ޚަބަރު

ޖަޕާންގެ ފޮރިން މިނިސްޓަރު ރައީސް ޔާމީނާ ބައްދަލުކުރައްވައިފި


ޖަޕާނުގެ ފޮރިން މިނިސްޓަރު ޓާރޯ ކޯނޯ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މުލިއާގޭގައެވެ. 

މި ބައްލުކުރެއްވުމުގައި ރާއްޖެއާއި ޖަޕާނާ ދެމެދު އެކި ދާއިރާތަކުން އެހީތެރިކަމާއި އެއްބާރުލުން ދިނުމާގުޅޭގޮތުން ރައީސް ޔާމީނާއި، ޖަޕާންގެ ފޮރިން މިނިސްޓަރ ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިއެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުގައި ޖަޕާނަކީ ރާއްޖޭގެ އިޖްތިމާޢީ، އިޤްތިޞާދީ ކުރިއެރުމާއި، ތަރައްޤީގައި މުހިއްމު ބައިވެރިއެއްކަން ފާހަގަކުރައްވައި އެ ޤައުމުން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައިވެއެވެ. ވަކިން ޚާއްސަގޮތެއްގައި ރާއްޖޭގެ އިންސާނީ ވަޞީލަތްތައް ތަރައްޤީކުރުމަށް ޖަޕާން އިންޓަރނޭޝަނަލް ކޯރޕަރޭޝަން އެޖެންސީ، ޖައިކާއިން ވެދެއްވަމުން ގެންދަވާ އެހީތެރިކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. 

މީގެއިތުރުން، މި ބައްދަލުކުރެއްވުމުގައި ޖަޕާނުގެ ވިޔަފާރިވެރިންނަށް ރާއްޖޭގައިހުރި އިންވެސްޓްމަންޓްގެ ފުރުޞަތުތަކާއި، ދެ ޤައުމަށް ފާއިދާކުރަނިވި ދާއިރާތަކުން ގުޅުން ބަދަހިކުރެއްވުމާ ގުޅޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރައްވާފައިވެއެވެ. އަދި އދ. ގެ ސެކިއުރިޓީ ކައުންސިލްގެ ކުރިއަށް އޮތް ދައުރުގެ މެމްބަރުކަން ހޯދުމަށް ރާއްޖެއިން ކުރާ މަސައްކަތުގައި ޖަޕާނު ސަރުކާރުން އެހީތެރިވެދެއްވުމަށްވެސް މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޖަޕާނުގެ ފޮރިން މިނިސްޓަރުގެ ކިބައިން އެނދިވަޑައިގެންފައެވެ. 

މި ބައްދަލުކުރެއްވުމުގައި ޖަޕާންގެ ފޮރިން މިނިސްޓަރ ޓާރޯ ކޯނޯ ދެއްކެވި ވާހަކަފުޅުގައި 2020 ވަނަ އަހަރު ޖަޕާންގެ ޓޯކިއޯގައި ބޭއްވުމަށް ހަމަޖެހިފައިވާ އޮލިމްޕިކްސް ގޭމްސްއާއި ދިމާކޮށް އޭޝިއާ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މި ސަރަޙައްދުތަކުގެ ޤައުމުތަކުން ގުޅިގެން މަސައްކަތް ކުރުމުން މުހިއްމުކަން ފާހަގަކުރައްވާފައިވެއެވެ. އަދި މި ސަރަޙައްދުގައި ހަރުދަނާ ކައުންޓަރ-ޓެރެރިޒަމް މެކޭނިޒަމް ސިސްޓަމެއް ޤާއިމުވެފައި އޮތުމުގެ މުހިއްމުކަމުގެ މައްޗަށްވެސް އެމަނިކުފާނު ވަނީ އަލިއަޅުއްވާލައްވާފައެވެ. ހަމައެހެންމެ ރާއްޖޭގެ ކުޅިވަރުގެ ދާއިރާއާއި، ދެ ޤައުމުގެ މެދުގައި ކަލްޗަރަލް އެކްސްޗޭންޖް ޕްރޮގްރާމްތައް ކުރިއަށްގެންދިޔުމުގެ ޝައުގުވެރިކަންވެސް އެމަނިކުފާނު ފާޅުކުރައްވާފައިވެއެވެ. 

ޖަޕާންގެ ފޮރިން މިނިސްޓަރ ޓާރޯ ކޯނޯ  ރާއްޖެއަށް ކުރެއްވި އެއް ދުވަހުގެ ރަސްމީ ދަތުރުފުޅުގައި ދެޤައުމުގެ ދެމެގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން ރަސްމީ މަޝްވަރާތައް ވަނީ ކުރިއަށްގެންދަވާފައެވެ. 

ރާއްޖެއާއި ޖަޕާނާ ދެޤައުމުގެ ދެމެދުގައި ސިޔާސީގުޅުން ޤާއިމުކޮށްފައިވަނީ 14 ނޮވެމްބަރ 1967 ގައެވެ. ދެ ޤައުމުގެ ގުޅުމަށް 50 އަހަރު ފުރިފައިވާއިރު، ފާއިތުވި އަހަރުތަކުގެ ތެރޭގައި ޖަޕާން ވެގެންގޮސްފައިވަނީ ރާއްޖޭގެ ތަރައްޤީގައި މުހިއްމު ބައިވެރިއެއްގެގޮތުގައެވެ. ވަކިން ޙާއްސަކޮށް ރާއްޖޭގެ ތަޢުލީމީ ދާއިރާ ތަރައްޤީކުރުމުގައި ޖަޕާން ސަރުކާރުން ބޮޑެތި އެހީތަކެއް އަންނަނީ ވަމުންނެވެ.