފައިސާ ހޯދުމުގައާއި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި މީރާއިން އަމަލުކުރަނީ، ޓެކްސް ނެގުމާ ބެހޭ އިދާރީ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާފައިވާ ޤަވާއިދާއި އެންފޯސްމަންޓް ޕޮލިސީއާ އެއްގޮތަށް ކަމަށް މީރާއިން ބުނެއެވެ.