ސިއްހަތު

ކުޅުދުއްފުށީ ހޮސްޕިޓަލްގެ މައްސަލަ ހައްލުކުރުމަށް 10 ދުވަސް ދީފި


ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ހިންގުމުގައި ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް އެ ހޮސްޕިޓަލް ހިންގުމަށް ހަވާލުކޮށްފައިވާ އިންޑިއާގެ ނޫރުލް އިސްލާމް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް 10 ދުވަހުގެ މުއްދަތެއް ސަރުކާރުން ދެއްވައިފިއެވެ. ހެލެތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، ދީފައިވާ މުއްދަތުގެ ތެރޭގައި ކުޅުދުއްފުށީ ހޮސްޕިޓަލުގެ މައްސަލަ އެކުންފުނިން ހައްލުނުކޮށްފިނަމަ، ކަނޑައެޅިފައިވާ އުސޫލުން ޤާނޫނީ ފިޔަވަޅު އަޅުއްވާނެކަމަށެވެ.



ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ހިންގުމުގައި ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ދެމުން އަންނަ ޚިދުމަތްތަކުގެ ފެންވަރު ދަށްވެ، އާއްމުންގެ ޝަކުވާތައް އިތުރުވެފައިވާއިރު، އެކަންކަން ހައްލުކުރުމަށްޓަކާ ނޫރުލް އިސްލާމާއެކު މަސައްކަތް ކުރަމުންދާކަމަށެވެ. އެ ހޮސްޕިޓަލަކީ ދުވާލެއްގެ މައްޗަށް އެތައްސަތޭކަ ރައްޔިތުންނެއް ޚިދުމަތް ހޯދާ ތަނެއްކަމުން، އެތަނުން ދޭ ޚިދުމަތްތައް ފުރިހަމައަށް މެދުކެނޑުމެއް ނެތި ރައްޔިތުންނަށް ލިބެމުންދޭތޯ ހެލްތް މިނިސްޓްރީން ވަރަށް ކައިރިން ބަލަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ، ކުޅުދުށްފުށީ ރީޖަނަލް ހޮސްޕިޓަލް ހިންގުމުގައި މިހާރު ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް 10 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި މައްސަލައަށް ހައްލެއް ނުލިބިއްޖެނަމަ ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިހާރުވަނީ 10 ދުވަހުގެ މުއްދަތެއް އެބޭފުޅުންގެ އިންޓަރނަލް މައްސަލަތައް ހައްލުކުރުމަށް ދީފައި. ދެން އެބޭފުޅުންނަށް އެ މުއްދަތުގެ ތެރޭގައި އެކަންކަން ހައްލު ނުކުރެވިއްޖެކަމަށްވާނަމަ، އަޅުގަނޑުމެން އެ އޮންނަ ޤާނޫނީ، އެނގިވަޑައިގަންނަވާނެ ފަދައިން ކޮންމެ އެގްރިމެންޓެއްގައިވެސް ޤާނޫނީ އުސޫލުތަކެއް ހުންނާނެ ބަލާނެ. އެ އުސޫލުތަކުގެ ތެރެއިން އެކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅުގަނޑުމެން ޤާނޫނީ ބޭފުޅުންގެ ލަފައާއެކު އަޅަމުންގެންދާނަން. އެ ކޮންޓްރެކްޓް ބާތިލުކުރަންޖެހިއްޖެ ހާލަތެއްގައި ބާތިލްކޮށްގެންވެސް އަޅުގަނޑުމެން ދިވެހި ރައްޔިތުންނަށް ކުޅުދުއްފުށީ ހޮސްޕިޓަލުން ދެވެމުން އައި ހިދުމަތް މެދުނުކެނޑިދޭނަން" މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.



ހެލްތް މިނިސްޓަރ ނާޒިމް ވިދާޅުވީ، ކުޅުދުއްފުށީ ހޮސްޕިޓަލަށް ދިމާވެފައިވާ ޑޮކްޓަރުންނާއި، މެޑިކަލް އޮފިސަރުން މަދުވުމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން މިހާރުން މިހާރަށްވެސް މިނިސްޓްރީން ފިޔަވަޅުތަކެއް އަޅުއްވާފައިވާކަމަށެވެ. އެގޮތުން އެ ހޮސްޕިޓަލުން ދެމުންދާ ޚިދުމަތްތަކަށް ބުރުނާރާނޭހެން ބޭނުންވާ ޑޮކްޓަރުން ކުޅުދުއްފުށްޓަށް ފޮނުވާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ތަނުގެ މުވައްޒަފުންންގެ މުސާރަ ކުޑަވުން ފަދަ އެއްވެސް ގެއްލުމެއް މުވައްޒަފުންނަށް ނުލިބޭނެކަމުގެ ޔާގީންކަންވެސް މިނިސްޓަރ ނާޒިމްވަނީ ދެއްވާފައެވެ.

"އަޅުގަނޑު ވަރަށް ބޮޑަށް ފާހަގަކޮށްލަން ބޭނުން ކުޅުދުއްފުށީ ހޮސްޕިޓަލް ނޫރުލް އިސްލާމާއި ހަވާލުކުރިއިރު އެތަނުގައި ހިދުމަތް ދިނުމަށް ތިބި ޑޮކްޓަރުންގެ އަދަދުވެސް މަދުވެ، ރައްޔިތުންނަށް އުނދަގޫވާ ހިސާބަށް ދިއުމުން، އަޅުގަނޑުމެން އެކަމާއި ހަވާލުވެ، މިއަދު ކުޅުދުއްފުށީ ހޮސްޕިޓަލްގައި 8 މެޑިކަލް އޮފިސަރުންނާއި، 15 ސްޕެޝަލިސްޓުންނާއެކު ޖުމްލަ 23 ޑޮކްޓަރުން އެބަ ހިދުމަތްދެއްވަމުންދޭ. އިރާދަކުރެވިއްޔާ އޭރު އަޅުގަނޑުމެން ހަވާލުވިއިރު، ލެބޯޓްރީއަށް ދިމާވެފައިވާ ބައެއް މައްސަލަތައްވެސް ހައްލުކޮށް، އެ ހިދުމަތްވެސް މެދުނުކެނޑި ކުރިއަށްގެންދެވޭނެ މަގު އަޅުގަނޑުމެން މިވަނީ އިންތިޒާމްކޮށްފައި" ނާޒިމް ވިދާޅުވިއެވެ.



ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލަކަށް ބަދަލުކޮށް، އެ ހޮސްޕިޓަލުގެ ހިންގުން އިންޑިއާގެ ނޫރުލް އިސްލާމް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރާއެކު ސޮއިކޮށްފައިވަނީ 2017 ވަނަ އަހަރުގެ ޖޫން މަހުގެ 19 ވަނަ ދުވަހުއެވެ. އަދި ހޮސްޕިޓަލް ހިންގުމާއި އެކުންފުނިން ހަވާލުވެފައިވަނީ ހަމަ އެ އަހަރުގެ ޖުލައިމަހުގެ 10 ވަނަ ދުވަހުއެވެ. ހެލްތް މިނިސްޓަރ ވިދާޅުވީ، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ހިންގުމަށް އިންޑިއާގެ ނިމްސްއާއި ހަވާލުކޮށްފައިވާ އެއްބަސްވުން ނިމުމަކަށް ގެންނަންޖެހުނު ނަމަވެސް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓަރޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ގެންދާ މަސައްކަތައް އެއްވެސް ހުއްޓުމެއް ނާންނެކަމަށެވެ.