ޚަބަރު

ދިއްދޫގެ މަގުތައް ފެބްރުއަރީގެ ނިޔަލަށް ނިންމާލެވޭނެ


ރާއްޖޭގެ ރަށްރަށުގެ މަގުތަށް ރަނގަޅު ފެންވަރަކަށް ހެދުމަށް ސަރުކާރުން ކުރިއަށްގެންދާ ބިޔަ މަޝްރޫޢުގެ ދަށުން މިއަހަރުގެ ބަޖެޓުގައިވެސް ވަނީ ގިނަ ރަށްތަކެއްގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމަށް ހިމަނާފައެވެ. އެގޮތުން މަގުތަކުގައި ތާރު އަޅައި، މަގުގެ ދެފަރާތުގައި ދުވާރު ހެދުމަށްވަނީ ހަމަޖެހިފއެވެ. 

ޒަމާނީ ފެންވަރަށް ރަށްތަކުގެ މަގުތައް ހެދުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ތެރެއިން ހއ.ދިއްދޫގައި ސަރުކާރުން އަންނަނީ 14 މަގެއް ރަނގަޅު ފެންވަރަކަށް ހެދުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން އެރަށުގެ މައި މަގާއި އަދިވެސް އާންމުކޮށް ރައްޔިތުން ބޭނުންކުރަމުން އަންނަ ބޮޑު ގިނަ މަގުތަކެއް މި މަޝްރޫއުގެ ތެރެއިން ހެދުމަށްވަނީ ހަމަޖެހިފައެވެ. 

ހއ.ދިއްދޫ ކައުންސިލްގެ ރައީސް އަލީ ހާޝިމް ވިދާޅުވީ، ސަރުކާރުން ކުރިއަށްގެންދާ މަގު ހެދުމުގެ މަޝްރޫއުގެ ބޮޑު ބައެއް މިހާރު ނިމިފައިވާ ކަމަށާ އެ މަސައްކަތް މިހާރު ހަލުވިދުވެއްޔެއްގައި ކުރިއަށްދާ ކަމަށެވެ. 

ހާޝިމް ވިދާޅުވީ، މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން ބައެއް މުހިންމު މަގުތައް ހެދުމުގެ ޕްލޭނެއް ކޮށްފައި ނެތުމަކީ ކައުންސިލާއި ރައްޔިތުންގެ ކަންބޮޑުވުމެއް ކަމަށެވެ. އެގޮތުން ބަނދަރު ސަރަޙައްދު ހިމެނޭ މަގާއި ހޮސްޕިޓަލުގެ ވަށައިގެންވާ ހަތަރު މަގުގެ ތެރެއިން ތިން މަގެއްގެ މަސައްކަތާއި ޕްރީ ސްކޫލް ހިމެނޭ ސަރަޙައްދުގެ މަގު ހެދުމަށް ޕްލޭނުގައި ނެތުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. ނަމަވެސް އާންމުކޮށް ބޭނުންކުރަމުން އަންނަ ގިނަ މަގުތަކެއް އެއްފަހަރާ ރަނގަޅު ފެންވަރަކަށް ހެދިގެންދާކަމީ ރައްޔިތުން އުފާކުރާ ކަމެއް ކަމަށްވެސް ހާޝިމް ވިދާޅުވިއެވެ. 

img:http://s2.psmnews.mv/images/660x400/15017911617887.jpg|ދިއްދޫ މަގުތަކުގައި ތާރުއެޅުމުގެ އަމަލީ މަސައްކަތް ކުރިއަށްދަނީ- ފޮޓޯ: އެމްއާރުޑީސީ

މިކަމަށް އިޝާރާތް ކުރައްވާ އެމްއާރުޑީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު މަމްދޫޙު ވިދާޅުވީ، ދިއްދޫގެ މަގުތައް ހެދުމުގައި އެމްއާރުޑީސީން މަސައްކަތްކުރަމުންދަނީ އެރަށުގެ ކައުންސިލާއި އެދާއިރާގެ ކުރީގެ މެމްބަރުގެވެސް ލަފާގެ މަތިން ކަމަށެވެ. އަދި މަގުތައް ހެދުމުގައި ބަލާފައިވާނީ ރައްޔިތުންނަށް ފަސޭހަވާނެ ގޮތަށް ޚިދުމަތް ދެވޭނެ އުސޫލެއްގެ ތެރެއިން ކަމަށްވެސް މަމްދޫޙު ވިދާޅުވިއެވެ. 

"އަޅުގަނޑުމެންނަށް މި މަސައްކަތުގެ ކޮންޓްރެކްޓް ދެއްވަނީ ހައުސިންގ މިނިސްޓްރީން. އެބޭފުޅުން ދެއްވާ ސްކޯޕަކަށް އަޅުގަނޑުމެން މި މަސައްކަތްކުރާނީ. ކައުންސިލުން އެ ފާހަގަކުރާ ކަންބޮޑުވުން އަޅުގަނޑުވެސް ގަބޫލުކުރަން. ހުރިހާ މަގުތަކެއް އެއްފަހަރާ ކިހިނެއްތޯ ތާރު އަޅާނީ. މި މަސައްކަތް މިކުރަނީ ކައުންސިލާއި އެމްޕީގެވެސް ލަފާގެ މަތިން އެބޭފުޅުން އެދިފައިވާ ސަރަހައްދުތަކުގަ. އެ އެގްރީމެންޓް މިހާރުވެސް އަޅުގަނޑުމެންގެ އަތުގައި އެބައޮތް،" އަހުމަދު މަމްދޫޙު ވިދާޅުވިއެވެ.

މަމްދޫޙު ވިދާޅުވީ ދިއްދޫގެ މަގު ހެދުމުގެ މަސައްކަތަށް ޓެކްނިކަލް މައްސަލައެއް ދިމާނުވެއްޖެނަމަ، މިހާރު މަސައްކަތްކުރިއަށްދާ ބާރު މިނުގައި އަންނަ ފެބްރުއަރީ މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ.

ސްރީ ލަންކާގެ ސިއެރާ ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން މިހާރު ވަނީ ދިއްދޫގެ 6 މަގެއްގެ މަސައްކަތް އެއްކޮށް ނިމިފައެވެ. އަދި އިތުރު ދެ މަގެއްގައި ތާރު އެޅުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރެވެމުންނެވެ.

ދިއްދޫގައި މަގު ހެދުމުގެ މަސައްކަތުގެ އިތުރުން އެރަށު ބަނދަރުގެ ނެރު ފައިކަށި ހެދުމުގެ މަސައްކަތާއި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އޭގެ ތެރެއިން ރިވެޓްމެންޓް ޖެހުމުގެ މަސައްކަތުގެ ބޮޑުބައެއް މިހާރު ވަނީ އެއްކޮށް ނިމިފައެވެ.