ޚަބަރު

ދަރިވަރުންނަކީ އިސްލާމްދީނަށް ލޯބިކުރާ ބަޔަކަށް ހަދަންޖެހޭ


މަދަރުސާތަކުން ކިޔަވައިގެން ނިކުންނަށް ދަރިވަރުންނަކީ އިސްލާމްދީނަށް ލޯބިކުރާ، އިސްލާމީ އުޞޫލުތަކުގައި ހިފަހައްޓާ ހަރުދަނާ ދަރިންތަކަކަށް ހެދުމަށް މުދައްރިސުންނާއި ބެލެނިވެރިން ގުޅިގެން މަސައްކަތް ކުރުމަށް މިއަދު ހުކުރު ޚުޠުތާބައި ގޮވާލައިފިއެވެ. ރާއްޖޭގެ މިސްކިތްތަކުގައި މިއަދު ދިން ހުކުރު ޚުޠުބާ ހާއްސަކޮށްފައިވަނީ "ދިރާސީ އާ އަހަރު" މި މަޢުޟޫއަށެވެ  

ރާއްޖޭގެ މިސްކިތްތަކުގައި މިއަދު ދިން ހުކުރު ޚުޠުބާ "ދިރާސީ އާ އަހަރު" މި މަޢުޟޫއަށް ހާއްސަކޮށްފައިވާއިރު، ޤައުމުގެ ތަރައްޤީއަށްޓަކާ ހަރުދަނާ ތަޢުލީމީ ޖީލެއް ބިނާކުރުމުގެ މުހިއްމުކަމުގެ މައްޗަށް ވަނީ އަލިއަޅުވާލާފައެވެ. އެގޮތުން އިސްލާމްދީނަކީ ޢިލްމުގެ ދީންކަމަށާއި، އިސްލާމީ ރިސާލަތު ފެށުނީ ކިޔެވުމަށް ކުރެއްވި އަމުރުފުޅުންކަން ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ. އަދި ކީރިތި މާތް ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އިސްލާމީ މުޖްތަމަޢުގައި ތަޢުލީމު ފެތުރުއްވުމަށާއި، މުސްލިމުންގެ ދަރިންނަށް ކިޔަވާދެއްވުމަށް ވަރަށް ޚާއްޞަ އަހައްމިއްޔަތެއް ދެއްވިކަމަށާއި، ޚުދު އެކަލޭގެފާނު އެކަމުގައި އިސްވެ ބައިވެރިވެވަޑައިގެންކަން ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ. އެކަމުގެ ނަތީޖާއަކަށްވީ ހޭލުންތެރި، ޢިލްމުވެރި، އުފެއްދުންތެރި، އުއްމަތެއް ދޮންވެ ފަންކާވުންކަމަށާއި، ތަރުޖަމާކުރުމާއި، ފޮތްތައް ލިޔެ، ޝާއިޢުކޮށް އައު އީޖާދުތައް ކުރި ބޮޑު ޙަޟާރަތެއް އުފެދުންތަކަމަށްވެސް ޚުޠުބާގައި ބަޔާންކޮށްފައިވެއެވެ. އަދި މިކަމުގެ ސަބަބުން ދުނިޔޭގެ ލައިބްރަރީތައް މުއްސަނދިވެ، ސިކުނޑިތައް ހުޅުވި، ސުލްޙަމަސަލަސްކަން ޤާއިމުވިކަމަށާއި، އެއްވެސް ތަޢައްޞުބެއް ނެތް އިންސާނީ އެއްބަނޑު އެއްބަފައިކަމުގެ މާޙައުލެއް އުފެދިގެން ދިޔަކަން ފާހަގަކޮށްފައިވެއެވެ.

ދިރާސީ އާ އަހަރަކަށް ކުރިމަތިލާ މިފަދަ ދަނޑިވަޅެއްގައި ދަރިވަރުންގެ ޢަޒުމަކަށްވާންވާނީ އިސްލާމްދީން ގެނެސްދިން ރިވެތި އަޙްލާޤުގެ މަތީގައި ފައިތިލަ ސާބިތުކޮށް، ޢިލްމީ ރޮނގުތަކުގައި އިތުރު ކުރިއެރުމާއި، ތަރައްޤީލިބޭތޯ މަސައްކަތްކުރުމަށް ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ. އަދި މުދައްރިސުންނަކީ ދުނިޔެއާއި އާޚިރަތުގެ ހެޔޮމަގަށް އަލިކޮށްދޭ ވޮށްތަކެއްކަމަށާއި، މުދައްރިސުންނަށް ޤަދަރާއި އިޙްތިރާމްކުރުމަށް ހުކުރު ޚުޠުބާގައި ދަރިވަރުންނަށް ވަނީ ގޮވާލާފައެވެ.

"ލޮބުވެތި ދަރިވަރުންނޭވެ! ތިޔަކުދިންނަށްޓަކާ މައިންބަފައިންނާއި ދައުލަތުން ކުރަމުންދާ ހޭދަތަކާއި، ތިޔަކުދިންނަށް ތަނަވަސްކޮށްދީފައިވާ ފުރުޞަތުތަކުގެ ބޭނުން ރަނގަޅަށް ހިފާށެވެ! ތިޔަކުދިން އުނގެނޭ ޢިލްމުގެ ނޫރުން ﷲ ގެ ރުހިވޮޑިގަތުމާއި، މައިންބަފައިންގެ ހިތްހަމަޖެހުމާއި، ޤައުމަށް ކުރިއެރުން ހޯދައިދޭށެވެ! އިސްލާމްދީނަށާއި، ވަޠަނަށްޓަކައި ޤުރުބާންވާންކެރޭ ސިފައިންތަކަކަށްވުމަށް ތިޔަކުދިންގެ ނަފްސުތައް ތައްޔާރުކުރާށެވެ! އިސްލާމްދީނާއި މިދިވެހި ޤައުމުދެކެ ލޯބިވާ ދަރިންނަށް ވާށެވެ!" ހުކުރު ހުތުބާގައިވެއެވެ.

ދަރިންނަކީ މާތް ﷲ އަހަރެމެންނާއި ކުރިމަތި ކުރައްވާފައިވާ ބޮޑު އަމާނާތެއްކަން އިޝާރާތްކޮށް، ދަރީންނަށް އިސްލާމީ ރިވެތި އަދަބާ އުޅުން ދަސްކޮށްދީ، ކީރިތި ޤުރްއާނާއި، މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތަށް ޢަމަލުކުރަން ދަސްކޮށްދިނުމަށް ޚުޠުބާގައި ގޮވާލާފައިވެއެވެ. އަދި އެކުންދިންނަކީ ފަރުޟު ފަސް ނަމާދު އަދާކުރާ ބަޔަކަށް ހަދާ، އިސްލާމީ އަޚްލާޤު ދަސްވެ، އަޚްލާޤީ މިންގަނޑުތަކުގައި ހިފަހައްޓާ ބަޔަކަށް ހެދުމަށްވެސް މިއަދުގެ ހުކުރު ޚުޠުބާގައި ބާރުއަޅާފައިވެއެވެ.

"މުސްލިމް އަޚުންނޭވެ! އަހަރެމެން އަހަރެމެންގެ ދަރިންނަށް އަދަބާއި އުޅުންތެރިކަން ދަސްކޮށްދިނުމަކީ ޤައުމުގެ ބިންގާ ހަރުދަނާކުރުމަށް އެޅޭ ވަރަށް ބޮޑު ބާރެއް. އެކަމަށްވެވޭ އެހީއެއް. އިސްލާމްދީން ބާރުއަޅަނީ މި އަމާޒަށް ވާޞިލްވުމަށް. އިސްލާމްދީން މިކަމަށް ބާރުއަޅާ ހިތްވަރުދެނީ ކުޑަކުދިން ތަރުބިއްޔަތު ކުރުމަށް އެހެން ހުރިހާ ނިޒާމެއްގެ މީހުން ކޮށްފައިވާ މަސައްކަތަށްވުރެ މާ މަތިވެރި މިންވަރަކަށް. ރަނގަޅަށް ދަރިން ތަރުބިއްޔަތު ކުރުމަކީ އިސްލާމްދީނުގައި އަންގަވާފައިވާގޮތުގައި އެކަމުގައި ޤާއިމުވެ ތިބި މީހުންނަށް ސަވާބާއި ދަރުމަ، މާތް ﷲ ދެއްވާނެކަމެއް. މިކަމަކީ އެމީހުންގެ ދަރިން ބަލައި ބޮޑުކުރުމަށާއި، އަދަބުވެރިކުރުވާ، އުޅުންތެރިކަން ދަސްކޮށްދިނުމަށް މައިންބަފައިންނަށް ވަރަށްބޮޑަށް ހިތްވަރު ލިބޭ ކަމެއް" ހުކުރު ހުތުބާގައިވެއެވެ.މިއަދުގެ ހުކުރު ޚުޠުބާގައި މަދަރުސާއަކީ ދަރިންގެ ދެވަނަ ހިޔާވަހިކަން ފާހަގަކޮށް އެކުންދިންގެ ހިތްތަކުގައި އިސްލާމީ ޢަޤީދާ ހަރުދަނާކޮށް، އިސްލާމީ އުޞޫލުތައް ބިނާކުރުމަށް މުދައްރިސުންނަށާއި ބެލެނިވެރިންނަށް ވަނީ ގޮވާލާފައެވެ. އަދި މަދަރުސާތަކުންނާއި ބެލެނިވެރިން މި މުހިއްމު ދައުރު އަދާކޮށްފިނަމަ އުއްމަތުގެ މުސްތަޤްބަލު އުޖާލާވެ، އަމާންވާނެކަމަށާއި، ބާއްޖަވެރިކަމުގެ މަގު އަލިވެ، ފާގަތިކަން ފެތުރިގެންދާނެކަމަށް ޚުޠުބާގައި ބުނެފައިވޭ. މި ބުރަ މަސައްކަތް ކުރެވޭނީ މަދަރުސާއާއި ބެލެނިވެރިން ގުޅި ލާމެހިގެންކަމަށާއި، އެ ދެ ފަރާތުގެ ލަނޑުދަނޑިތަކާއި އުއްމީދުތައްވެސް އެކައްޗަކަށް ހަދައިގެންކަން ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.