ޚަބަރު

ޖަރާސީމުތައް ކޮންޓްރޯލްކުރުމުގެ މަސައްކަތް އައިޖީއެމްއެޗަށް


އެންޓިބަޔޮޓިކަށް ނުގުނޑާ ޖަރާސީމުތައް ފެތުރުން ހުއްޓުވުމަށް ރާއްޖެއިން ކުރާ މަސައްކަތުގެ މައި މަރުކަޒުކަމުގައި އައި.ޖީ.އެމް.އެޗްގެ ޑިޕާރޓްމަންޓް އޮފް ލެބޯޓްރީ މެޑިސިން ހަމަޖައްސާ އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. އައި.ޖީ.އެމް.އެޗް ހޮސްޕިޓަލުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އެކަމުގެ އެބަސްވުމުގައި ހެލްތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމެވެ. އަދި އައި.ޖީ.އެމް.އެޗްގެ ފަރާތުން ސޮއިކުރެއްވީ އެ ހޮސްޕިޓަލުގެ ސީ.އީ.އޯ ބްރިގޭޑިއަރ (ރިޓަޔަރޑް) ފަރުޙަތު ޝަހީރެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، އެންޓިބަޔޮޓިކަށް ނުގުނޑާ ޖަރާސީމުތައް ފެތުރުން އިތުރުވުމަކީ ދުނިޔޭގެ ސިއްހަތު ނިޒާމަށް ދިމާވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއު.އެޗް.އޯއިންވެސް ފާހަގަކޮށްފައިވާކަމަށެވެ. އަދި މިވެވުނު އެއްބަސްވުމުގެ ދަށުން އެފަދަ ޖަރާސީމުތައް ރާއްޖޭގައި ފެތުރޭ މިންވަރު ކޮންޓްރޯލްކޮށް، އެކަން ހުއްޓުވުމަށްޓަކާ އަތޮޅުތަކުގެ ހޮސްޕިޓަލްތަކާއި ގުޅިގެން އައި.ޖީ.އެމް.އެޗްގެ މައި ލެބޯޓްރީން މުހިއްމު މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އެންޓި މައިކްރޯބިއަލް އިޝޫއަކީ މިއަދު ޑަބްލިޔު.އެޗް.އޯއިންވެސް ފާހަގަކުރާ ގޮތުގައި ދުނިޔޭގެ ސިއްހީ ނިޒާމަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއް. މި ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން އައި.ޖީ.އެމް.އެޗްގެ މައި ލެބޯޓްރީއަކީ މިކަމުގެ ސަރވައިލެންސް ނިޒާމް ހަރުދަނާކޮށް އެކަމާގުޅޭ ސިޔާސަތުތައް އެކުލަވާލުމާއި، އަތޮޅުތަކުގެ ހޮސްޕިޓަލްތަކުގެ ލެބޯޓްރީތަކާއި ގުޅިގެން މަސައްކަތް ކުރާ މައި މަރުކަޒުގެ ގޮތުގައި އައި.ޖީ.އެމް.އެޗް މި ހަމަޖެހިގެންދިޔައީ" މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އައި.ޖީ.އެމް.އެޗްގެ ސީނިއާރ ކޮންސަލްޓަންޓް އިން މެޑިސިން ޑރ. އަލީ ޢަބްދުﷲ ލަތީފް ވިދާޅުވީ ރާއްޖޭގައި އެޑްމިޓްކުރާ ޕޭޝަންޓުންނަށް ބަލާއިރުވެސް ދިމާވާ އިންފެކްޝަންތަކުގައި އެންޓިބަޔޯޓިކަށް ނުގުނޑާ ޖަރާސީމްތަކުން ފެތުރޭ އިންފެކްޝަންތައް އިތުރުވެފައިވާކަމަށެވެ. އެހެންކަމުން މިކަން ކޮންޓްރޯލްކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހިފައިވާކަމަށާއި ރާއްޖޭގެ އެހެން ހޮސްޕިޓަލްތަކުގެ ލެބޯޓްރީތަކާއި ގުޅިގެން މިކަމަށް ކުރަންޖެހޭ ދިރާސާތައް ކުރުމުގެ ކަންކަން އައި.ޖީ.އެމް.އެޗްގެ މައި ލެބޯޓްރީން ކުރަމުންދާނެކަމަށެވެ.

"ރާއްޖެއަށް ބަލާލާއިރުވެސް އެޑްމިޓްކުރާ ޕޭޝަންޓުންގެ ތެރޭގައި ވަރަށް ގިނަ ޕޭޝަންޓުންނަށް ދިމާވާ އިންފެކްޝަންތަކުގައި އެންޓިބަޔޮޓިކަށް ނުގުނޑާ ޖަރާސީމުތަކުން ދިމާވާ އިންފެކްޝަންތައް ފުދޭވަރަކަށް ގިނަ. އެހެންކަމުން މިއީ އަޅުގަނޑުމެން މިވަގުތަށް އެޑްރެސްކުރަން ޖެހިފައިވާ ވަރަށް މުހިއްމުކަމެއް. އައި.ޖީ.އެމް.އެޗްގެ ލެބޯޓްރީއަކީ ނެޝެނަލް ސަރވައިލަންސްގެ މައި މަރުކަޒުކަމުގައި ހަމަޖެހިގެންދިޔުމަކީ ލެބޯޓްރީއަށްވެސް އަދި މި ހޮސްޕިޓަލަށް ލިބިިގެންދާ ވަރަށް ބޮޑު ކުރިއެރުމެއް" ޑރ. ޢަލީ ވިދާޅުވިއެވެ.ހެލްތް މިނިސްޓްރީއާއި އައި.ޖީ.އެމް.އެޗާއި ދެމެދު މިވެވުނު އެއްބަސްވުމުގެ ދަށުން އެންޓިބަޔޮޓިކަށް ނުގުނޑާ ޖަރާސީމުތައް ފެތުރުން ހުއްޓުވުމަށް ޤައުމީ ފެންވަރުގައި ސަރވައިލަންސް ނިޒާމެއް ޤާއިމްކޮށް، އެކަމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައަޅާ، މިފަދަ ޓެސްޓްތައް ކުރާ ލެބޯޓްރީތަކުގެ ވިއުގަރއެއް ޤާއިމުކުރާނެއެވެ. އަދި މިކަމުގެ ސަބަބުން ނެޝެނަލް އެކްޝަން ޕްލޭންގައި ކަނޑައަޅާފައިވާ ސަރވައިލަންސްގެ މަސައްކަތްތައް ފުރިހަމަ ނިޒާމެއްގެ ތެރެއިން ހިންގަންފެށޭނެކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.