ޚަބަރު

ބޯޓްތައް ހޯދުމުގައި ކަނޑުދަތުރުކުރާ ފަރާތްތަކުގެ އެހީ ބޭނުން


ތޫފާން "އޯޗީ" ގައި ގެއްލުނު އިންޑިއާ އާއި ސްރީލަންކާގެ މަސް ބޯޓުތައް ހޯދުމަށް ކުރަމުންދާ މަސައްކަތުގައި ކަނޑުދަތުރުކުރާ އުޅަނދު ފަހަރުގެ އެހީރެތިކަން ދިނުމަށް އެމްއެންޑީއެފް ކޯސްޓްގާރޑުން އެދިއްޖެއެވެ.

އެމްއެންޑީއެފުން ބުނީ މިދިޔަ އަހަރު ފަހުކޮޅު މިސަރަޙައްދުގައި އުފެދުނު ތޫފާނު ''އޮޗީ''ގެ ސަބަބުން ސްރީލަންކާ އާއި އިންޑިއާގެ ގިނަ އަދަދެއްގެ މަސްވެރިންތަކެއް ގެއްލިފައިވާކަމަށެވެ. އަދި ގެއްލުނު އުޅަނދުތަކާއި މީހުން ހޯދުމަށް އިންޑިއާ އަދި ލަންކާ ސަރުކާރާއި ގުޅިގެން މަސައްކަތްކުރަމުންދާކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

ރާއްޖޭގެ އުތުރާ، އިރުމަތި އަދި އިރުއުތުރާ، ހުޅަނގު އުތުރަށް ދަތުރުކުރާ އުޅަނދުތަކާއި މަސްވެރި އުޅަނދުތަކުން މި ބޯޓްތައް ފެނޭތޯ ބަލައިދިނުމަށް އެމްއެންޑީއެފުން އެދެއެވެ. މިގޮތުން އެއްވެސް އުޅަނދެއް އަޑިއަށް ގޮސްގެންނާއި އަދި މިފަދަ އުޅަނދެއްގެ އެއްވެސް ބައެއް އޮޔާ ދަތުރުކުރާތަން ފެނިއްޖެ ނަމަ އެފެނުނު ހިސާބަކާއި ފެނުނު އެއްޗެއްގެ މަޢުލޫމާތު ލަސް ނުކޮށް އެމްއެންޑީއެފް ކޯސްޓްގާޑް ހިލޭ ގުޅޭ ނަމްބަރ 191 އަށް ގުޅާ އެ މައުލޫމާތު ހިއްސާކުރުމަށް އެމްއެންޑީއެފުން އެދެއެވެ. އަދި އިންސާނިއްޔަތާ ގުޅުން ހުރި މިފަދަ ކަންކަމުގައި މިހާތަނަށް ދިވެހި ރައްޔިތުންނާއި ޚާއްޞަކޮށް ދިވެހި މަސްވެރިންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި، އެއްބާރުލުން ފާހަގަކޮށް އެކަމަށް ޝުކުރު އަދާކުރާކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

ތޫފާން "އޯޗީ"ގައި ގެއްލުނު މަަސްބޯޓްތައް ހޯދުމުގެ މަސައްކަތްކުރަމުންދާއިރު އެ ތޫފާންގައި ހާލުގައި ޖެހުނު ލަންކާ ބޯޓެއް އޮޔާދަނިކޮށް  ދިވެހި ސިފައިންވަނީ އެހީތަރިކަން ފޯރުކޮށްދީފައެވެ. އަދި ބަނޑުން ޖަހާލާފައިވާ މަސްބޯޓެއް ރާއްޖޭ ސަރަހަދުން ދިވެހި މަސްވެރިންގެ ބަޔަކަށް ދާދި ފަހުން ފެނިފައިވެއެވެ.