މިހާރު ރާއްޖެ އައިސް އުޅޭ ޔޫރަޕިއަން ޔޫނިއަންގެ ވަފްދާއެކު ސަރުކާރުން ބޭއްވި މަޝްވަރާތަކުގެ ނަތީޖާ މި އަހަރުގެ ތެރޭގައި ފެންނާނެކަމަށް ރާއްޖެއިން އިޔޫއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު ޝިއާން ވިދާޅުވެއްޖެއެވެ.
މިހާރު ރާއްޖޭގައި އުޅޭ އީޔޫގެ ވަފްދުން މިއަދު ވަނީ ފޮރިންގ މިނިސްޓަރ ޑރ.މުޙައްމަދު ޢާޞިމާއި، ފިޝަރީޒް މިނިސްޓަރ ޑރ.މުޙައްމަދު ޝައިނީ އާއި ޖެންޑަރ މިނިސްޓަރ ޒެނީޝާ ޝަހީދު ޒަކީއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުންތަކުގައި މައިގަޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ އީޔޫ އާއި އިތުރަށް ގުޅުން ބަދަހިކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުންކަމަށް ސަފީރު ޝިއާން ވިދާޅުވިއެވެ. އެގޮތުން ވިޔަފާރީގެ ދާއިރާއިން ޔޫރަޕްގައި ހުރި ފުރުޞަތުތަކާ ގުޅޭގޮތުން ރާއްޖޭގެ ވިޔަފާރިވެރިންނަށް މަޢުލޫމާތު ހިއްސާކޮށްފައިވާކަން ޝިއާން ފާހަގަކުރެއްވިއެވެ. އަދި ވިޔަފާރިވެރިންނަށް ޔޫރަޕްގައި ދިމާވާ ދަތިތަކާއި އެކަންކަން ހައްލުކުރެވޭނެ ދާއިރާތަކާއި، ދިވެހި ކިޔަވާ ކުދިންނަށް ޔޫރަޕްގެ ޔުނިވާސިޓީތަކުގައި ހުރި ފުރިޞަތުތަކާއި، ރާއްޖޭގެ މުއައްސަސާތަކަށް ބޭނުންވާ އިންސާނީ ވަޞީލަތް ތަރައްޤީކޮށް ހުނަރު އިތުރުކުރުމަށް އެހީވެދެވޭނެ ދާއިރާތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވާކަމަށް ޝިއާން ވިދާޅުވިއެވެ. މީގެއިތުރުން ކައުންޓަރ ޓެރަރިޒަމާ ގޫޅޭ ގޮތުން މަޝްވަރާކޮށް އޭޝިއާ ޕެސިފިކްސަރަޙައްދުގައި ބާއްވާ ކައުންޓަރ ޓެރަރިޒަމްގެ ބައްދަލުވުމުގައި ބައިވެރިވުމަށް ރާއްޖެއަށް އިޔޫ ވަފްދުން ދައުވަތު ދީފައިވާކަމަށް ސަފީރު ވިދާޅުވިއެވެ.
" މި މަޝްވަރާތަކުގައި ރާއްޖެއިން ސެކިއުރިޓީ ކައުންސިލް މެންބަރަކަށްވުމަށް އީޔޫއިން އެހީތެރިވެދޭނެ ގޮތްތަކާ އެއްބާރުލުންދިނުމާ ގުޅޭގޮތުން މަޝްވަރާކުރެވުނު" އަޙްމަދު ޝިއާން ވިދާޅުވިއެވެ.
އީޔޫގެ ވަފްދުން ވަނީ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރާއި ،ބަންޑާރަ ނާއިބު މުޙައްމަދު އަނިލްއާއިވެސް ބައްދަލުކުރުމަށް ހަމަޖެހިފައިވެއެވެ. އަދި ރާއްޖޭގެ ސިޔާސީ ޕާޓިތަކުގެ އިސްވެރިންނާއި ބައްދަލުކުރާނެކަމަށްވެސް ޝިއާން ވިދާޅުވިއެވެ. ޝިއާން ވިދާޅުވީ ރާއްޖެއާއި އީޔޫއާ ދެމެދު އޮތީ ވަރަށް ގާތް ގުޅުމެއްކަމަށާއި، އަދި މި އަހަރުގެ ތެރޭގައި ދިވެހިންނަށް ފައިދާހުރި ދާއިރާތަކުން ގުޅުން ބަދަހިކުރެވޭނެކަމަށް ވިދާޅުވިއެވެ.އީޔޫގެ ވަފްދާއެކު ދިވެހި ސަރުކާރުން ކުރިއަށް ގެންދިޔަ ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެވުނު ކަންކަން މިއަހަރުގެ މޭމަހުގެ ތެރޭގައި އޮންނަ އީޔޫ ޕޮލިސީ ޑައިލޮގްގައި އިތުރަށް މަޝްވަރާކޮށް އަމަލީ ސިފަ ގެނައުމަށް މަސައްކަތް ކުރާނެކަމަށް އީޔޫއަށް ކަނޑައަޅުއްވާފައި ހުންނަ ރާއްޖޭގެ ސަފީރު އަޙްމަދު ޝިއާން ވިދާޅުވިއެވެ.