ޚަބަރު

ޖީއެސްޓީ ދެއްކުމަށް 5 ކުންފުންޏެއްގެ މައްޗަށް ހުކުމްކޮށްފި


ދައުލަތައް ދައްކަންޖެހޭ ޖީއެސްޓީ އާއި ޖޫރިމަނާ ނުދައްކައިގެން އިތުރު 5 ކުންފުންޏެއްގެ މައްޗަށް، މިލިއަނަކަށްވުރެ ގިނަ ރުފިޔާ ދެއްކުމަށް ސިވިލްކޯޓުން ހުކުމްކޮށްފިއެވެ.

ޖީއެސްޓީ ނުދައްކައިގެން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާއިން) ސިވިލްކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން ޖީއެސްޓީ އާއި ޖީއެސްޓީ ނުދައްކައިގެން އަރާފައިވާ ޖޫރިމަނާ ނުދައްކައިގެން މި ފަހުން ހުކުމްކުރި 5 ކުންފުނިން ދައުލަތައް ދައްކަންޖެހޭ ފައިސާގެ އަދަދު 1.14 މިލިއަން ރުފިޔާއަށް އަރައެވެ.

މީގެ ތެރެއިން ބައެއް ކުންފުނިތަކުގެ މައްޗަށް ހުކުމްކޮށްފައިވަނީ ޣައިރު ހާޒިރުގައެވެ. މީރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ދައުލަތައް ދައްކަންޖެހޭ ޓެކްސް ނުދައްކައިގެން ވޭތުވެދިޔަ މަހެއްހާދުވަހުގެ ތެރޭގައި ސިވިލްކޯޓުން ކުރި ހުކުމްތަކުން އެކަނިވެސް ދައުލަތައް 44 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބެންޖެހެއެވެ.

މީރާއިން ގެންދަނީ ދައުލަތަށް ޓެކްސް ނުދައްކާ ފަރާތްތަކުގެ މައްސަލަތައް ހަމަޖެހިފައިވާ އުސޫލުގެ ދަށުން ކޯޓަށް ހުށަހަޅަމުންނެވެ. މިގޮތުން ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ސިވިލްކޯޓުން ވަނީ ޖީއެސްޓީ ނުދައްކާ މައްސަލައިގައި ނުވަދިހަ ފަރާތަކަށް ހުކުމްކުރައްވާފައެވެ.