ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ކަނޑުގެ ސަރަހައްދުން ބޭރުގެ އިތުރު މަސް ބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
އެމްއެންޑީއެފްއިން މިއަދު ހެނދުނު މައުލޫމާތު ދިން ގޮތުގައި "ޗޮޓްޕަޓައްނާ 51" ނަމަކަށް ކިޔާ މި ބޯޓް އެމްއެންޑީއެފް ކޯސްޓްގާޑަށް ފެނިފައި ވަނީ ރޭ 20:50 ހާއިރު ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުން، އދ. މާމިގިލީ ހުޅަނގު ދެކުނުން 9 ނޯޓިކަލް މޭލު ބޭރުންނެވެ. މިބޯޓްގައި ސޯމާލިއާގެ ދިދައެއް ނަގާފައި ހުރި އިރު ތައިލެންޑުގެ 12 ފަޅުވެރިން މި ބޯޓްގައި ތިއްބެއެވެ. އަދި މި ބޯޓުގައި 250 ޓަނު މަސް ވެސް ހުރި ކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދެއެވެ.
އެމްއެންޑީއެފްއިން ބުނީ މި ބޯޓް ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދަށް ވަދެފައި ވަނީ ތެލާއި ކާބޯތަކެތި ބޭނުންވާ ކަމަށް ސަރުކާރުގެ ކަމާއި ބެހޭ ފަރާތްތަކުގައި ދަންނަވައި، ހުއްދަ ދިނުމުގެ ކުރިން ކަމަށެވެ. އެހެންކަމުން ބޯޓުގެ ޢަމަލުތައް ހުރިގޮތުން އިތުރަށް ބަލަންޖެހޭ ކަންތައްތަކެއް ހުރުމާއެކު މިބޯޓް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
މިބޯޓް މާލެ ގެނައުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން މިހާރު ކުރަމުންދާއިރު މި ބޯޓް މާލެ ގެނެވޭނެ ކަމަށް ލަފާ ކުރެވެނީ މިއަދު މެންދުރުފަހު 03:00 ހާއިރުއެވެ.
ސޯމާލިޔާގެ ދިދަ ޖަހާފައި އޮތް ބޯޓެއް އިއްޔެރޭވެސް ކޯސްޓްގާޑުންވަނީ އަތުލައިގެންފައެވެ. އެއީ "ޗޮޓްޕަޓައްނާ 55" ނަމަކަށްކިޔާ ބޯޓެކެވެ.