ޚަބަރު

މިއަހަރު 28 ރަށެއްގެ އިންޖީނުގެ ރީލޮކޭޓް ކުރާނެ - ފެނަކަ


މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރި އިންޖީނުގެތަށް މީހުން ދިރިނޫޅޭ ސަރަހައްދަށް ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިއަހަރު 28 ރަށެއްގެ އިންޖީނުގެ ބަދަލުކުރާނެކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ. އިންޖީނުގެތަށް ބަދަލުކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ތިން ފިޔަވައްސަކަށް ބަހާލައިގެން ނެވެ.



މިމަސައްކަތުގެ ދަށުން މިއަހަރު ބަދަލުކުރުމަށް ނިންމާފައިވާ 28 ރަށުގެ އިންޖީނުގެ އެޅުމަށް ހަމަޖެހިފައިވަނީ ޕްރީ ފްބްރިކޭޓްކޮށް، ރާއްޖެއިން ބޭރުން ގެނެސް ރާވާލެވޭ ގޮތަށެވެ. ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ޝަރީފް ވިދާޅުވީ ފެނަކައިން އެންމެ އިސްކަންދީގެން މިއަހަރު ކުރުމަށް ހަމަޖެހިފައިވާ އެއް މަޝްރޫޢުއަކީ އިންޖީނުގެތަށް ރީލޮކޭޓް ކުރުމުގެ މަސައްކަތް ކަމަށެވެ. އަދި މިމަސައްކަތް ކުރުމަށް ހަމަޖައްސާފަވަނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި 10 ރަށުގެ އިންޖީނުގެ ރީލޮކޭޓް ކުރުމަށް ވަނީ ނިންމާފައެވެ.

''ފުރަތަމަ ފޭސްގައި 10 ރަށެއްގެ އިޢުލާން ކުރުމުގެ މަގުމަތީގައި ވަނީ. ބިމުގެ ރަޖިސްޓްރީ ހަދާ އީއައިއޭ ހެދުމުގެ މަސައްކަތް އެބަ ކުރިޔަށް ދޭ'' ޝަރީފް ވިދާޅުވިއެވެ.



ބައެއް ރަށްރަށުގައި އާންމުން ދިރިއުޅޭ ސަރަހައްދުތަކުގައި އިންޖީނުގެ ހުރުމުން ރައްޔިތުންނަށް ވަރަށް ބޮޑަށް އުނދަގޫ ވާކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެއެވެ. އެހެންކަމުން އިންޖީނުގެތަށް މީހުން އުޅޭ ސަރަހައްދާ ދުރު ހިސާބުތަކަށް ބަދަލުކުރުމުގެ މަސައްކަތް، އިސްކަން ދީގެން ކުރަމުންދާ ކަމަށް ފެނަކައިން ބުނެއެވެ. އަދި ކޮންމެ އިންޖީނުގެއަކަށް ގާތްގަޑަކަށް 4 މިލިއަން ރުފިޔާއާއި 5 މިލިއަން ރުފިޔާ އާއި ދެމެދުގެ އަދަދަކަށް ޚަަރުދުވާނެ ބެލެވެއެވެ. ފެނަކައިން ރާއްޖޭގެ 151 ރަށެއްގައި ކަރަންޓުގެ ޚިދުމަތް ދެމުން ގެންދާއިރު އެކުންފުނިން ބުނީ ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމަށް ގިނަ ރަށްރަށުގެ ޖަނަރޭޓަރުތަށް އޯވަހޯލްކުރުމުގެ މަސައްކަތްވެސް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

''ގިނަ ރަށްރަށުގައި ޖަނަރޭޓަރުތަށް ހުރީ އޯވަހޯލްކުރަންޖެހިފަ. އަޅުގަނޑުމެންގެ ޓާގެޓަކީ މިއަހަރު ރޯދަމަސް ފެށުމުގެ ކުރިން ނިންމާލުން. ރޯދަމަސްތެރޭގައި ކަރަންޓުގެ ސަބަބުން ރައްޔިތުންނަށް އެވެސް ދަތި އުނދަގުލެއް އުފުލަން ނުޖެހޭ ގޮތަށް ފެނަކައިން އިންތިޒާމުކުރުން'' ފެނަކައިގެ މެނޭޖިންގ ޑައިރެކްޓަރ ޝަރީފް ވިދާޅުވިއެވެ.



ފެނަކަ ކޯޕަރޭޝަނުން ރަށްރަށުގައި ދޭ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތުުގެ ދަށުން ބެކަޕް ޖަނަރޭޓަރުތަށް ހޯދުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް އެކުންފުނިން ބުނެއެވެ.