ޚަބަރު

ވިލާ ކޮލެޖުގެ އޮރިއެންޓޭޝަން ޕްރޮގްރާމް ބާއްވައިފި


ވިލާ ކޮލެޖުން މިއަހަރު ފަށާ ކޯސްތަކުގައި ބައިވެރިވާ ދަރިވަރުންގެ އޮރިއެންޓޭޝަން ޕްރޮގްރާމް ބާއްވަައިފިިއެވެ. މިއީ އެކޮލެޖުގެ ދަރިވަރުންނަށް ކަލެޖުގަ ހުރި ވަސީލަތްތަކާއި އަދި ކިޔެވުމަށް ބޭނުންވާ މަޢުލޫމާތު ދިނުމަށް ކޮންމެ އަހަރަކުވެސް ބާއްވާ ބައްދަލުވުމެކެވެ. 

އޮރިއެންޓޭޝަން ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ވިލާ ކޮލެޖުގެ ރެކްޓަރ ޑރ. އަޙުމަދު އަންވަރު ވިދާޅުވީ ކޮލެޖުން ލިބެންހުރި ހުރިހާ ފުރުސަތުތަކެއްގެ ބޭނުން އެންމެ ފުރިހަމައަށް ހިފަންޖެހޭ ކަމަށެވެ. އަދި ވިލާ ކޮލެޖުގެ އެންމެ ބޮޑު ބޭނުމަކީ ދިވެހި ކިޔަވާ ކުދިންނަށް ބޭރުގެ މަޝްހޫރު ޔުނިވަރސިޓީތަކުން މަތީ ތަޢުލީމު ހާސިލްކުރެވޭނެ މަގު ފަހިކޮށްދިނުންކަމަށާއި، އެ ކޮލެޖްގައި ގިނަ ވަސީލަތްތައް ހުރުމާއިއެކު، ފުރުސަތުގެ ބޭނުން އެންމެ ރަނގަޅަށް ހިފުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.



މި ބައްދަލުވުމުގައި ވިލާ ކޮލެޖްގެ ޑެޕިއުޓީ ވައިސް ރެކްޓަރ-އެކަޑަމިކް އެންޑް ސްޓޫޑެންޓްސް ޑރ. ޢަބްދުއްﷲ ސޯދިޤް ވިދާޅުވީ މިއަހަރު ޖެނުއަރީގައި އެ ކޮލެޖުގައި ކިޔެވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ޖުމްލަ ހަސަތޭކައެއްހާ ދަރިވަރުން ރަޖިސްޓްރީވެފައިވާކަމަށެވެ.

:

ވިލާ ކޮލެޖުގެ އޮރިއެންޓޭޝަން ބައްދަލުވުމުގައި ވަނީ ސްޓޫޑަންޓް އެމްބެސެޑަރުންނަށް ސެޓްފިކެޓް ހަވާލުކޮށްފައެވެ. މިއަހަރުވެސް ވިލާ ކޮލެޖުން ތަފާތު ދާއިރާތަކުން، ސެޓްފިކެޓް ލެވެލް އިން ފެށިގެން މާސްޓާސް ޑިގްރީ ފެންވަރުގެ ކޯސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.