ވިޔަފާރި

މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަޝްވަރާ ޔޫކޭއާއި އެކު


އިނގިރޭސިވިލާތާއި އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމުގެ މަޝްވަރާތައް ފެށުމަށް މަސައްކަތްކުރަމުންދާކަމަށް ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު ޝިޢާން ވިދާޅުވެއްޖެއެވެ. ސަފީރު ވިދާޅުވީ އިނގިރޭސިލާތުން ރަސްމީކޮށް ޔޫރަޕިއަން ޔޫނިއަނުން ވަކިވުމާއިއެކު އެ ޤައުމާއިއެކު ފްރީ ޓްރޭޑް އެގްރިމެންޓެއް އެކުލަވާލުމުގެ ޝަޢުގުވެރިކަން ރާއްޖެއިން ފާޅުކޮށްފައިވާކަމަށެވެ. އިނގިރޭސިވިލާތަކީ ރާއްޖޭގެ ފަތުރުވެރިކަމާއި، މަސްވެރިކަމުގެ ސިނާޢަތުގައި މުހިއްމު މާކެޓެއްކަމަށާއި، އެ ޤައުމާއެކު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރަމުންދާކަމަށް ސަފީރު ވިދާޅުވިއެވެ.

1965 ވަނަ އަހަރު ރާއްޖެއަށް މިނިވަންކަން ލިބުމާއެކު، ރައްޖެއިން އެންމެ ފުރަތަމަ ހާރިޖީގުޅުން ޤާއިމުކުރި ޤައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތްވެސް ހިމެނެެެއެވެ. ރާއްޖެއާއި އިނގިރޭސިވިލާތާއި ދެމެދު ހާރިޖީގުޅުން ޤާއިމުކުރިތާ 50 އަށްވުރެ ގިނަ އަހަރު ވެފައިވާއިރު، ރާއްޖޭގެ ފަތުރުވެރިކަމާއި، މަސްވެރިކަމުގެ ސިނާޢަތުގައި އިނގިރޭސިވިލާތް މިއަދުވެފައިވަނީ މުހިއްމު ދައުރެއް އަދާކުރާ މާކެޓަކަށެވެ. އެގޮތުން ޔޫރަޕްގެ ޤައުމުތަކުގެ ތެރެއިން ރާއްޖެއަށް އަހަރެއްގެ މައްޗަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ އެއް ޤައުމަކީ އިނގިރޭސިވިލާތެވެ. އަދި ޔޫރަޕްގެ މާކެޓްތަކުގެ ތެރެއިން ރާއްޖޭގެ ކަނޑުމަހުގެ ބާވަތްތަކާއި، އުފެއްދުންތައް އެންމެ ގިނައިން އެކްސްޕޯޓްކުރާ އެއް ޤައުމަކީވެސް އިނގިރޭސިވިލާތްކަން ފާހަގަކޮށްލަންޖެހެއެވެ.

ރާއްޖެއާއި އިނގިރޭސިވިލާތާއި ދެ ޤައުމުގެ ދެމެދުގައި އޮތްގުޅުން އިތުރަށް ބަދަހިކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްއަށް ދެއްވި ފޯން އިންޓަރވިއުއެއްގައި ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު ޝިޢާން ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދު ކުރިއަރުވުމަށް ޤައުމުތަކާއެކު އޮންނަ ގުޅުން ބަދަހިކުރުމަކީ ސަރުކާރުގެ މުހިއްމު ސިޔާސަތެއްކަމަށެވެ. އެގޮތުން އިނގިރޭސިވިލާތާއެކުވެސް ފްރީ ޓްރޭޑް އެގްރީމެންޓެއް ނުވަތަ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމުކުރުމުގެ ޝަޢުގުވެރިކަން ސަރުކާރުން ގެންގުޅޭކަމަށް ސަފީރު ވިދާޅުވިއެވެ. އަދި ޔޫރަޕިއަން ޔޫނިއަނުން އިނގިރޭސިވިލާތް ރަސްމީގޮތުން ވަކިވުމުން، މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމުކުރުމުގެ މަޝްވަރާތައް ދެ ޤައުމުގެ މެދުގައި ފެށުމަށް މަސައްކަތްކުރަމުންދާކަމަށްވެސް ޝިޢާން ވިދާޅުވިއެވެ.

"އަސްލު ހަޤީޤަތުގައި ދެ ޤައުމުގެ ގުޅުން މިވަނީ ވަރަށް ވަރުގަދަވެފައި. ސިޔާސީ ކަންތައްތަކުގެ ކުލަވަރު ޖެހި ބައެއް ފަހަރު އެގުޅުން ނުބައިގޮތުގައި މާނަކުރެވުނަސް، ދެ ޤައުމު ގުޅިގެން ކުރާ މަސައްކަތް އަހަރުން އަހަރަށް މިދަނީ އިތުރުވަމުން. އަދި އަޅުގަނޑުމެން މަސައްކަތްކުރާ ދާއިރާތައްވެސް މިދަނީ އިތުރުވަމުން. މިސާލަކަށް ތިމާވެށީގެ ދާއިރާ، އިޤްތިޞާދީ ދާއިރާ. އިނގިރޭސިވިލާތް ޔޫރަޕިއަން ޔޫނިއަނުން ވަކިވުމާއި ހިސާބުން އެއީ މި އަންނަ އަހަރުގެ މާރޗުގައި. އެ ހިސާބުން ދިވެހިރާއްޖެއާއި، އިނގިރޭސިވިލާތާއެކީގައި ފްރީ ޓްރޭޑް އެގްރީމެންޓެއް ޤާއިމުކުރުމާއި ގުޅޭގޮތުންވެސް މަޝްވަރާތައް ކުރިއަށްދާނެ. މިވަގުތަކު މަޝްވަރާއެއް ނުކުރެވޭނެ، އެއީ އެ ޤައުމުން އަދި އީޔޫއަކުން ވަކިނުވޭ. އީޔޫއިން އިނގިރޭސިވިލާތް ވަކިވުމަށްފަހު ދެން އަޅުގަނޑުމެންނަށް އެ ފުރުޞަތު ލިބިގެންދާނެ އެ ޤައުމާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމަށްކަށް ދާން. ވަކިން ޙާއްސަގޮތެއްގައި އޭރަށް އަޅުގަނޑުމެންނަށް ދިވެހި މަސް ވަރަށް ހެޔޮ އަގެއްގައި އެ ޤައުމަށް ވިއްކޭނެ. އެހެންވީމަ މިހުރީ އަޅުގަނޑުމެން މިހާރުވެސް މަސައްކަތް ކުރަމުންދާ ދާއިރާތައް" ސަފީރު އަޙްމަދު ޝިޢާން ވިދާޅުވިއެވެ.

ސަފީރު ވިދާޅުވީ، ރާއްޖެއާއި އިނގިރޭސިވިލާތާއި ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރަމުންދާ މަސައްކަތް ވަރަށްވެސް ކާމިޔާބުކަމަށާއި، އެކަމުގެ ނަތީޖާވެސް ފެންނަމުންދާކަމަށެވެ. އެގޮތުން ޔޫރަޕްގެ ޤައުމުތަކުގެ ތެރެއިން ދިވެހިންނަށް 6 މަސް ދުވަހުގެ އޮން-އަރައިވަލް ވިސާ ދޫކުރާ ހަމައެކަނި ޤައުމަކީ އިނގިރޭސިވިލާތްކަން ސަފީރު ވަނީ ފާހަގަކުރައްވާފައެވެ. އަދި ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ރާއްޖޭގެ ސިވިލް އޭވިއޭޝަންގެ ދާއިރާ ތަރައްޤީކުރުމާއި، ތިމާވެށީގެ ދާއިރާއިންވެސް ދެ ޤައުމު ގުޅިގެން ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވާކަން ޝިޢާން ފާހަގަކުރެއްވިއެވެ.

"މިސާލަކަށް ދަންނަވަނީނަމަ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައި ހަމަޖެހިގެން މިދިޔައީ ރާއްޖެއިން އިނގިރޭސިވިލާތަށް ދަތުރުކުރާ ދިވެހިންނަށް އެ ޤައުމުގެ ރައްޔިތުންނަށް ލިބިދޭ ހައްޤެއް އެއީ އީ-ޕާސްޕޯޓް ބޭނުންކޮށްގެން އީ-ގޭޓް މެދުވެރިކޮށް އެ ޤައުމަށް އެތެރެވުން. ދިވެހިންނަށް އެފުރުޞަތު މިހާރު މިވަނީ ހުޅުވާލާފައި. މިއީވެސް ރަމްޒީ ވަރަށް ބޮޑު ކުރިއެރުމެއް ހާރިޖީ ގުޅުމަށް ބަލާލިއަސް، ނުވަތަ ދެ ޤައުމުގެ މެދުގައި އޮތް ދޭދޭ ގުޅުމަށް ބަލާލިއަސް. މިއީ ވަރަށް ބޮޑު އެޗީވްމަންޓެއް. އިނގިރޭސިވިލާތަކީ ދިވެހިންނަށް 6 މަހުގެ އޮން-އަރައިވަލް ވިސާ ދޭ ހަމައެކަނި ޔޫރަޕްގެ ޤައުމު. މިކަމުންވެސް ދޭހަކޮށްދެނީ ދެ ޤައުމުގެ ގާތްގުޅުން. ސިވިލް އޭވިއޭޝަންގެ ދާއިރާއިން އެ ޤައުމުން ރާއްޖެއަށް ވަރަށް ބޮޑު އެހީތެރިކަމެއް ދެމުންދޭ. ވަކިން ހާއްސަކޮށް ރާއްޖޭގެ އެއަރޕޯޓުގައި އެކްސްޕްލޯސިވް ޑިޓެކްޝަން އިކުއިޕްމަންޓްތައް ހަދިޔާކޮށްދީފައިވޭ" ސަފީރު އަޙްމަދު ޝިޢާން ވިދާޅުވިއެވެ.

ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު ޝިޢާން ވިދާޅުވީ، މި ހިނގާ 2018 ވަނަ އަހަރު ވެގެންދާނީ ރާއްޖޭގެ އިޤްތިޞާދީ ދުވެލި މެކުހަށްޖަހާ، ތަރައްޤީގެ ބިޔަ މަޝްރޫޢުތަކެއް ނިމިގެންދާ އަހަރެއްކަމުން، ފަތުވެރިކަމުގެ ސިނާޢަތް އިތުރަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތައް މިއަހަރުވެސް މަޑުޖެހުމެއްނެތި ކުރައްވާނެކަމަށެވެ. އެގޮތުން ޔޫރަޕްގެ އިތުރު މާކެޓްތަކަށް ރާއްޖެ އިޝްތިހާރުކޮށް، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ހާއްސަ މަސައްކަތްތަކެއް މިއަހަރުވެސް ކުރައްވާނެކަމަށް ސަފީރު ވިދާޅުވިއެވެ.