ޚަބަރު

އިސްލާމިކް ޔުނިވަރސިޓީގެ ޓަވަރުއަޅަން 6 ފަރާތެއް ޝައުޤުވެރިވެއްޖެ


ރާއްޖޭގައި ކުރިއަށް ގެންދާ ބޯހިޔާ ވަހިކަމުގެ އެންމެ ބޮޑު މަޝްރޫޢު، ހިޔާ ޕްރޮޖެކްޓްގެ ދަށުން އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް އިން އަޅާ ޓަވަރު އަޅަން 6 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށް އެ ޔުނިވާރސިޓީން ބުނެފިއެވެ. އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް ގެ ޗާންސެލަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ހިޔާ ޕްރޮޖެކްޓްގެ ދަށުން އެ ޔުނިވަރސިޓީން އަޅާ 14 ބުރީގެ ޓަވަރު އަޅަން 6 ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިވާކަމަށެވެ. އޭގެތެރޭގައި ރާއްޖޭގެ 2 ފަރާތަކާއި ބޭރުގެ 4 ފަރާތް ހިމެނޭކަމަށްވެސް ޝަހީމްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

މިދިޔަ ޑިސެމްބަރ މަހުގެ ތެރޭގައި ހިޔާގެ ޕްރޮގްރާމްގެ ދަށުން އެމްޕީއެލް އަދި އެމްޓީސީސީން އަޅާ ފްލެޓްތަކުގެ މަސައްކަތް ސިންގަފޫރްގެ ކުންފުންޏަކާއި ވަނީ ހަވާލުކޮށްފައެވެ. މި މަޝްރޫއުގެ ދަށުން އެމްޕީއެލުން 14 ބުރީގެ 3 ޓަވަރު އެޅުމަށް ހަމަޖެހިފައިވާއިރު، އެމްޓީސީސީން އެޅުމަށް ހަމަޖެހިފައިވަނީ 15 ބުރީގެ 2 ޓަވަރެވެ.

ހިޔާ މަޝްރޫޢުގެ ދަށުން ސަރުކާރު ކުންފުނިތަކާއި ބައެއް އޮފީސްތަކުން ޓަވަރުތައް އެޅުމަށް ހަމަޖެހިފައިވާއިރު ގިނަ ކުންފުނިތަކުން ވަނީ ޓަވަރުތައް އަޅާނެ ބަޔަކު ހޯދުމަށް ޢިއުލާންކޮށްފައެވެ.

ބޯހިޔާވަހިކަމަށް ހަލެއް ގެނެސްދިނުމަށް ސަރުކާރުން ފަށާފައިވާ ހިޔާ މަޝްރޫގެ ދަށުން ސަރުކާރު ކުންފުނިތައް ހިމެނޭގޮތަށް 25 ބުރީގެ 62 ޓަވަރު އިމާރާތްކުރުމަށްވަނީ ހަމަޖެހިފައެވެ. މި މަޝްރޫއުގެ ސަބަބުން އެއްލައްކަ މީހުންގެ އާބާދީއަކަށް ބޯހިޔާވަހިކަން ލިބިގެންދާނެކަމަށް ސަރުކާރުން ހާމަކުރެއެވެ.