ޚަބަރު

ސިވިލް ކޯޓަށް ދަރަނީގެ ގޮތުގައި 46 މިލިއަން ރުފިޔާ ބަލައިގެންފި


ފައިސާއާ ގުޅުންހުރި މައްސަލަތަކާ ގުޅިގެން ދަރަނީގެ ގޮތުގައި މިދިޔަ އަހަރު 46 މިލިއަން ރުފިޔާ ބަލައިގެންފައިވާކަމަށް ސިވިލްކޯޓުން ބުނެފިއެވެ. އެ ކޯޓުން ބުނީ ދަރަނީގެ ގޮތުގައި ބަލައިގެންފައިވަނީ  ދިވެހި ރުފިޔާއިން ބަލައިގަތް 30.8 މިލިއަން ރުފިޔާއާއި، 1 މިލިއަން ޑޮލަރެވެ.

ސިވިލް ކޯޓްގެ މިދިޔަ އަހަރުގެ ތަފާސްހިސާބުތައް ދައްކާގޮތުން  އެކޯޓަށް ހުށައެޅުނު ދަރަނީގެ މައްސަލަތަކާ ގުޅިގެން ދަރަނީގެ ގޮތުގައި ސާބިތުވި ފައިސާގެ ޢަދަދު 1.2 ބިލިއަނަށް އަރައެވެ. އެއީ ދިވެހި ރުފިޔާއިން 543 މިލިއަން ރުފިޔާއާއި ޑޮލަރުން 44.9 މިލިއަން ޑޮލަރެވެ.

ސިވިލް ކޯޓުން ނިންމާފައިވާ ފައިސާއާ ގުޅުންހުރި މައްސަލަތަކާ ގުޅިގެން ދަރަނީގެ ގޮތުގައި 2017 ވަނަ އަހަރު މިދިޔަ އަހަރު 46 މިލިއަން ރުފިޔާ އެކި ފަރާތްތަކުން ކޯޓަށް ދައްކާފައިވާއިރު މީ އެއްފަރާތުން އަނެއް ފަރާތަށް ދޭންޖެހޭ ކަމަށް އެކޯޓުން ކަނޑައަޅާ ފައިސާގެ ތެރެއިން ކޯޓް މެދުވެރިކޮށް ނަގާދީފައިވާ ފައިސާގެ މިންވަރުއެވެ.

ސިވިލް ކޯޓުގެ ތަފާސްހިސާބުތައް ދައްކާގޮތުން އެކޯޓްގައި ނުނިމި 1 އަހަރުވެފައިވާ މައްސަލަތަކުގެ ޢަދަދު ވަނީ 5 ތިރިވެފައެވެ. މިދިޔަ އަހަރުގެ ތެރޭގައި އެކޯޓަށް 3607 މައްސަލަ ހުށައެޅިފައިވެއެވެ. އޭގެ ތެރެއިން 3044 މައްސަލަ މިިދިޔަ އަހަރުގެ ނިޔަލަށް އެކޯޓުންވަނީ ބަލައި ނިންމާފައެވެ. މިއީ އެކޯޓަށް ހުށައެޅުނު މައްސަލަތަކުގެ 84 އިންސައްތައެވެ.

2017 ވަނަ އަހަރު ނިމުނު އިރު ސިވިލްކޯޓުގައި ނުނިމި ބާކީ ހުރީ 1212 މައްސަލައެވެ. މިއީ އެކޯޓަށް މައްސަލަ ހުށައެޅޭ ނިސްބަތުން ކުޑަ ޢަދަދެއްކަމަށް ސިވިލްކޯޓުން ބުނެއެވެ.