ޚަބަރު

ޓެބްލެޓްތައް ބޭނުން ކުރެވޭނީ ތަޢްލީމީ ދައިރާގެ ކަންކަމަށް އެކަނި


ސްކޫލްތައް ޑިޖިޓަލް ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މުދައްރިސުންނާއި ދަރިވަރުންނަށް ދޭ ޓެބްލެޓްތައް ބޭނުން ކުރެވޭނީ ތަޢުލީމީ ދާއިރާގެ ކަންކަމަށް އެކަނިކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ. ޕީއެސްއެމްނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަފީޢު ވިދާޅުވީ ޓެބްލެޓްތަކަށް އެޅޭނީ ދަރިވަރުންގެ އުމުރާގުޅޭ ތަޢްލީމީ ދައިރާގެ ވަކި އެޕްލިކޭޝަންތަކެއް ކަމަށާއި ވަދެވޭނީވެސް އެޑިއުކޭޝަނުން ކަނޑައަޅާ ވަކި ވެބްސައިޓްތަކަކަށެވެ.



ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަފީއު ވިދާޅުވީ ތަޢުލީމީ ދާއިރާއަށް ސަރުކާރުން ކިތަންމެ ބޮޑު ހޭދައެއް ކުރަންޖެހުނުނަމަވެސް ޒަމާނީ ބަދަލު ތަޢުލީމީ ދާއިރާއަށް ގެންނަންޖެހޭކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ކިޔަވައި ދިނުމުގައި ޑެބްލެޓް ބޭނުން ކުރާއިރު، ދަރިވަރުންނަށް ޓެބްލެޓް ބޭނުންކުރެވޭނީ ހަމައެކަނި ތަޢުލީމީ ކަންކަމުގައި ކަމަށެވެ. އަދި ޓެބްލެޓުން ވަދެވޭނީ އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާފައިވާ ސައިޓްތަކަށް އެކަނިކަމަށާއި، އިންސްޓޯލް ކުރެވޭނީވެސް ވަކި އެޕްލިކޭޝަންތަކެއްކަމަށެވެ.

"ޑެބްލެޓްތައް ބޭނުންކުރަމުންދާނީ އެ ކޮންޓްރޯލް ކުރެވިފައިވާ މާހައުލެއްގައި. ދަރިވަރުންނަށް ވަދެވޭނީ އަޅުގަނޑުމެން ކަނޑައަޅާފައިވާ ޕްރޮގްރާމަކަށް، ވަކި ވެބްސައިޓްތަކަކަށް. އިންސްޓޯލް ކުރެވޭނީވެސް އަޅުގަނޑުމެން ކަނޑައަޅާފައިވާ އެޕްލިކޭޝަންތައް. އެ ކޮންޓްރޯލާ އެކީގައި ކުރިއަށްދާނީ" ޝަފީއު ވިދާޅުވިއެވެ.



އެޑިއުކޭޝަން މިނިސްޓްރީން ބުނީ ކިޔަވައިދިނުމުގައި ޓެބްލެޓް ބޭނުންކުރިއަސް ފޮތްތައްވެސް ބޭނުން ކުރާނެކަމަށެވެ. ސަރުކާރުގެ ހުރިހާ ސްކޫލެއްގަ ޑެބްލެޓް  ބޭނުންކުރަން ނިންމާފައިވާއިރު ދަރިވަރުން އަދި ބެލެނިވެރިން ތަމްރީން ކުރުމަށް ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވާކަމަށާއި، ހުއްޓުމެއްނެތި މުދައްރިސުން ތަމްރީން ކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. މީގެ އިތުރުން ސްކޫލްތައް ޑިޖިޓަލް ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ސްކުލްތަކުގެ އިންޓަނެޓްގެ ޚިދުމަތް ހަރުދަނާ ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމާފައެވެ. އަދި 212 ސްކޫލެއް އެއް ނެޓްވޯކަކުން ގުޅާލުމަށްވެސް ވަނީ ހަމަޖައްސާފައެވެ.

"ޑެބްލެޓް ބޭނުންކުރަން ފުރަތަމަ ފަށާ ދުވަސްވަރު ވަކި ގަޑިތަކެއް ކަނޑައަޅާ އެ ބޭނުންކުރުމަށް ޓީޗަރުންނާއި ދަރިވަރުން އަދި ބެލެނިވެރިން އަހުލުވެރިކުރުމަށް ޕްރޮގްރާމްތަކެއް ހިންގާނެ. އަދި އެހެން ފިލާވަޅުތަކަށް މިހާޜުވެސް ތައްޔާރުވާފަދައިން  ޓެކްނޮލޮޖީގެ ޒަރިއްޔާއިން އެކަން ކުރާނެ ގޮތްވެސް ޓީޗަރުންނަށް ކިޔާދެވިގެންދާނެ" ޝަފީއު ވިދާޅުވިއެވެ.



ތަޢުލީމީ ދާއިރާއަށް ބޮޑެތި އިންޤިލާބީ ބަދަލުތަކެއް ގެނައުމަށް މިއަހަރުގެ ބަޖެޓުގައި ސަރުކާރުން ވަނީ 154 މިލިޔަން ރުފިޔާ ހިމަނުއްވާފައެވެ. މީގެ އިތުރުން ރާއްޖޭގެ ހުރިހާ ސްކޫލެއް ޑިޖިޓަލް ކުރުމަށް މިއަހަރުގެ ބަޖެޓްގައި ވަނީ 138 މިލިއަން ރުފިޔާ ހިމަނާފައެވެ. ސްކޫލްތައް ޑިޖިޓަލް ކުރުމުގެ މަސައްކަތްތަކުގެ ދަށުން މިއަހަރު ހުރިހާ ދަރިވަރުންނަށާއި މުދައްރިސުންނަށް ޑެބްލެޓްގެ ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ހުރިހާ ސްކޫލަކަށް ބޭނުންވާ 70،000 އަށްވުރެ ގިނަ  ޓެބްލެޓް ހޯދުމަށް މިހާރު ވަނީ ބަޔަކާ ހަވާލުކޮށްފައެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ ދަރިވަރުންނާއި މުދައްރިސުންނަށް ބޭނުންވާ ޓެބްލެޓްތައް ކުރިއަށް އޮތް ފެބްރުއަރީ މަހުގެ ތެރޭގައި ލިބޭނެ ކަމަށެވެ.