ވިޔަފާރި

މާކެޓާސް ފޯރަމް ފެބުރުއަރީމަހު ބާއްވަނީ


ކޯޕަރޭޓް މޯލްޑިވްސް އެކަޑަމީ އިން މާކެޓިންގ ދާއިރާގައި ހަރަކާތެރިވާ މީހުންނަށް އަމާޒްކޮށް މާކެޓިންގ ފޯރަމެއް ބޭއްވުމަށް ނިންމައިފިއެވެ.

މި ފޯރަމާއި ބެހޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ކޯޕަރޭޓް މޯލްޑިވްސްގެ ސީއީއޯ އިލްޔާސް ހަނީފް ވިދާޅުވީ، "މޯލްޑިވްސް މާކެޓާސް ފޯރަމް" ނަމުގައި އަންނަމަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ފޯރަމުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާކަމެށެވެ. އޭނާ ވިދާޅުވީ މިފަދަ ފޯރަމެއް ބޭއްވުމުގެ މައިގަނޑު މަޤްސަދަކީ، ރާއްޖޭގައި މާކެޓިންގ އިންޑަރސްޓްރީ ފުޅާވަމުން އަންނައިރު މި ދާއިރާގައި މަސައްކަތްކުރާ މީހުން އެއްތަނަކުން ބައްދަލުވުމުގެ ފުރުސަތު ހޯދައިދީ މި ދާއިރާ އިތުރަށް ތަރައްޤީ ކުރުންކަމަށެވެ.

"މޯލްޑިވްސް މާކެޓާސް ފޯރަމް" ގައި 3 ދާއިރާއަކުން ރާއްޖެއާ ރާއްޖެއިން ބޭރުގެ ކަމާބެހޭ ތަޖުރިބާކާރު ބޭފުޅުން މައުލޫމާތު ދެއްވާނެއެވެ. މީގެ ތެރޭގައި މާކެޓިންގ ސައިކޮލޮޖީ، ޑިޖިޓަލް މާކެޓިންގ ފަދަ ދާއިރާތައް ހިމެނެއެވެ. މި ފޯރަމްގައި ބައިވެރިވުމުގެ އެންމެފަހު ތާރީޚަކީ މިހިނގާ ޖެނުއަރީމަހުގެ 21 ވަނަ ދުވަހެވެ.

"މާކެޓާސް ފޯރަމްގައި ބައިވެރިވާން ބޭނުންފުޅުވާ ބޭފުޅުންނަށް މިހާރުވެސް، ކޯޕަރޭޓިވް މޯލްޑިވްސްގެ ވެބްސައިޓް http://academy.mv އަށް ވަޑައިގެން ފޯރަމްގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފަ. މިހާރު ޕްލޭންކޮށްފަ މިއޮތީ ފެބުރުއަރީމަހުގެ ފަސްވަނަ ދުވަހު މާލޭގައި ފޯރަމް ބޭއްވުމަށް" އިލްޔާސް ވިދާޅުވިއެވެ.



"މޯލްޑިވްސް މާކެޓާސް ފޯރަމް" ކޮންމެ އަހަރަކު އެއްފަހަރު ބާއްވާނެކަމަށް ކޯޕަރޭޓް މޯލްޑިވްސް އެކަޑަމީން ބުނެއެވެ.