ދުނިޔެ

ސްރީލަންކާގެ ރިޔާސީ ދައުރަކީ 5 އަހަރު- ސުޕްރީމް ކޯޓު


ސްރީލަންކާގެ ރިޔާސީ ދައުރުގެ މުއްދަތާމެދު އޮރުން އަރާފައިވާ ކަންކަން ސާފުކޮށްދިނުމަށް އެދި ރައީސް މައިތިރިޕަލަ ސިރިސޭނާ، އެ ޤައުމުގެ ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައެއް ބެލުމަށްފަހު، ރިޔާސީ ދައުރުގެ މުއްދަތަކީ ފަސް އަހަރުކަމަށް ސްރީލަންކާގެ ސުޕްރީމް ކޯޓުން ނިންމައިފިއެވެ.

މިކަމާ ބެހޭގޮތުން ސުޕްރީމް ކޯޓުން ނިންމި ނިންމުމުގައިވަނީ ނަވާރަ ސަތޭކަ ހަތްދިހަ އަށްވަނަ އަހަރު ސްރީލަންކާގައި ޢަމަލުކުރަންފެށި އާ ޤާނޫނު އަސާސީގެ ދަށުން ރިޔާސީ ދައުރުގެ މުއްދަތަކީ ހަ އަހަރުކަމަށް އޮތްކަމުގައިވިޔަސް، އެކަން ބަދަލުކުރުމަށްޓަކައި ދެހާސް ފަނަރަވަނަ އަހަރު ޤާނޫނު އަސާސީއަށް ގެނައި އިސްލާޙުގައި، ވެރިކަމުގެ ދައުރު ފަސް އަހަރަށް ކުޑަކޮށްފައިވާތީ، މިހާރު ސްރީލަންކާގެ ރިޔާސީ ދައުރެއްގެ މުއްދަތަކީ ފަސް އަހަރު ކަމަށެވެ.

މި މައްސަލަ ރައީސް ސިރިސޭނާ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ، ޤާނޫނު އަސާސީގައި ވަކިގޮތަކަށް އޮއްވާ ގެނައި އިސްލާޙުގައި ފުށުއެރުންތަކެއް ހުރިކަމަށް ޤަބޫލުފުޅުކުރައްވައި، އެ ކަން ސާފުކުރުމުގެ ގޮތުންކަމަށް ސްރީލަންކާގެ ރިޔާސީ އިދާރާއިން ބުނެއެވެ.

 ސިރިސޭނާ ރައީސްކަމުގެ ހުވާ ކުރައްވާފައިވަނީ 2015 ވަނަ އަހަރެވެ.

އެހެންކަމުން، ސުޕްރީމް ކޯޓުގެ ނިންމުމާ އެއްގޮތަށް، 2020 ވަނަ އަހަރު އޭނާގެ ދައުރު ނިމޭނެއެވެ.