ރާއްޖޭގައި ޢަރަބި ތަޢުލީމް ފުޅާކުރުމަށް ސަޢޫދީ ސަރުކާރުން ވެދޭ އެހީގެ ދަށުން 36 ޓީޗަރަކު މިއަހަރު ރާއްޖޭގައި ކިޔަވައިދެއްވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ. ސަޢުދީއިން މިއަހަރު ރާއްޖެއަށް އަންނަ 36 ޓީޗަރުންގެ ތެރެއިން 18 ޓީޗަރުން މިހާރު ތިބީ ރާއްޖޭގައެވެ. އެޑިއުކޭޝަން މިނިސްޓަރު ޑރ.ޢާއިޝަތު ޝިހާމް ވަނީ އެޓީޗަރުންނާ ބައްދަލުކުރައްވާފައެވެ.
ސަޢޫދީ ޢަރަބިއްޔާއިން ރާއްޖެއަށް ފޮނުވި ޓީޗަރުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ.ޢާއިޝަތު ޝިހާމް ވަނީ ރާއްޖެގެ ތަޢުލީމީ ނިޒާމަށް ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ދެއްވާ އެހީތެރިކަމަށް ޝުކުރުއަދާކޮށްފައެވެ. މިނިސްޓަރ ވިދާޅުވީ މި ސަރުކާރުގެ ތަޢުލީމީ މެނިފެސްޓޯގައި އޮތް އެއްކަމަކީ ރާއްޖޭގައި އިސްލާމީ ވަޙްދަތު ދެމެހެއްޓުންކަމަށެވެ. ބައެއް ސްކޫލްތަކުގައި ޢަރަބިބަސް ކިޔަވައިދެމުންގެންދާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެ ޚިދުމަތް އިތުރަށް ފުޅާކުރެއްވުމުގެ މަސައްކަތް ކުރައްވާކަމަށެވެ.
"ރާއްޖޭގެ އުތުރާއި ދެކުނުގައި މިހާރު ދެ ސްކޫލެއްގައި ޢަރަބި މީޑިއަމަށް ކިޔަވައިދެމުން ގެންދޭ. މިގޮތަށް ކިޔަވއިދިނުމުގެ ތެރޭގައިވެސް އެ ސްކޫލްތަކަށްވެސް އިތުރު ޓީޗަރުން ފޮނުވައި ޢަރަބި މާއްދާއެއްގެ ގޮތުގައި ކިޔަވައިދެމުން ގެންދާނެ. ސްކޫލްތަކުގައި ގްރޭޑް އެކަކުން ހަތަކަށް ޤްރުޢާން މަޖުބޫރު މާއްދާއަކަށް ވެސް ހަދާފައިވާނީ. މިއަހަރުތެރޭގައިވެސް އެ މިނިސްޓްރީގެ އަމާޒަކަށް ވާނީ މި ޚިދުމަތް ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް ފުޅާކުރުން" އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޝިހާމް ވިދާޅުވިއެވެ.
ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ.އަބްދުﷲ ނަޒީރު ވިދާޅުވީ ރާއްޖޭގައި ޢަރަބި މީޑިއަމަށް ކިޔަވައިދޭ ސްކޫލްތަކުގައި ކިޔަވައިދިނުމަށް މިޞްރުގެ އަލްއަޒުހަރު ޔުނިވަސިޓީގެ ފަރާތުން ސްޕެޝަލިސްޓް ޓީޗަރުންގެ ޓީމެއްވެސް މި ހަފުތާގައި ރާއްޖެއަށް އަންނާނެ ކަމަށެވެ.
"މިފަހަރު ސްޕެޝަލިސްޓް ޓީޗަރުންވެސް ސްކޫލްތަކަށް ފޮނުވާނެ. މިސްރުންވެސް ޓީޗަރުން ރެކްރޫޓްކޮށްފައި ނޫރާނީ ސްކޫލަށް މި ފޮނުވަނީ. އަޒްހަރުގެ މިޝަންވެސް ބުދަދުވަހު ރާއްޖެ އަންނާނެ. އަޒްހަރު މިޝަންގެ ދެވަނަ ގުރޫޕް އަންނަމަހު ރާއްޖެއަންނާނެ" ސްޓޭޓް މިނިސްޓަރ ޑރ.އަބްދުﷲ ނަޒީރު ވިދާޅުވިއެވެ.
ރާއްޖޭގެ އިސްލާމީ ވަޙްދަތު ދެމެހެއްޓުމަށް ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތްތަކުގައި ޢަރަބި ދުނިޔޭގެ ޤައުމުތަކުގެ ޝައުގުވެރިކަން އޮތްކަން އެޑިއުކޭޝަން މިނިސްޓްރީން ފާހަގަކުރިއެވެ.
ސަޢޫދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން 36 ޓީޗަރުން ރާއްޖެއަށް މިއަހަރު ގެންނައިރު މިދިޔަ އަހަރުވެސް އެޤައުމުން ވަނީ 18 ޓީޗަރުން ރާއްޖެއަށް ފޮނުވާފައެވެ.
ރާއްޖޭގެ 65 ސްކޫލެއްގައި ޢަރަބި މާއްދާއެއްގެ ގޮތުގައި މިހާރު ކިޔަވައިދެމުން ގެންދެއެވެ. އަދި ދިހަ ހާހަށްވުރެ ގިނަ ދަރިވަރުން ޢަރަބި މާއްދާއެއްގެ ގޮތުގައި ކިޔަވަމުންދާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.