ތަޢުލީމު

ދިރާސީ އަހަރު 2018 - ތަޢުލީމީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް


މިދިރާސީ އަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު، ފެންވަރު ރަގަޅު ތަޢުލީމެއް ފޯރުކޮށްދިނުންކަމަށާ، ރާއްޖޭގެ ބައެއް ސްކޫލްތަކާއި، މާލޭގެ ސްކޫލްތައް ގުޅުވާލައި، ސްޓޭޓް އޮފް ދަ އާރޓް ޓެކްނޮލޮޖީގެ ވިއުގައިގެ އެހީގައި ކިޔަވައިދިނުމުގެ މަސައްކަތް ފެށޭނެކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

މިންސްޓަރ މިހެން ވިދާޅުވީ 2018 ވަނައަހަރުގެ ދިރާސީ އާ އަހަރު ފެށްޓެވުމުގެގޮތުން ދެއްވި ޚިތާބުގައެވެ. 

އެޑިއުކޭޝަން މިނިސްޓަރުގެ ޚިތާބުގައި ވިދާޅުވެފައިވަނީ ތަހުޒީބު މުޖުތަމަޢެއް ބިނާކުރުމަށް ފާއިތުވި 4 އަހަރުދުވަހުގެތެރޭގައި ނަތީޖާ ޙާސިލްކުރެވުނު ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ. އެގޮތުން ދަރިވަރުންނަށް ދެވޭ ތަޢުލީމުގެ ފެންވަރު ޔަގީންކުރުމަށް، ސްކޫލްތަކުގައި، އުގެނުމާއި އުގަންނައިދިނުމުގެ މަސައްކަތުގެ ފެންވަރު ބަލައި، ވަޒަންކުރަމުންދާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި ނިޒާމު ހަރުދަނާކުރުމަށް ކުރަންޖެހޭ ކަންކަން ފާހަގަކުރެވި، އެކަންކަން ހަރުދަނާކޮށް ތަރައްޤީކުރުމަށް ގިނަ މަސައްކަތްތަކެއްވަނީ ކުރެވިފައެވެ. ސްކޫލްތަކުގެ ހިންގުން ހަރުދަނާކޮށް، ދަރިވަރުންނަށް ފަހިކޮށްދޭންޖެހޭ ފުރުސަތުތައް ފުޅާ ދާއިރާއެއްގައި ފަހިކޮށްދީފައިވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ސްކޫލްތަކަކީ ދަރިވަރުންނަށް އުފާވެރި ތަނަކަށް ހެދުމަށް، ސްކޫލްތަކުގެ ވަސީލަތްތައް ހަމަކޮށްދިނުމަށާއި، ސްކޫލްތަކުގެ ޖާގަ ތަނަވަސްކޮށްދިނުމަށް ކާމިޔާބު ބުރަ މަސައްކަތްތަކެއްވަނީ ކޮށްފައިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މީގެ އިތުރަށް ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް މީގެކުރިން ސަމާލުކަން ނުދެވޭ މިންވަރަށް ފާއިތުވީ 4 އަހަރުދުވަހުގެތެރޭގައި ސަމާލުކަންދީފައިވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ދަރިވަރުންގެ ސިއްހީ ކަންކަން ބެލުމާއި، ތަޢުލީމުން އެއްވެސް ކުއްޖަކު މަހްރޫވް ވެދާނެފަދަ ކަމެއް މެދުވެރިވޭތޯ ދުރާލައި ބަލައި، ދަރިވަރުން ރައްކާތެރިކުރުމަށް ޚާއްސަ ފިޔަވަޅުތައް އަޅަމުން ގޮސްފައިވާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެއްވެސްކުއްޖަކު ބާކީ ނުކުރާނެކަމަށް ސަރުކާރުންވީ ވަޢުދުގެ ދަށުން، ސްކޫލްތަކުގައި ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔެވޭނެ ފުރުސަތު ފަހިކޮށްދީ، އެ ދަރިވަރުންނަށް ކިޔައިދިނުމަށް ޚާއްސަ ހުނަރުތައް ލިބިދީފައިވާ ޓީޗަރުން ތަމްރީނުކޮށްފައިވާކަމާއި، ފާއިތުވީ 4 އަހަރުދުވަހުގެތެރޭގައި މަތީ ތަޢުލީމުގެ ދަރިވަރުންގެ އެންރޯލްމަންޓް 19  އިންސައްތައިން 32 އިންސައްތައަށް އިތުރު ކުރެވުނުއިރު ތަފާތު ދާއިރާތަކުން 5200 ދަރިވަރަކަށް މަތީ ތަޢުލީމު ޙާސިލްކުރުމުގެ ފުރުސަތު ފަހިކޮށްދެވިފައިވާކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. 

އެޑިއުކޭޝަން މިނިސްޓަރުގެ ޚިތާބުގައި ވަނީ ކިޔަވައިދިނުމުގައި ޓެކްނޮލޮޖީ ބޭނުންކުރާ މިންވަރު އިތުރުކުރުކޮށް ދަރިވަރުންނާއި ޓީޗަރުން އީޖާބީގޮތެއްގައި ބައިވެރި ކުރުމަށް ރާއްޖޭގެ ހުރިހާ ސްކޫލެއްގައި އިންޓަރނެޓް ލިބޭނެ ގޮތްހަމަޖައްސައި، ވައިފައިކޮށް، ހިލޭ މިޚިދުމަތް ލިބޭނެ އިންތިޒާމުވެސް މިއަހަރުގެ ތެރޭގައި ހަމަޖެހިގެންދާނެކަމަށް ވިދާޅުވެފައިވައެވެ. އަދި ތަޢުލީމީ ދާއިރާގެ ކަންތައްތައް ނިންމުމަށް ބޭނުންވާ ތަފާސްހިސާބު އެއްކޮށް ބެލެހެއްޓުމާއި، ދަރިވަރުންގެ ހާޒިރީ ބެލުމުގެ ކަންތައްތައް އެޑިޔުކޭޝަން މެނޭޖްމަންޓް ސިސްޓަމެއްގެ ތެރެއިން ކުރެވޭނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"މިއަދުގެ ދަރިވަރުންނަކީ މުސްތަޤުބަލަށް ތައްޔާރުކުރެވޭ ޒިންމާދާރު ބަޔަކަށް ވާންޖެހޭތީ، ދުނިޔެ ކުރިއަރައި، ތަރައްޤީވަމުންދާ މިންވަރަށް، އެކަމުގެ މަޢުލޫމާތާއި ހުނަރު އަޅުގަނޑުމެންގެ ދަރިވަރުންގެ ކިބައިގައި އަށަގަންނުވަންޖެހޭނެކަމަށް ގަބޫލުކުރަން. އެހެންކަމުން، މި އަހަރުގެ ދިރާސީއަހަރު ސްކޫލްތަކުގައި، ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ކިޔަވައިދޭން ފެށޭނެ. މިގޮތަށް ބޭނުންކުރެވޭ ވަސީލަތް ވެގެންދާނީ، އެ މައްޗަށް މުޅިން ބަރޯސާނުވާ، ޢާއްމު ތަޢުލީމުގެ އުސޫލްތަކުގެ ތެރެއަށް ފަހި ކުރެވޭ ކިޔަވައިދިނުމުގެ އިތުރު އެހީއަކަށް. އަދި މިފަދަ އެހީތައް ސްކޫލްތަކުގައި ތަޢާރަފްކުރެވޭނީ، ދަރިވަރުން އެފަދަ ވަސީލަތްތައް ބޭނުންކުރުމަށް އަހްލުވެރިކުރުވުމަށްފަހު." އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ. 

މިނިސްޓަރު ވިދާޅުވީ ޒަމާނަށް އަންނަ ބަދަލުތަކަށް އަހުލުވެރިވުމާއެކު، ފަންނީގޮތުން ކުރިއަށްދިޔުމަށްހުރި ހުރަސްތައް ނައްތާލައި، ޒަމާނީ ވަސީލަތްތައް މެދުވެރިކޮށް، ފަންނީ ތަމްރީނުތައް ހޯދުމުގެ ފުރުސަތު މިއަހަރުގެ ތެރޭގައި އިތުރަށް ފަހިކޮށްދޭނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި މުދައްރިސުންގެ ފަންނީ ތަމްރީނުތަކަށް މިހާތަނަށް ކުރިމަތިވެފައިއޮތް އެންމެބޮޑު ހުރަހަކީ ދަތުރު ފަތުރު ކުރުން ކަމަށްވާތީ، އޮންލައިންކޮށް، ތަފާތު ތަމްރީނު ޕްރޮގްރާމްތައް ހެއްދެވުމަށް "އެޑިޔުދާލަ" ގެ ނަމުގައި ޚާއްސަ އޮންލައިން ޕްލެޓްފޯމެއް މިހާރުވަނީ ގާއިމްކޮށްފައިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"މި ޕްލެޓް ފޯމް މެދުވެރިކޮށާއި، އަދި މިހާރުވެސް ފުޅާ ދާއިރާއެއްގައި ބޭނުންކުރާ ވީޑިއޯ ކޮންފަރެންސް ބޭނުންކޮށްގެން، މުދައްރިސުންނަށް ބޭނުންވާ ފަންނީ ތަމްރީނުތައް ފުޅާދާއިރާއެއްގައި މިއަހަރު ހިންގޭނެ." އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ. 

މިއަހަރުގެ ދިރާސީ އަހަރަކީ، ދަރިވަރުންގެ ކުރިއެރުމަށް، ތަޢުލީމީ ދާއިރާއިން މި ފާއިތުވީ 4 އަހަރު ކުރިއަށް ގެންދިޔަ ޕްރޮގްރާމްތަކުން، ދަރިވަރުންނަށް އޭގެ ހެޔޮ އަސަރުކުރި މިންވަރު ބަލައި، އަދި ފަހިކޮށްދިން ފުރުސަތުގެ ބޭނުންހިފި މިންވަރާއި ގޮތް އިތުރަށްބަލައި، ދަރިވަރުންނަށް ކުރިއަށް ދިއުމަށް އިތުރު ރޮނގުތައް ފަހިކޮށްދިނުމަށް މަސައްކަތްކުރާނެ އަހަރެއްކަމަށް ދިރާސީ އާއަހަރުގެ ޚިތާބުގައި އެޑިއުކޭޝަން މިނިސްޓަރުވަނީ ފާހަގަކުރައްވާފައެވެ.