ކުޅިވަރު

15 އަހަރަށްފަހު އީގަލްސް ދޫކޮށް، ޝާކިރު އެފްއޭއެމްއަށް


15  އަހަރަށް ފަހު ކުލަބު އީގަލްސް ދޫކޮށް، އެ ޓީމުގެ އެސިސްޓެންޓް ކޯޗު އަހުމަދު ޝާކިރު އެފްއޭއެމަށް ބަދަލުވެއްޖެއެވެ.

ޝާކިރު މިކަން އިއުލާނު ކުރަމުން ބުނީ އީގަލްސްއިން ވަކިވީނޫން ކަމަށާއި، ނަމަވެސް މިވަގުތަކީ ޓީމުގެ ކޯޗިންގ ޓީމާ ވަގުތީގޮތުން ދުރަށްދާން ރަނގަޅު ވަގުތެއް ކަމަށެވެ.

ޔޫތު ޗެމްޕިއަންޝިޕް ޖެހިޖެހިގެން ތިން އަހަރު އީގަލްސް އަށް ހޯދައިދިން ކޯޗު ބުނީ ކުރިއަށް އޮތްތަނުގައި ފެނިގެންދާނީ އެފްއޭއެމުގެ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ކޯޗެއްގެ ގޮތުން ކަމަށެވެ. އަދި އީގަލްސް އަކީ އޭނާ އެންމެ ލޯބިވާ ކުލަބު ކަމަށްވާތީ އެކުލަބުން ކުރިމަގުގައި ވެސް ފެނުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

އީގަލްސް އަށް ކުޅެ، އެކުލަބުގެ ކެޕްޓަންކަން ވެސް ކުރި ޝާކިރު ކުލަބާ ވަކިވިއިރު އީގަލްސްގެ ކޯޗެއްގެ ގޮތުގައި މިދިޔަ ތިން އަހަރު މަސައްކަތް ކުރި އިހުސާން އަބުދުލްގަނީ (ސާންތީ) ވަނީ އެފްއޭއެމުގެ 19 އަހަރުން ދަށުގެ ޓީމުގެ ކޯޗުކަމާ ހަވާލުވެފައެވެ.

މި އަހަރު އީގަލްސްގެ ކޯޗެއްގެ ގޮތުން ފެނިގެންދާނީ ސާންތީއާ އެކު އެފްއޭއެމާއި ޤައުމީ ޓީމުގައި މަސައްކަތްކުރި ނިއުރޭޑިއަންޓްގެ ކުރީގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން)އެވެ. ޝާކިރު ބުނީ މޯހަން އާއި އޭނާގެ ޓީމަށް ކާމިޔާބު ލިބުމަށް އެދޭ ކަމަށެވެ.