ޚަބަރު

ރާއްޖެ ނައުމަށް ޓްރެވަލް އެޑްވައިޒަރީއެއް ނެރެފައެއް ނުވޭ


ރާއްޖެއަށް ދަތުރުކުރުން ރައްކާތެރި ނޫންކަމަށް ބުނެ އިނގިރޭސިވިލާތުން ޓްރެވަލް އެޑްވައިޒަރީއެއް ނެރެފައިވާކަމަށް ބުނެ ފެތުރެމުންދާ ހަބަރުތައް ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު ޝިއާން ދޮގުކުރައްވައިފިއެވެ. ޝިއާން ވިދާޅުވީ ރާއްޖެއަށް ދަތުރުކުރުމާއި ގުޅޭ އެއްވެސް ޓްރެވަލް އެޑްވައިޒަރީއެއް މި ދުވަސްވަރު އިނގިރޭސިވިލާތުން ނެރެފައިނުވާކަމަށެވެ.  ޕީ.އެސް.އެމް ނިއުސްއަށް ދެއްވި ހާއްސަ ފޯން އިންޓަރވިއުއެއްގައި ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު ޝިޢާން ވިދާޅުވީ، ރާއްޖޭގައި ޓެރެރިޒަމްގެ ހަމަލާއެއް ދިނުމުގެ ފުރުޞަތު ވަރަށް ބޮޑުކަމަށް ބުނެ އިނގިރޭސިވިލާތުން ޓްރެވަލް އެޑްވައިޒަރީއެއް ނެރެފައިވާކަމަށް ބުނެ ފަތުރަމުން ދަނީ ދޮގު ވާހަކަތަކެއްކަމަށެވެ. 

ރާއްޖެއަށް ދަތުރުކުރުމުގައި ސަމާލުވުމަށް އިނގިރޭސިވިލާތުން ޓްރެވަލް އެޑްވައިޒަރީއެއް ނެރެފައިވާކަމަށް ބުނެ ބައެއް ރާއްޖޭގެ ބައެއް މީޑިއާތަކުން ފެތުރި ހަބަރުތަކަށް  ރައްދުދެއްވާ ޝިއާން ވިދާޅުވީ ރާއްޖެއާއި ގުޅޭ އެފަދަ އެއްވެސް އެޑްވައިޒަރީއެއް ނެރެފައިނުވާކަމަށެވެ. އިނގިރޭސިވިލާތުން ޓްރެވަލް އެޑްވައިޒަރީތައް ނެރުމުގައި، އެ ނެރޭ ޤައުމެއްގެ އިޖްތިމާޢީ ހަލަތަށާއި، އިޤްތިޞާދީ ހަލަތަށް ރިޔާޢަތްކުރާކަން ސަފީރު ފާހަގަކުރެއްވިއެވެ. އިނގިރޭސިވިލާތުން އަބަދުވެސް އެ ޤައުމުގެ ރައްޔިތުން އެންމެ ގިނައިން ދަތުރުކުރާ ޤައުމުތަކުގެ ހާލަތު ވަރަށް ގާތުން ބަލައި، މޮނިޓަރކުރަމުންދާކަމަށެވެ. އަދި ކޮންމެ 3 މަހުން ނުވަތަ 6 މަހުން ޓްރެވަލް އެޑްވައިޒަރީތައް އެޤައުމުން ރިވައިޒްކުރާކަމަށްވެސް ސަފީރު ވިދާޅުވިއެވެ. ސަފީރު ވިދާޅުވީ، ޓެރެރިޒަމާއި ގުޅުވައި، އެ ޤައުމުން ރާއްޖެއަށް އެންމެފަހުންވެސް ޓްރެވަލް އެޑްވައިޒަރީއެއް ނެރެފައިވަނީ 2007 ވަނަ އަހަރު ސަލްޓަން ޕާކުގައި އެއްޗެއް ގޮއްވާލި ހާދިސާއާއި ގުޅިގެންކަމަށެވެ.

"ޓެރެރިޒަމް ސެކްޝަންގެ ބައި ރާއްޖޭގައި އެންމެ ފުރަތަމަ އެމީހުން ހިމަނާފައިވަނީ 2007 ވަނަ އަހަރު ސަލްޓަން ޕާކުގައި އެއްޗެއް ގޮއްވާލުމާއި ގުޅިގެން ރާއްޖޭގައި ޓެރެރިސްޓް ހަމަލާއެއް ދީފާނެކަމަށް އެމީހުންގެ ޓްރެވަލް އެޑްވައިޒަރީގައި ހިމެނިފަހުން. އެނގިވަޑައިގަންނަވާނެ އެ ހަމަލާގައި އިނގިރޭސި 2 ރައްޔިތަކަށް ވަނީ އަނިޔާ ލިބިފައި. އެއަށްފަހު އިނގިރޭސިވިލާތުން ރާއްޖެއަށް ނެރޭ އެޑްވައިޒަރީގައި ޓެރެރިޒަމްގެ ބައި އިނދޭ. ކޮންމެ 6 މަހަކުން ނުވަތަ 3 މަހަކުން އެވަގުތަކު އޮންނަ ސިޓުއޭޝަނަކަށް ބަލާފައި، އެމީހުން އެކަން ރިވައިޒްކުރާނެ. އެއީކީ ކޮންމެހެން ރާއްޖެއަށް އޮންނަ ޓްރެރިޒަމްގެ ޓްރެވަލް އެޑްވައިޒަރީ ރިވައިޒްކުރަނީކީ ނޫން. އެއީ އެވަގުތު ދުނިޔޭގައި ޓެރެރިޒަމްގެ ދާއިރާއިން އެމީހުންނަށް ލިބޭ މަޢުލޫމާތާއި ދުނިޔޭގެ ކަންތައްތައް ހިނގާގޮތަށް ބަލާފައި އެމީހުން ކުރާ ރިވިޝަނެއް. އެ ރިވިޝަން އެޕްލައިވާނެ ދުނިޔޭގެ އެތައް ޤައުމަކަށް" އަޙްމަދު ޝިއާން ވިދާޅުވިއެވެ.ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު ޝިޢާން ވިދާޅުވީ، އިނގިރޭސިވިލާތުން ފަހުގެ ތާރީހެއްގައި އެންމެ ބޮޑު ޓްރެވަލް އެޑްވައިޒަރީއެއް ނެރެފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުކަމަށާއި އެއީ މުޅި ދުނިޔޭގެ ހާލަތަށް ބެލުމަށްފަހު އެޤައުމުން ނެރުނު އެޑްވައިޒަރީއެއްކަމަށެވެ. އެގޮތުން އެފަހަރު ދުނިޔޭގެ އެންމެ ބޮޑެތި ބާރުތައް ހިމެނޭހެން 100 އަށްވުރެ ގިނަ ޤައުމަށް އިނގިރޭސިވިލާތުން ޓްރެވަލް އެޑްވައިޒަރީ ނެރެފައިވާއިރު، އޭގެ ތެރޭގައި އެ ޤައުމު ރައްޔިތުންގެ މެދުގައި ފަތުރުވެރިކަމަށް މަޝްހޫރު އެތައް ޤައުމުތަކެއްވެސް ހިމެނޭކަމަށެވެ. އަދި އެއީ ހަމައެކަނި ޓެރެރިޒަމްގެ ހާލަތަށް ބަލާފައި ނެރޭ އެޑްވައިޒަރީއެއް ނޫންކަމަށާއި، އެހެންކަމުން އެ ޤައުމުން އެފަދަ އެޑްވައިޒަރީއެއް ނެރޭ ކޮންމެ ފަހަރަކު ޓެރަރިޒަމްގެ ހަމަލާތަކާއި ރާއްޖެއާއި ގުޅުވައި ޙަބަރު ފަތުރަމުންދަނީ ކަމުގައި ހަޤީޤަތް އާއްމުންނަށް އޮޅުވާލުމަށްކަމަށްވެސް ސަފީރު ވިދާޅުވިއެވެ."އެންމެ ބޮޑު ޓްރެވަލް އެޑްވައިޒަރީއެއް އައީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހު. އެއީ 100 އެތައް ޤައުމަކަށް އެމީހުން ގެނައި ބަދަލެއް. އޭގައި މި ބުނަނީ އިނގިރޭސި ރައްޔިތުން ދަތުރުކުރާ އެތައް ޤައުމުތަކެއް ޙާއްސަކޮށް އެންމެ ގިނައިން ޓޫރިސްޓުންގެ ގޮތުގައި މިދާ ޤައުމުތަކަށް އޭގެ ތެރޭގައި އެބަހިމެނޭ ރާއްޖެވެސް، މެލޭޝިއާވެސް، ސިންގަޕޫރުވެސް، ތައިލެންޑްވެސް، ފިލިޕީންވެސް، އޮސްޓްރޭލިއާވެސް، އެމެރިކާވެސް، އަދި ޔޫރަޕްގެ ޤައުމުތަކުގައިވެސް އިނގިރޭސިން ދާ ތަންތަނުގައި ޓެރެރިޒަމް ހަމަލާއެއް ދިނުމުގެ ޖާގަ ވަރަށް ބޮޑުކަމަށް އަދި އެކަމަށް ތައްޔާރުވެ ނުވަތަ އެކަމަށް ވިޖިލަންޓްވެ ހުރުމަށް. އެއީ އީޔޫގެ ރައްޔިތުންނަށް އެމީހުންދޭ އެޑްވައިޒެއް. އެހެންވީމަ އެ އެޑްވައިޒް ރާއްޖެއަށް އަންނަ ކޮންމެ ފަހަރަކު، ރާއްޖޭގެ މީޑިއާއިން މި ނަގަނީ ރާއްޖޭގައި އެފަދަ ހަމަލާއެއް ދޭން އުޅޭކަމަށްބުނެ އިނގިރޭސިވިލާތުގެ ޓްރެވަލް އެޑްވައިޒަރީއެއް ނެރެއްޖެނަމަ، ރާއްޖެ ނާންނަން އިލްތިމާސްކޮށްފިއޭ. އެއީކީއެއް މުޅިން ތެދު މަޢުލޫމާތެއް ނޫން. އެއީ ވަކިގޮތަކަށް ވަކި މަޤްޞަދެއްގައި އޭތި ނަގައިގެން އެކަން ކުރާތީ. އޭގެ މިސާލަކަށް މެލޭޝިއާ ނުވަތަ ސިންގަޕޫރު ނުވަތަ އެމެރިކާ ނުވަތަ ޖަރުމަން ނުވަތަ ފަރަންސޭސްވިލާތުން ޓްރެވަލް އެޑްވައިޒަރީގެ ބައި ބަލާލީމަ އިނގޭނެ ރާއްޖެއާއި ހަމަ އެއް ފެންވަރެއްގައި، އެއްގޮތަކަށްކަން އެމީހުން އެކަން ކުރަނީ" ސަފީރު އަޙްމަދު ޝިޢާން ވިދާޅުވިއެވެ.ސަފީރު އަޙްމަދު ޝިޢާން ވިދާޅުވީ، ރާއްޖޭގައި ހަޤީޤަތުގައިވެސް ޓެރެރިޒަމްގެ ހަމަލާތަކުގެ ނުރައްކާ ބޮޑުނަމަ، އިނގިރޭސިވިލާތް ފަދަ ތަރައްޤީވެފައިވާ ބޮޑެތި ޤައުމުތަކުގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާ އަދަދު އަހަރުން އަހަރަށް އިތުރު ނުވީސްކަމަށެވެ. އަދި ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި މާހައުލެއް ޤާއިމުކޮށްދީފައިވާ ޤައުމެއްކަމަށާއި، ފަތުރުވެރިންގެ މެދުގައި ދަތުރުކުރުމަށް އެންމެ ރައްކާތެރި އެއް ޤައުމުކީ ރާއްޖެކަން ދިރާސާތަކުންވެސް ދައްކާފައިވާކަމަށެވެ. އަދި އެކަން އެގޮތުގައި ދެމެހެއްޓުމަށް އަބަދުވެސް މަސައްކަތްކުރައްވާނެކަމަށްވެސް ސަފީރު ވިދާޅުވިއެވެ.