ޚަބަރު

ހުކުރު ހުތުބާ އިޝާރަތް ބަހުންވެސް ގެނެސްދޭން ފަށަނީ


މިމަހުގެ 12ވާ ހުކުރު ދުވަހުން ފެށިގެން އިޝާރާތް ބަހުންވެސް ހުކުރު ޚުތުބާ ގެނެސްދިނުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ ބާރަވަނަވަނަ ދުވަހުން ފެށިގެން ޚުތުބާ ކިޔަމުންދާއިރު ޓީވީ ސްކްރީނުން އިޝާރާތް ބަހުންވެސް ހުކުރު ޚުތުބާ ފެނިގެންދާނެކަމަށެވެ.

ނުކުޅެފުންތރެިކަން ހުންނަ ކުދިންނާ މީހުންނަށް ހާއްސަކޮށްގެން މިއަހަރުގެ ތެރޭޣައި ގިނަ ހަަކާތްތަކެެއް ކުރިޔަށް ގެންދިޔުމަށް އިސްލާމިކް މިނިސްޓްރީން ވވަނީ ނިންމާފައެވެ. މިގޮތުން "ޑިސްއެބިލިޓީ ގުޑް ވިލް އެމްބެސަޑަރ" އާ ގުޅިގެން ފަށާ ޚާއްސަ ހަރަކާތްތައް މިމަހުގެ 12 ވާ ހުކުރުުވަހުން ފެށިގެން ކުރިޔަށްދާނެކަމަށެވެ. 

އިސްލާމިކް މިނިސްޓްރީން ބުނީ މިމަހުގެ 12 ވާ ހުކުރުދުވަހު "ހުކުރު އުފާ"ގެ ހަވީރުގެ ދަންފަޅި  ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޚާއްސަކޮށްގެން ކުޅިވަރުގެ ހަރަކާތްތަކާއި ދީނީ ހަރަކާތްތަކެއް ކުރުއަށްގެންދިޔުމަށް ނިންމާފައިވާކަމަށެވެ. މީގެ އިތުރުން ރޭގަނޑުގެ ދަންފަޅީގައި ކުރިއަށްގެންދާ ދަރުސްވެސް ޚާއްސަކޮށްފައިވާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެކުދިންގެ ބެލެނިވެރިންނަށްކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި އިސްލާމިކް މިނިސްޓަރ ޑރ.އަހްމަދު ޒިޔާދު ވިދާޅުވީ ނުކުޅެންދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ވާހަކަދެއްކުމުން މަހުރޫމްވެފައި ތިބި ކުދިންނަށް ޚާއްސަ ޕްރޮގްރާމްތަކެއް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މި ޕްރޮގްރާމްގެ ތެރެއިން އެކުދިންނަށް އިސްލާމްދީނުގެ އަސާސްތައް ކިޔާދިނުމުގައި ދީނުގެ މުހިއްމު މައުލޫމާތުތަކެއް ހިއްސާކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ފެނުމުން މަހުރޫމްވެފައިވާ ކުދިންނަށް އަމާޒުކޮށްގެންވެސް ޚާއްސަ ހަރަކާތްތަކެއް މިއަހަރު ކުރިޔަށް ގެންދަވާނެކަމަށެވެ. އެގޮތުން މެލޭޝިއާގެ ބައެއް މުއައްސަސާތަކާ ގުޅިގެން މިފަދަ ކުދިންނަށް ކީރިތި ޤްރުއާން ދަސްކޮށްދިނުމުގެ މަސައްކަތް ކުރަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މީގެއިތުރުން މުޅި އަހަރު ދުވަހަށް ބަހާލައިގެން ކޮންމެ ހަފްތާއަކު ދީނީ ހަރަކާތެއް ކުރިއަށް ގެންދިޔުމުގެ މަސައްކަތްކުރާނެކަމަށްވެސް މިނިސްޓަރ ޒިޔާދު ވިދާޅުވިއެވެ. 

"އިސްލާމްދީނުގެ އަސާސްތައް ބުނެދިނުމުގެ ގޮތުން އިސްލާމްދީނުގެ ރުކުންތަކާއި،އީމާންކަމުގެ ރުކުންތައް ކިޔާދިނުމަށް އެކުދިންނަށް ޚާއްސަ ޕްރޮގްރާމެއްގެ ގޮތުގައި ހިންގުމަށްޓަކައި މިނިސްޓްރީން ކަނޑައަޅާ،"ޑިސްއެބިލިޓީ ގުޑް ވިލް އެމްބެސަޑަރ" އެކީގައި މަސައްކަތްތަކެއް ކުރިއަށްގެންދާނެ. މިމަހުގެ ތެރޭގައި އެ މަސައްކަތް ފަށާނެ. އިސްލާމްދީނުގެ ހަމަތަކާއި އުސޫލްތަކުގެ މަތިން ދިރިހުރުމުގައި، ޒަވާޖީ ހަޔާތް ފަށާއިރު، އަދި އާއިލާ ބިނާ ކުރުމާއި، ބައްޓަންކުރާނެ ގޮތްތައް ކިޔާދޭނެ". އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ.

މި ސަރުކާރުގެ އަމާޒަކީ މުޖުތަމައު ތެރޭގައި އެކަހެރިވެފައި ތިބި ކުދިން މުޖުތަމައަށް ބޭނުންތެރި ބަޔަކަށް ހެދުންކަމަށާއި އެކުދިންނަށް ދޭންޖެހޭ ދީނި  އަސާސީ ތައުލީމް މިނިސްޓްރީގެ ފަރާތުން ދިނުންކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށްގެން މި މަހު ފަށާ ޕްރޮގްރާމް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަސައްކަތް ކުރައްވާނެކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.