ޚަބަރު

ސިއްހީ ދާއިރާއިން މީހުން ބިނާކުރުމަށް ޓިވެޓުން ކޯސްތަކެއް ފަށަނީ


ޞިއްޙީ ދާއިރާއަށް ބޭނުންވާ ފަންނީ މީހުން ތަމްރީންކުރުމަށް މިއަހަރުގެ ތެރޭގައި އިތުރު ކޯސްތަކެއް ފެށުމަށް ހަމަޖެހިފައިވާކަމަށް ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރެއިނިންގ އޮތޯރިޓީ، ޓިވެޓް އޮތޯރިޓީން ބުނެފިއެވެ. 

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޓިވެޓް އޮތޯރިޓީގެ ޑިރެކްޓަރ އައިމިނަތު އަސްރާ ވިދާޅުވީ، ރާއްޖޭގައި ފަންނުވެރި އުފެއްދުންތެރި ދަރިންތަކެއް ބިނާކުރުމަކީ އެ އޮތޯރިޓީގެ އެންމެ މުހިއްމު އެއް އަމާޒުކަމަށެވެ. އެގޮތުން ސްކޫލް ދައުރުން ފެށިގެން ކުދިންނަށް ބޭނުންވާ މަސައްކަތުގެ ފަންނުވެރިކަމާއި، ހުނަރާއި ތަމްރީން ފޯރުކޮށްދިނުމަށް އެ އޮތޯރިޓީން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން އަސްރާ ފާހަގަކުރެއްވިއެވެ. އަސްރާ ވިދާޅުވީ، ދިވެހި މަސައްކަތްތެރިން އެންމެ ބޮޑަށް ބޭނުންވެފައިވާ އެއް ދާއިރާކަމަށްވާ ސިއްހީ ދާއިރާއަށް ބޭނުންވާ ފަންނުވެރިން ތަމްރީން ކުރުމަށްޓަކާ މިއަހަރު އިތުރު ކޯސްތަކެއް ފެށުމަށް އެ އޮތޯރިޓީން ތައްޔާރުވަމުންދާކަމަށެވެ. މި ކޯސްތަކުގެ ތެރޭގައި ލެބޯޓްރީ ޓެކްނީޝަނުން ފަދަ ޓެކްނިކަލް ދާއިރާތަކަށް ހާއްސަ ކޯސްތަކެއް ހިމެނޭނެކަމަށްވެސް އަސްރާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް އެބަފާހަގަކުރެވޭ ސިއްހީ ދާއިރާގައި ވަރަށް ގިނަ އަދަދެއްގެ ފުރުޞަތުތައް އެބަހުރި ޒުވާނުންނަށް ވަޒީފާ އަދާކުރެވިދާނެ ނުވަތަ އާމްދަނީ ހޯދޭނެ. އެއީ ޓެކްނިކަލް ލެވެލްގައި. އަޅުގަނޑުމެން އެފަދަ ދާއިރާތައް ފާހަގަކޮށް، އެ ދާއިރާތަކަށް މީހުން އެބަ ތަމްރީންކުރުމަށް މިހާރު ކަރިކިއުލަމް އެކުލަވާލާ، ކޯސްތައް ފެއްޓުމަށް ތައްޔާރުވަމުން މިދަނީ. އޭގެ ތެރޭގައި ހިމެނޭ ލެބޯޓްރީ ޓެކްނީޝަނުން، ރޭޑިއޯގްރަފީ ފަދަ ދާއިރާތައް. މިއީ މިއަހަރު އަލަށް ފައްޓާނެ ކޯސްތަކެއް" އަސްރާ ވިދާޅުވިއެވެ. 

ޓިވެޓް އޮތޯރިޓީން ތަފާތު 42 ދާއިރާއަކުން 142 ކޯހެއް މިހާރުވެސް އަންނަނީ ހިންގަމުންނެވެ. މީގެތެރޭގައި ގިނައީ އެއްވެސް ވަރަކަށް ކުދިން އަތުން ފީއެއް ނެގުމެއް ނެތި ހިންގާ ކޯސްތައްކަން ފާހަގަކޮށްލަންޖެހެއެވެ. އަދި އެ އިތޯރިޓީން ހިންގާ ކޯސްތަކަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ މިންގަނޑުތަކަށް ފެތޭ ކޯސްތަކެއްކަންވެސް ފާހަގަކޮށްލަންޖެެއެވެ.