ޚަބަރު

ސީޝެލްސްގެ މަސް ބޯޓެއް ކޯސްޓްގާޑުގެ ބެލުމުގެދަށަށް ގެންގޮސްފި


ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ކަނޑުގެ ސަރަޙައްދުން ސީޝެލްސްގެ މަސް ބޯޓެއް ކޯސްޓްގާޑުގެ ބެލުމުގެދަށަށް ގެންގޮސްފިއެވެ.

އެމްއެންޑީއެފް ކޯސްޓްގާޑްގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ"އެފްވީ ވިކެޑް ޓޫނާ 01" ނަމަކަށްކިޔާ ސީޝެލްސްގެ މަސް ބޯޓެކެވެ. 

މި ބޯޓުއެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މިއަދު މެންދުރު11:45 ހާއިރު ލ.ކައްދޫގެ ހުޅަނގުން 38 ނޯޓިކަލް މޭލު ބޭރުންނެވެ. މި ބޯޓާ ބެހޭމަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ދީފައިވަނީ އެސަރަޙައްދުގައި މަސްވެރިކަންކުރަން އުޅުނު އުޅަނދަކުން މިއަދު 10:30 ހާއިރުއެވެ.

ސީޝެލްސްގެ މަސްބޯޓުގެ ކެޕްޓަނާ ހަވާލާދީ އެމްއެންޑީއެފް ކޯސްޓްގާޑުން ބުނީ، މި މަސްބޯޓް ދަތުރުކުރަމުން ދިޔައީ ސްރީލަންކާއިން ފުރައިގެން ސީޝެލްސްގެ ޕޯޓް ވިކްޓޯރިއާ ބަނދަރަށް ކަމަށެވެ. މި މަސްބޯޓުގައި ސްރީލަންކާގެ 6 މީހުން ތިބި އިރު، ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ކަނޑުގެ ސަރަޙައްދަށް އެމީހުން ވަދެފައިވަނީ ރާއްޖޭގެ ކަމާބެހޭ އިދާރާތަކުން ނަގަން ޖެހޭ ހުއްދަ ނުނަގާކަމަށް އެމްއެންޑީއެފުން ބުނެއެވެ.