ވިޔަފާރި

މުހިންމު ޓެކްސް ތަކެއްގެ ސުންގަނޑި ހަމަވަނީ


އަންނަ ހޯމަދުވަހަކީ މުހިންމު ޓެކްސް ތަކެއް ދެއްކުމުގެ މުއްދަތު ހަމަވާ ދުވަސްކަމަށްވާތީ އެކަމަށް ސަމާލުވުމަށް ދައުލަތުގެ ޓެކްސް އިދާރާއިން އިލްތިމާސްކޮށްފިއެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނީ، އަންނަ ހޯމަ ދުވަހަކީ، ޖޫރިމަނައަކާ ނުލައި ހުސްވި ޑިސެމްބަރުމަހުގެ ރެމިޓަންސް ޓެކްސް ބަޔާން އަދި ޕޭމަންޓްގެ އިތުރަށް ވިތް ހޯލްޑިންގ ޓެކްސްގެ ޕޭމަންޓް ހުށަންޖެހޭ އެންމެ ފަހު ދުވަސްކަމަށެވެ.

ރެމިޓެންސް ޓެކުހަކީ "ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން" ދިވެހިރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއިން %3 ގެ ރޭޓުގައި ނެގޭ ޓެކުހެކެވެ. ވިތްހޯލްޑިން ޓެކްސްއަކީ ބިޒްނަސް ޕްރޮފިޓްގެ ތެރެއިން ދިވެހިރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ފަރާތަކަށް ދައްކާ ފައިސާއިން %10 ގެ ރޭޓްގައި ނަގާ ޓެކުހެކެވެ.

އަންނަ ހޯމަ ދުވަހަކީ، ޖޫރިމަނައަކާ ނުލައި، ޑިސެމްބަރުމަހުގެ ރެމިޓެންސް ޓެކްސް އާއި ވިތްހޯލްޑިންގ ޓެކްސްގެ އިތުރުން އެއަރޕޯޓް ޓެކްސް ޕޭމަންޓް ދެއްކުމުގެވެސް އެންމެފަހު ދުވަހެވެ.

މީރާގެ ޤައުމީ ޚިދުމަތުގައި 7 އަހަރު ފާއިތުވެދިޔައިރު، އެއޮތޯރިޓީން ވަނީ ޓެކްސްތައް ދެއްކުމުގައި ވިޔަފާރިތަކަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސައިދީފައެވެ. މީގެ ތެރޭގައި ވާރުކާޑު ތައާރަފްކޮށް އޮންލައިންގެ ޒަރީއާއިން ޓެކްސްތަކަށް ފައިސާދެއްކޭނެ އިންތިޒާމް ފާހަގަކޮށްލެވެއެވެ.