ވިޔަފާރި

ފައިސާ ދެއްކުމުގެ ނިޒާމާއިބެހޭ ގޮތުން ދިރާސާއެއް ކުރަނީ


ދިވެހިރާއްޖޭގެ ވިޔަފާރީގެ މުޢާމަލާތްކުރުމާއި ފައިސާ ދެއްކުމުގެ ނިޒާމާއިބެހޭ ގޮތުން ދިރާސާއެއް ކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ނިންމައިފިއެވެ.

އެކި ބައިތަކަށް ބަހާލައިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ، މި ސަރވޭގެ ފުރަތަމަ ބައި ކުރިއަށްދާނީ، މިހިނގާ ޖެނުއަރީމަހުގެ 6 ކުން 11 ވަނަ ދުވަހުގެ ނިޔަލަށެވެ.

'ޕޭމެންޓް ސިސްޓަމް' އާއި ގުޅޭ މި ސަރވޭއާ ބެހޭ މައުލޫމާތު ހިއްސާކުރަމުން އެމްއެމްއޭގެ ސީނިއާ ރިސާޗް އެނަލިސްޓް އާއިޝަތު ސަޖްނީ ވިދާޅުވީ، މި ސަރވޭގެ މަގުސަދަކީ އެކިއެކި މުޢާމަލާތްތަކުގައި ފައިސާ ދެއްކުމުގައި ދިމާވާ ދަތިތަކާއި މައްސަލަތައް ދެނެގަނެ، ނަގުދު ފައިސާ ބޭނުންކުރުން މަދުކޮށް ވީހާވެސް ފަސޭހަ ނިޒާމަކުން ފައިސާ ދެއްކޭނެ އިންތިޒާމެއް ހަމަޖެއްސުމަށް މަގުފަހިކުރުންކަމަށެވެ.

އަދި ދިވެހިރާއްޖެ ފަދަ ކުޑަ ޤައުމަކަށް އެންމެ އެކަށީގެންވާ ޕޭމަންޓް ސިސްޓަމެއް ޤާއިމްކުރުމަކީ މި ސަރވޭގެ މައިގަނޑު މަޤްސަދުކަމަށް ސަޖްނީ ވިދާޅުވިއެވެ.

" ޕޭމަންޓް ސިސްޓަމޭ އަޅުގަނޑުމެން މި ދަންނަވާލަނީ އެމްއެމްއޭއިން މި ފޯރުކޮށްދޭ އެމްއާރުޓީޖީއެސް، އަދި ބޭންކްތަކުން ފޯރުކޮށްދޭ ކާޑުގެ ޚިދުމަތްތަކާ މޯބައިލް ބޭންކިންގއާ އަދި އިންޓަރނެޓްގެ ޚިދުމަތްވެސް ހިމެނޭގޮތައް" ސަޖްނީ ވިދާޅުވިއެވެ.

މި ސަރވޭގައި މަޢުލޫމާތުނަގާނެ މައިގަނޑު ދާއިރާތަކުގެ ތެރޭގައި ފަތުރުވެރިކަން، މަސްވެރިކަން، ތަކެތި އުފެއްދުން، އިމާރާތްކުރުން، ދަތުރުފަތުރާއި މުއާސަލާތީ ހިދުމަތް، ވިޔަފާރި އާއި މާލީ ހިދުމަތް، ސިއްހީ އަދި ތަޢުލީމީ ދާއިރާ ހިމެނެއެވެ. މި ސަރވޭގައި ފުރަތަމަ މަޢުލޫމާތު އެއްކުރުމަށް އަމާޒުކޮށްފައި ވަނީ މާލެ، ހުޅުމާލެ އަދި ވިލިނގިލި ހިމެނޭގޮތަށް މާލެ ސަރަހައްދަށްކަމަށްވެސް ސަޖްނީ ވިދާޅުވިއެވެ.

" އެކި ދާއިރާތަކަށް ދިމާވާނީ ޕޭމަންޓް ސިސްތަމުގައި އެކި މައްސަލަތައް. އެހެންވީމަ އަޅުގަނޑުމެން ބޭނުންވަނީ، ވީހާވެސް ގިނަ ދާއިރާތަކެއް މި ސަރވޭގަ ކަވަރކުރަން. މިސާލަކަށް ފަތުރުވެރިކަމުގެ ދާއިރާގަ ދިމާވާ މައްސަލަތަކެއްނޫން އިމާރާތް ކުރުމުގެ ދާއިރާގަ ދިމާވާނީކީ. އެހެންވީމަ މަޤްސަދަކީ ވީހާވެސް ގިނަ ދާއިރާތަކެއް މި ސަރވޭގަ ހިމެނުން" އާއިޝަތު ސަޖްނީ ވިދާޅުވިއެވެ.

އެމްއެމްއޭއިން ބުނީ މިހިނގާ ޖެނުއަރީމަހުގެ 6 ވަނަ ދުވަހުން ފެށިގެން 11 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު ނުވަ އަކުން އިރުއޮއްސި ހަޔަކަށް އެމްއެމްއޭގެ ޓީމްތައް ހޮވާލެވޭ ފަރާތްތަކުން ސަރވޭއަށް ބޭނުންވާ މަޢުލޫމާތު ހޯދުމުގައި ހަރަކާތްތެރިވާނޭކަމަށެވެ.

ޕޭމެންޓް ސިސްޓަމް ހަރުދަނާ ކުރުމަކީ ވަރަށް ބޮޑު ހޭދައެއްކޮށްގެން ކުރާ ގައުމީ މަސައްކަތަކަށްވާތީ، މި ސަރވޭއޭއަށް ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ދެއްވުމަށް އެމްއެމްއޭއިން އިލްތިމާސްކުރެއެވެ.