ޚަބަރު

ރެކޯޑިންގސްޓޫޑިއޯއަކާއެކު 100 އެނދުގެ ރިސޯޓެއް ތަރައްޤީކުރަނީ


ދުނިޔޭގެ ފެންވަރުގެ މިއުޒިކް ރިކޯޑިންގ ސްޓޫޑިޔޯއާއެކު 100 އެނދުގެ ރިސޯޓެއް، ތަރައްޤީކުރުމަށް ރާއްޖޭގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ މޯލްޑިވްސް އައިލަންޑް ރިއަލްޓީ ކުންފުންޏާ އެމެރިކާގެ އެޓްލާންޓިކް ރެކޯރޑްސްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މޯލްޑިވްސް އައިލެންޑް ރިއަލިޓީ އިން ބުނީ މި ރިސޯޓު ތަރައްޤީކުރަނީ ތަފާތު ޚިދުމަތްތައް ހިމެނޭ ގޮތަށް އިންޓަގްރޭޓެޑް ރިސޯޓް ޑިވަލޮޕްމަންޓް ޕްރޮޖެކްޓެއްގެ ގޮތުގައި ކަމަށެވެ. މި ރިސޯޓުގައި ދުނިޔޭގެ ފެންވަރުގެ މިއުޒިކް ރެކޯޑިންގ ސްޓޫޑިއޯއަކާއި، އަންޑަރވޯޓާ ރޫމްސްއާ ލަގްޒަރީ ގިނަ ޚިދުމަތްތަކެއް ލިބެން ހުންނާނެ ކަމަށް މޯލްވިސް އައިލަންޑް ރިއަލިޓީގެ ފައުންޑަރ އަޙުމަދު ޝާފީ ވިދާޅުވިއެވެ. އަދި މުޅިން ތަފާތު ކޮންސެޕްޓަކަށް ތަރައްޤީކުރާ މި ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށް އޮތް ހަމަސް ދުވަހުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

ޝާފީ ވިދާޅުވީ، ބޭރުގެ ފަންނާނުގެ މެދުގައި ރާއްޖެ އިސްތިހާރުކުރުމަށް ދުނިޔޭގެ މަޝްހޫރު ރިކޯޑް ލޭބަލް އެޓްލާންޓިކް ރިކޯޑްސްއާ އެކު ވެފައިވާ އެއްބަސްވުމުގެ ސަބަބުން ބޭރު ދުނިޔޭގައި ރާއްޖެ ޕްރޮޕޯޓްކުރަން ރަނގަޅު ފުރުސަތު ލިބި އެކަމުގެ ފައިދާ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރާނެ ކަމަށެވެ. ރާއްޖޭގެ ފަތުރުވެރިކަން ބޭރު ދުނިޔެއަށް އިސްތިހާރުކޮށް، ފަތުރުވެރިކަން މާރކެޓުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ފާހަގަކޮށް އެކުންފުނިން އެކަމުގައި ބައިވެރިވާނެކަމަށްވެސް ޝާފީ ވިދާޅުވިއެވެ. 

މިއެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، އެޓްލާންޓިކް ރިކޯޑްސްގެ ވައިސް ޕްރެސިޑެންޓް ބްރާޔަން ސެން ޖޯންވެސް ބައިވެރިވިއެވެ. އޭނާ ވަނީ ރާއްޖޭގެ ރީތި ކަމާ ހިތްގައިމު ކަމުގެ ތަޖުރިބާ ހިއްސާކޮށްފައެވެ.

މި އެއްބަސްވުމުގައި މޯލްޑިވްސް އައިލެންޑް ރިއަލިޓީގެ ފަރާތުން ސޮއިކުރެއްވީ ފައުންޑަރ އަޙުމަދު ޝާފީއެވެ.