ސިއްހަތު

ވަޞީލަތްތައް އެކަށީގެންވާ ގޮތުގައި ބޭނުންކުރަން ޖެހޭ - މިނިސްޓަރ


ސިއްޙީ ދާއިރާގައި އެންމެ ބޮޑު އިސްކަމެއް ދޭންޖެހެނީ ހުރި ވަޞީލަތްތައް އެންމެ އެކަށީގެންވާ ގޮތުގައި ބޭނުން ކުރުމަށް ކަމަށް މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ ނާޒިމް އިބްރާޙިމް ވިދާޅުވެއްޖެއެވެ. 

ރާއްޖޭގައި ޞިއްޙީ ޚިދުމަތް ދޭންފެށިތާ 70 އަހަރުފުރުން ފާހަގަކުރުމަށް އިންދިރާ ގަންދީ މެމޯރިއަލް ހޮސްޕިޓަލްގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ ނާޒިމް ވިދާޅުވީ ސިއްޙީ ދާއިރާގައި ރާއްޖެއަށް އާދެވިފައިވާ ހިސާބުން މިދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތެއް ޝާމިލުވާގޮތަށް ކުރަންޖެހޭ އެންމެ ބޮޑު މަސައްކަތަކީ މިހާރު ލިބެން ހުރި ވަޞީލަތްތައް އެންމެ އެކަށީގެން ވާގޮތުގައި ބޭނުންކުރެވޭނެ ގޮތްތައް ދެނެގަތުންކަމަށެވެ. ސިއްޙީ ދާއިރާއިން ހޯދާފައިވާ ކާމިޔާބީތަކަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މި ދާއިރާ އެންމެ ބޮޑަށް ބަދަލުވީ ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައިކަމަށެވެ. އެގޮތުން ރާއްޖޭގައި ހުރި އެންމެ އުސް ޢިމާރާތް ސިއްޙީ ދާއިރާއަށް ނިސްބަތްވުންއެއީ މިދާއިރާއަށް ސަރުކާރުން ދެއްވާ އަހަންމިއްޔަތުކަން ދޭހަވާ ކަމެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ސިއްޙީ ޚިދުމަތަށް ގަރުނެއްވާން ކައިރިވެފައިވާއިރު ހޯދާފައިވާ ކާމިޔާބީތަކާ އެއްވަރަށް ދުޅަހެޔޮކަންމަތީ ތިބުމަށް މަސައްކަތްކުރުމަށް މިނިސްޓަރ ވަނީ އިލްތިމާސްކުރައްވާފައެވެ. އެގޮތުން ވިޔަފާރި ވެރިޔާއިން ފެށިގެން ޢާއްމު ރައްޔިތު މީހާއަކީވެސް ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް މަސައްކަތްކުރާ އަދި އެކަމަށް ބާރުއަޅާ މީހަކަށްވުމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.



މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ ސީއީއޯ  ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) ފަރްހަތް ޝަހީރު ވިދާޅުވީ ފަރުވާ ދިނުމުގެ އިތުރުން ދިރާސާކުރުމާއި ތަޢުލީމާއި ތަމްރީންގެ ތެރެއިން ސިއްޙީ ދާއިރާ ތާރީޚުގެ ތެރެއަށް ވަންނަމުންދާކަމަށެވެ. އަދި ސަރުކާރުން ސިއްޙީ ދާއިރާ ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިދާއިރާއަށް އިންގިލާބީ ބަދަލެއް އައިސްފައިވާކަމަށް އެނާ ވިދާޅުވިއެވެ.



ރާއްޖޭގައި ޑޮކްޓަރީ ބޭހުގެ ފަރުވާ ފެށިގެން އައީ މީގެ 70 އަހަރު ކުރިންނެވެ. އެއީ "ޑަކްޓަރުގޭ" ގެ ނަމުގައި ހުޅުވި ވަރަށްވެސް އާދައިގެ ސިއްހީ ހިދުމަތްދޭ ތަނަކާއެކުއެވެ. 1948 ވަނަ އަހަރު ހުޅުވި މިތަނުގައި ޒަމާނީ ސިއްހީ ޚިދުމަތްދޭ ނިޒާމެއްގެ ކުލަވަރުޖެހި، ސަރުކާރު ހޮސްޕިޓަލެއްގެގޮތުގައި އެތަން ބަދަލުވެގެންދިޔައެވެ. މާލޭގައި ޑޮކްޓަރީ ބޭހުގެ ޚިދުމަތްދޭން ފެށިނަމަވެސް އަތޮޅު ތެރޭގެ ރަށްތަކަށް މިޚިދުމަތް ތަޢާރަފްކުރީ ނަވާރަސަތޭކަ ނުވަދިހައިގެ އަހަރުތަކުގެ ތެރޭގައެވެ. އޭގެ ފަހުން މިދާއިރާ ތަރައްޤީވަމުންއައިސް މިއަދު ރާއްޖޭގެ ކޮންމެ ރަށެއްގައި ސިއްޙީ ޚިދުމަތް ލިބޭނެ ގޮތް ސަރުކާރުންވަނީ ހަމަޖައްސާފައެވެ.