ސިއްހަތު

ފުރަތަމަ ފަހަރަށް މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމެއް ފަށައިފި


އައިޖީއެމް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމެއް ފަށައިފިއެވެ. ޑޮކްރަޓުކަން ކިޔަވާ ދަރިވަރުން އަމަލީ މަސައްކަތުގެ ތަޖުރިބާ ހޯދުމަށް ފުރިހަމަ ކުރަންޖެހޭ މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމް މިއަދު އިފްތިތާހް ކޮށްދެއްވީ، ސިއްޙީ ޚިދުމަތަށް 70 އަހަރުފުރުން ފާހަގަކުރުމަށް އައިޖީއެމް ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ ނާޒިމް އިބްރާހީމް އެވެ. 

އައިޖީއެމް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ތަޢާރަފް ކުރި މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމަކީ ޑޮކްރަޓުކަން ކިޔަވާ ދަރިވަރުން އަމަލީ މަސައްކަތުގެ ތަޖުރިބާ ހޯދުމަށް 1 އަހަރުގެ މުއްދަތަށް ފުރިހަމަ ކުރަންޖެހޭ ޕްރޮގްރާމެކެވެ. އިންޓާންޝިޕްގެ ފުރަތަމަ ބެޗްގައި މިފަހަރު 6 ފަރާތުން ވަނީ ބައިވެރިވެފައެވެ. މީގެ ތެރޭގައި ޗައިނާއާއި ރަޝީޔާއާއި ޔުކުރެއިން އަދި ނައިޖީރިޔާއިން މެޑިސިންގ ކިޔެވި ދަރިވަރުން ހިމެނެއެވެ. އަދި އައިޖީއެމް ހޮސްޕިޓަލްގެ އިންޓާންޝިޕް ޕްރޮގްރާމްގައި ނައިޖީރިޔާގެ ދަރިވަރަކުވެސް ވަނީ ބައިވެރިވެފައެވެ. އިންޓާންޝިޕް ޕްރޮގްރާމް ފަށަން ސަރުކާރުން ނިންމާ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ނޮވެމްބަރު މަހުގައެވެ.  

img:http://s1.psmnews.mv/images/660x400/15156689036893.jpg|މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމްގައި ބައިވެރިވާ ދިވެހި ދަރިވަރަށް އެކަމުގެ ލިޔުން ހެލްތް މިނިސްޓަރ ހަވާލުކޮށްދެއްވަނީ - ފޮޓޯ: ޕީއެސްއެމް ނިއުސް

މި ޕްރޮގްރާމާއިބެހޭ ގޮތުން މެޑިކަލް އިންޓަރންޝިޕް ކޮމިޓީގެ ޗެއަރޕަރސަން ޑރ. އަލީ ނަޒީމް ވިދާޅުވީ އިންޓަރންޝިޕް ޕްރޮގްރާމަކީ ދިވެހި ވަރަށް ގިނަ ޑޮކްޓަރުން ވަރަށް ކުރީއްސުރެ ދެކެމުންއައި ހުވަފެނެއްކަމަށެވެ. އަދި ގިނަ އަދަދެއްގެ ދަރިވަރުން މެޑިސިން ކިޔަވައިގެން އިންޓާންޝިޕް ހަދަން ފުރުސަތު ހޯދުމުގައި ދަތިތަކާ ކުރިމަތިވާކަން އޭނާ ފަހަގަ ކުރެއްވިއެވެ. ފުރަތަމަ ފަހަށް ފެށި މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމްގެ ސަބަބުން، މެޑިސިން ކިޔެވުމަށްފަހު އަމަލީ ތަޖުރިބާ ހޯދުމަށް ދަރިވަރުން ވަރަށް ބޮޑަށް ފަސޭހަވެ އަމިއްލަ ޤައުމުގައި ތިބެގެން އެއްވެސް ފީއަކާ ނުލާ ޢަމަލީ ތަޖުރިބާ ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އިންޓާންޝިޕްގެ ފުރަތަމަ ބެޗްގައި ބައިވެރިވާ ދަރިވަރުންވެސް ވަނީ މިއީ މުހިއްމު ފުރުސަތެއްކަން ފާހަގަކޮށްފަވެ. އަދި ޤައުމުގައި ތިބެގެން އިންޓާންޝިޕް ހެދުމުގެ ފުރުސަތު ލިބުމަކީ ލިބޭ އުފަލެއްކަމަށެވެ.

ރާއްޖޭގައި މެޑިކަލް ކޮލޭޖެއް ފެށުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރައްވަމުންނެވެ. އަދި މިހާރު އަޅަމުންދާ ދަރުމަވަންތަ ހޮސްޕިޓަލުގެ ދެ ފަންގިފިލާ މެޑިކަލް ކޮލެޖް ހިންގަން ވަނީ ކަނޑައަޅާފައެވެ.