ޚަބަރު

މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް ޔެލޯ އެލަރޓް ނެރެފި


ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން މެދު ރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް ޔެލޯ އެލަރޓް ނެރެފިއެވެ. މޫސުމާބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލަރޓް ނެރެފައިވަނީ މިއަދު ހެނދުނު 8 އިން ފެށިގެން މެންދުރު ކުރި 11 ޖެހުމާއި ހަމައަށް ރ. އަތޮޅާއި ތ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. 

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނީ މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް މިއަދު ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ. އެހެންކަމުން އެ ސަރަޙައްދުގައި ދިރިއުޅޭ ފަރާތްތަކުން ކަނޑުދަތުރުފަތުރު ކުރުމުގައި މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. 

ރާއްޖޭގެ ބައެއް ސަރަޙައްދުތަކަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ރާއްޖެ ހިމެނޭ ސަރަޙައްދުގެ މަތިން ދަތުރުކުރާ ލޯ-ޕްރެޝަރ ޓްރަފެއްގެ ސަބަބުން ކުރާ ވިއްސާރައެއްކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން މަޢުލޫމާތު ދެއެވެ. ވިއްސާރައިގެ ސަބަބުން މާލޭ ސަރަޙައްދަށް އެކަނިވެސް 88 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެއެވެ.