ޚަބަރު

ސްކޫލްތަކަށް ބޭނުންވާ ޓީޗަރުން ވަނީ ހަމަޖެހިފައި - މިނިސްޓަރ


ދިރާސީ އާ އަހަރަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައްވެ ނިމިފައިވާކަމަށާއި، ކިޔެވުން ފެށެންވާއިރަށް ރާއްޖޭގެ ހުރިހާ ސްކޫލްތަކަކަށް ބޭނުންވާ ޓީޗަރުން މިހާރު ހަމަޖެހިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ. 

ދީރާސީ އާ އަހަރަށްވަމުންދާ އެންމެފަހުގެ ތައްޔާރީތަކަކާއި ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޝިހާމް ވިދާޅުވީ، ތަޢުލީމީ ދާއިރާ ތަރައްޤީކުރުމަށް ސަރުކާރުން ގިނަ މަސައްކަތް ކުރަމުންދާއިރު، އެއްވެސް ކުއްޖަކު ބާކީ ނުކޮށް، ތަޢުލީމު ފޯރުވައިދިނުމަށް ސަރުކާރުން ކުރާ މަސައްކަތްވެސް ވަރަށް ކާމިޔާބުކަމަށެވެ. އަދި ފެންވަރު ރަނގަޅު ކޮލެޓީ ތަޢުލީމީ ނިޒާމެއް ޤާއިމުކުރުމަކީ ސަރުކާރުގެ އަމާޒެއްކަމަށްވާއިރު، މިފެށޭ ދިރާސީ އާ އަހަރު ވެގެންދާނީ އަނެއްކާވެސް ރާއްޖޭގެ ތަޢުލީމީ ދާއިރާ އާ ހަރުފަތެއް ގިރާކުރާނެ ވަރަށްވެސް އުއްމީދީ އަހަރަކަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެގޮތުން ޤައުމީ އާ މަންހަޖުގެ ކީ ސްޓޭޖް 4 ގްރޭޑް 8 ގެ ދަރިވަރުންނަށް ތަންފީޒުކުރަން ފެށުމާއި، ސްކޫލްތައް ޑިޖިޓަލް ކުރުމަށް ސަރުކާރުން ހިންގާ ބިޔަ މަޝްރޫޢު ތަންފީޒުކުރުމުގެ ފުރަތަމަ މަރުހަލާ މިއަހަރުގެ ތެރޭގައި ސްކޫލްތަކުގައި ފެށިގެންދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ، ދީރާސީ އާ އަހަރުގެ ކިޔެވުން ފެށެން ދުވަސް ކައިރިވަމުންދާއިރު، ރާއްޖޭގެ ހުރިހާ ސްކޫލްތަކަކަށް ބޭނުންވާ ޓީޗަރުން މިހާރު ހަމަވެފައިވާކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ، ދިރާސީ އާ އަހަރަށް ސްކޫލްތަކަށް ބޭނުންވާ ޓެކްސްޓް ފޮތްތައް މިހާރު ހަމަކޮށްދީފައިވާކަމަށެވެ. ފާއިތުވި 4 އަހަރުގެ ތެރޭގައި ސްކޫލްތަކަށް ބޭނުންވާ ޖާގައިތުރުކުރުމާއި، އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމަށް ހިންގުނު ތަފާތު މަޝްރޫޢުތަކުގެ ތެރެއިން އަލަށް އިމާރާތްކުރި ކްލާސްރޫމް ތަކުގެ އަދަދު އެކަނިވެސް 800 އަށްވުރެ މައްޗަށް އަރާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ފާހަގަކުރެއެވެ. އަދި މި ފެށޭ 2018 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށުމާއެކުވެސް އަލަށް އިމާރާތްކުރެވުނު ގިނަ ކްލާސްރޫމްތައް ބޭނުންކުރާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. މިއަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 14 ވާ އާދިއްތަ ދުވަހުއެވެ.