ޚަބަރު

ކައިރި މުސްތަޤްބަލެއްގައި ޒަމާނީ ފެންވަރަށް ކަށީގެ ފަރުވާ





 


އެކްސިޑެންޓް ތަކުން ކައްޓަށް ލިބޭ ގެއްލުންތަކާއި އުފެދުމުގައި، ކަށީގެ ސަބަބުން ހުންނަ އައިބު ރަނގަޅުކުރުމަށް ޒަމާނީ ވަސީލަތްތައް ބޭނުން ކޮށްގެން ދެވޭ ފަރުވާ ކައިރި މުސްތަޤްބަލެއްގައި ހުޅުމާލޭ ހޮސްޕިޓަލުގައި ދިނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ހެލްތު މިނިސްޓަރ ޑރ. މަރިޔަމް ޝަކީލާ ވިދާޅުވެއްޖެއެވެ.


 
މިނިސްޓަރ މިހެން ވިދާޅުވީ ބަނޑޮސް އައިލެންޑް ރިޒޯޓްގައި މިއަދު ފެށި ކަށްޓަށް ލިބޭގެއްލުންތަކަށްދޭ ޒަމާނީ ފަރުވާއާއިބެހޭ ދުނިޔޭގެ ކޮންގްރެސް ފައްޓަވައި ދެއްވުމަށް ފަހު ނޫސްވެރިންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރ ވިދާޅުވީ އެމިނިސްޓްރީން ބޭނުން ވަނީ އައިޖީއެމްއެޗް ގައި އެފަދަ ފަރުވާ ދިނުމަށް ކަމަށް ވިޔަސް އެ ހޮސްޕިޓަލުގައި ހޭނައްތާ ޑޮކްޓަރުން މިވަގުތު މަދު ވުމުގެ ސަބަބުން، ފުރަތަމަ އެފަރުވާތަށް ފެށޭނީ ހުޅުމާލޭ ހޮސްޕިޓަލުގައި ކަމަށެވެ. މި ކަމުގެ ސަބަބުން ކައްޓަށް ލިބޭ ގެއްލުމާއި އުފެދުމުގައި ކަށްޓަށް ދިމާވާ މައްސަލަ ތަކުގެ ސަބަބުން މޫނުމަތީގެ އައިބު ހުންނަ މީހުން ނަށް ރާއްޖޭގައި ތިބެގެން ފަރުވާ ލިބުނުގެ ފުރުސަތު ލިބިގެން ދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.


 
 
މިއަދު ފެށި އިންޓަރނޭޝަނަލް ކޮންގްރެސް ރާއްޖޭގައި އިންތިޒާމް ކުރައްވާ ޕްރޮފެސަރ އެސްއެމް ބާލާޖީ ވިދާޅުވީ ކަށީގެ މިފަދަ ސަރޖަރީތައް ކުރިން ކުރެވެނީ ހަށިގަނޑުގެ އެހެނިހެން ހިސާބުތަކުން ކަށި ނަގައި އައިބު ކޮށް ހުންނަ ތަންތަނުގައި އިންދައިގެން ކަމަށެވެ. އަދި އެފަދަ ސަރޖަރީތަކަކީ އެންމެ ރައްކާތެރި ސަރޖަރީތަކަކަށް ނުވުމާއި އެފަދަ ސަރޖަރީތަށް ކުރުމުގެ ސަބަބުން އިންސާނުންގެ ކައްޓަށް ގެއްލުން ވަމުން ދާކަމަށް ޕްރޮފެސަރ ބާލާޖީ ވިދާޅުވިއެވެ. ނަމަވެސް މިހާރު ޒަމާނީ ވަސީލަތް ތަކާއި އެކު ނުރައްކާތެރި ސާޖަރީ ތަށް ނުކޮށް ކައްޓަށް ފަރުވާ ދެވެން އެބަހުރި ކަމަށް، ދިގުމުއްދަތެއްގައި ރާއްޖޭގެ ސިއްހީ ދާއިރާގައި ވެސް މަސައްކަތް ކުރެއްވި ޕްރޮފެސަރ ބާލާޖީ ވިދާޅުވިއެވެ.


 
 


މިމަހުގެ ދިހަވަނަ ދުވަހުގެ ނިޔަލަށް ބަނޑޮސް އައިލެންޑް ރިޒޯޓްގައި ކުރިއަށް ގެންދާ މި ކޮންގްރެސް ގައި ބާވީސް ޤައުމަކުން މި ދާއިރާގެ ހާއްސަ ޕްރޮފެސަރުންނާއި ޑޮކްޓަރުން ބައިވެރިވެއެވެ.