ޚަބަރު

"ކާމިޔާބު ތަޙްޤީޤްތަކެއް، ކުށްކުރުން %6 މަދު"


2017 ވަނަ އަހަރު ތަޙްޤީޤްކުރި މަރުގެ ބޮޑެތި މައްސަލަތަކުގެ ތަޙްޤީޤް ކާމިޔާބު ކަމާށާއި، ކުށްކުރާ ނިސްބަތް ވޭތުވެދިޔަ އަހަރު 6 އިންސައްތަ މަދުވެފައިވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ޕީ.އެސް.އެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފުލުހުންގެ ތަރުޖަމާނު ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން ވިދާޅުވީ 2017 ވަނަ އަހަރުން ފުލުހުން މަރުގެ 6 މައްސަލައެއްގެ ތަޙްޤީޤް ކުރިއަށްގެންގޮސްފައިވާކަމަށެވެ. އެގޮތުން މަރުގެ ހުރިހާ މައްސަލަތަކެއްގެ ތަޙްޤީޤް ނިންމައި ދައުވާކުރުމަށް ހުށައަޅާފައިވާކަމަށް ޝިފާން ވިދާޅުވިއެވެ. ބޮޑެތި މައްސަލަތައް ތަޙްޤީޤް ކުރުމުގައި 2017 ވަނަ އަހަރަކީ ކާމިޔާބު އަހަރެއްކަމަށް ޝިފާން ވިދާޅުވިއެވެ.

ކުށްކުރުން މަދުކުރުމަށްޓަކައި ފުލުހުންނާއި، ދައުލަތުގެ ކަމާބެހޭ މުއައްސަސާތައް ގުޅިގެން ކުރި މަސައްކަތުން، ވޭތުވެދިޔަ އަހަރު ކުށްކުރާ ނިސްބަތް 6 އިންސައްތައް މަދު ކުރެވިފައިވާކަމަށް ޝިފާންވިދާޅުވިއެވެ. އެގޮތުން 2017 ވަނަ އަހަރު ކުށްކުރާ މީހުން ކުށްކުރުމަށް މުޖުތަމައުގައި ހުރިހި ފުރުޞަތުތައް  މަދުކޮށްފައިވާކަމަށް ޝިފާން ވިދާޅުވިއެވެ.

"ކުށް ހިންގިޔަ ނުދޭން ކުރެވޭނެ މަސައްކަތްތަކެއް އެބަހުރި، މިސާލަކަށް އަތޮޅުތެރެއަށް ވިސްނާލާއިރު، ބޮޑެތި ރަށްރަށުގައި ވަރަށް އަނދިރި ހިސާބުތަކާއި، އެކަހެރި ހިސާބުތަކާއި، މީހުން ނޫޅޭ ސަރަހައްދުތައް އެބަހުރޭ. އެތަންތަން މޮނިޓަރކޮށް، އެތަންތަނަކީވެސް ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި ކުރެވޭ މިފަދަ މަސައްކަތުންވެސް ކުށްކުރުން އެބަ މަދުކުރެވޭ. މިސާލަކަށް އެންމެ ބޮތްކެއް ދިއްލާލައިގެންވެސް ބައިވަރު ހާދިސާތައް އެބަ މަދުކުރެވޭ."  ޝިފާން ވިދާޅުވިއެވެ. 

ސިޔާސީ ގޮތުން ޤައުމު ހަލަބޮލިވާ ދުވަސްވަރު ކުށްކުރާ ނިންބަތް އިތުރުވެގެންދާކަން ފާހަގަކުރައްވައި ޝިފާން ވިދާޅުވީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ދިމާކޮށް، މުޖުތަމުގެ ހަމަޖެހުމަށް ހުރިހާ ފަރާތްތަކުން އިސްކަން ދިނުމަށް އިލްތިމާސްކުރާކަމަށެވެ. އަދި ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަކީ 2018 ވަނަ އަހަރު ފުލުހުންގެ މުއައްސަސާއިން އެންމެ އިސްކަންދޭނެ އެއްކަންތައްކަން ޝިފާން ފާހަގަކުރެއްވިއެވެ. ރާއްޖޭގެ 127 ރަށެއްގައި ފުލުހުންގެ ޚިދުމަތް ވަނީ ޤާއިމުކޮށްފައެވެ.