ވިޔަފާރި

ފުޑްކޯޓުގައި ހިމެނޭ ކެފޭތައް ކުއްޔަށްދޭނެ އަގުތައް އިޢުލާނުކޮށްފި


މާލޭ ހުޅަނގުދެކުނު ހާބަރު ސަރަހައްދު ކުރީގެ ކެފޭތައް ހިންގި ސަރަހައްދުގައި އެސްޓީއޯއިން ތަރައްޤީކުރުމަށް ނިންމާފައިވާ ފުޑްކޯޓުގައި ހިމެނޭ ކެފޭތައް ކުއްޔަށް ދޭނެ އަގުތައް އެސްޓިއޯއިން އިޢުލާނުކޮށްފިއެވެ.

އެސްޓީއޯގެ ވެބްސައިޓްގައި ނެރެ ޢާއްމުކޮށްފައިވާ އިޢުލާނެއްގައިވާގޮތުން އެސްޓީއޯއިން ތަރައްޤީކުރަމުންދާ މި ފުޑްކޯޓުގައި ޖުމްލަ ސައްބީސް ކެފޭ ހިމެނޭއިރު ކެފޭތައް ކުއްޔަށް ދޫކުރުމަށް ނިންމާފައިވަނީ، އަކަފޫޓެއް ފަންސާސް ތިން ރުފިޔާއަށެވެ.

އެސްޓީއޯއިން ކޮށްފައިވާ މި އިޢުލާނުގައި ވާގޮތުން ފުޑް ކޯޓުގައި ތިން ސައިޒެއްގެ ކެފޭތައް ހިމެނެއެވެ. އެއީ ނުވަސަތޭކަ ފަސްދޮޅަސް އަކަފޫޓުގެ ކެފޭ އާއި، ބާރަސަތޭކަ ފަސްދޮޅަސް އަކަފޫޓުގެ އިތުރުން ސޯޅަސަތޭކަ ފަސްދޮޅަސް އަކަފޫޓެވެ.

އެސްޓީއޯގެ މި އިޢުލާނުގައިވާގޮތުން ކެފޭތައް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިހިނގާ ޖެނުއަރީމަހުގެ އެކާވީސް ވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަންޖެހެއެވެ. ބިޑް ކާމިޔާބުކުރާ ފަރާތްތަކަށް ތިން މަސްދުވަހުގެ ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމަށް ކަނޑައަޅާފައިވަނީ ހަތް ދުވަހުގެ މުއްދަތެކެވެ.

ފުޑް ކޯޓުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރިއަށްދާއިރު، މި މަސައްކަތް ކުރިއަށްދަނީ ދެ ފިޔަވައްސަކަށް ބަހާލައިގެން. އެއީ އަމީނީ މަގު ފިޔަވައްސާއި އިއްޒުއްދީން މަގު ފިޔަވައްސެވެ. މާލޭގެ ހުޅަނގު ހާބަރ ސަރަޙައްދުގައި ތަރައްޤީކުރާ ފުޑް ކޯޓްގެ މަސައްކަތަކީ ހައުސިންގ މިނިސްޓްރީއާއި އެސްޓީއޯއާ ދެމެދު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން ކުރިއަށްދާ މަސައްކަތެކެވެ. މިއީ 30 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ.