ޚަބަރު

"މައްސަލަތަކުގެ ދެބައިކުޅަ އެއްބައި ކޯޓުން ބޭރުގައި ހައްލުވި"


2017 ވަނަ އަހަރު ސިވިލް ކޯޓަށް ހުށައެޅުނު މައްސަލަތަކުގެ ދެބައިކުޅަ އެއްބައި މައްސަލަތައް ޝަރީޢަތަކާ ނުލައި ހައްލުކުރެވިފައިވާކަމަށް އެކޯޓުން ހާމަކޮށްފިއެވެ. ސިވިލް ކޯޓްގެ ތަފާސްހިސާބުތައް ދައްކާގޮތުން 2017 ވަނަ އަހަރުގެ ތެރޭގައި އެކޯޓްގެ ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޜަނުން 1277 މައްސަލަ ޝަރީޢަތަކާ ނުލައި ހައްލުކޮށްފައިވެއެވެ.

ޑިސްޕިއުޓް ރިޒޮލިއުޝަނަކީ ޝަރީޢަތުގެ މަރުޙަލާއަކާ ނުލައި، ސިވިލް ކޯޓަށް ހުށައެޅޭ މައްސަލަތައް ހައްލުކުރުމުގެ ނިޒާމެކެވެ. މި ނިޒާމުގެ ދަށުން ޤާޟީގެ ޙާޟިރުގައި ދެ ޚަސްމުން ވާހަކަދައްކައިގެން ސުލްޙަވެރިކަމާއެކު މައްސަލަ ޙައްލުކުރުމުގެ މަގު ފަހިވެގެންދެއެވެ.

މިނިޒާމަކީ ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާއަށް އާ ނިޒާމެއް ނަމަވެސް، މި ނިޒާމު ސިވިލް ކޯޓްގައި ގެންދަނީ ކާމިޔާބުކަމާއެކު ތަންފީޛް ކުރެވެމުންނެވެ.

ސިވިލް ކޯޓްގެ ތަފާސް ހިސާބުތައް ދައްކާގޮތުން އެކޯޓަށް ހުށައެޅޭ މައްސަލަތަކުގެ ތެރެއިން 63 އިންސައްތަ މައްސަލަ ފުރަތަމަ ބަލަނީ ޑިސްޕިއުޓް ރިޒޮލިއުޝަނުންނެވެ. 2017 ވަނަ އަހަރު ޖުމްލަ 3044 މައްސަލަ ސިވިލް ކޯޓަށް ހުށައެޅިފައިވެއެވެ. އޭގެތެރެއިން 2294 މައްސަލަ ފުރަތަމަ ބަލާފައިވަނީ އެކޯޓްގެ ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޜަނުންނެވެ. އެއީ އެކޯޓަށް 2017 ވަނަ އަހަރު ހުށައެޅުނު ޖުމްލަ މައްސަލަތަކުގެ 63 އިންސައްތައެވެ.

މީގެތެރެއިން 1277 މައްސަލަ ވަނީ ޑިސްޕިއުޓް ރިޒޮލިއުޝަން ޔުނިޓުން ޝަރީޢަތަކާ ނުލައި ހައްލުކޮށްފައެވެ. މިއީ އެޑިވިޜަނަށް ހުށައެޅުނު މައްސަލަތަކުގެ ނިސްބަތުން 53.81 އިންސައްތައެވެ. އަދި 2017  ވަނަ އަހަރު ހުށައެޅުނު މައްސަލަތަކުގެ ތެރެއިން ޑިސްޕިއުޓް ރިޒޮލިއުޝަނުން ހައްލު ނުވެފައިވަނީ 1017 މައްސަލައެވެ. ޑިސްޕުއުޓް ރިޒޮލިއުޝަނުން ހައްލުނުވާ މައްސަލަތައް ދެން ކުރިއަށްދާނީ ޝަރީޢަތުގެ މަޖިލީހެއްގައެވެ.

ސިވިލް ކޯޓްގައި ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޜަނެއް ޤާއިމުކޮށްފައިވަނީ 2015 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެންނެވެ. މިއީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުން އަލްއުސްތާޛް ޢަބްދުﷲ ސަޢީދުގެ އިންނެންގެވުމަށް ފެއްޓެވި މަސައްކަތެކެވެ. މަދަނީ މައްސަލަތަކުގެ އިތުރުން ޖިނާޢީ މައްސަލަތައްވެސް ޝަރީޢަތުން ބޭރުގައި ހައްލުކުރެވޭނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ގެންދަނީ ކުރަމުންނެވެ.