ވިޔަފާރި

އެއަރ އޭޝިއާ އެކްސްގެ ދަތުރުތައް ރާއްޖެއަށް ފަށަނީ


އެއަރ އޭޝިއާ އެކްސްގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށަން ނިންމައިފިއެވެ. 

އެއަރ އޭޝިއާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އެއަރ އޭޝިއާ އެކްސްގެ ދަތުރުތައް އަންނަ ފެބުރުއަރީމަހުގެ ހަވަނަ ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ފެށުމަށް ނިންމާފައިވާކަމަށެވެ.

އެއަރ އޭޝިއާ އެކްސްއަކީ ދުރު މަންޒިލްތަކަށް ދަތުރުކުރުމަށް އެ އެއަރލައިނުން ގެންގުޅޭ ފްލައިޓެކެވެ. އެއަރ އެކްސްއިން ރާއްޖެއަށް ބޭއްވުމަށް ހަމަޖެހިފައިވާ ދަތުރުތަކުގައި ބޭނުންކުރާނީ އެއަރބަސް މަރުކާގެ 377 މީހުންގެ ޖާގައިގެ ބޯޓެކެވެ.

އެއަރ އޭޝިއާ އެކްސްއިން ރާއްޖެއަށް ހަފްތާއަކު 4 ދުވަހު ދަތުރުތައް ބާއްވާނެއެވެ. އެއީ އަންގާރަ، ބުދަ، ހުކުރު އަދި ހޮނިހިރު ދުވަހުއެވެ. 

މި ދަތުރުތަކާއި ބެހޭގޮތުން އެއަރ އޭޝިއާގެ ހެޑް އޮފް ކޮމާޝަލް ބެރީ ކްލިޕް ވިދާޅުވީ، އެއަރ އޭޝިއާ އެކްސްގެ ދަތުރުތައް އަލުން ރާއްޖެއަށް ފެށުމަށް ނިންމީ އެއަރ އޭޝިއާއިން ރައްޖެއަށް ކުރާ ދަތުރުތަކަށް ބޮޑު ޑިމާންޑެއް އޮތުމުންކަމަށެވެ. އެއަރ އޭޝިއާ އެކްސްއިން ވަނީ މީގެކުރިން ދެހާސް ސާދަވަނަ އަހަރު ރާއްޖެއަށް އުދުހުންތައް ބާއްވާފައެވެ.

އަންނަމަހު އެއަރ އޭޝިއާ އެކްސްގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ނިންމާފައިވާއިރު، ދެހާސް ފަނަރަވަނަ އަހަރު އެއަރ އޭޝިއާގެ ދަތުރުތައް ފަށާފައިވަނީ، 2015 ވަނަ އަހަރުގެ އޮކްޓޯބަރުމަހުގެ 23 ވަނަ ދުވަހުއެވެ.