ކުޅިވަރު

ކުޓީނިއޯ މައްސަލައިގައި ނައިކް ގޮވައިގެން ލިވަޕޫލް ކޯޓަށްދަނީ!


ފިލިޕް ކުޓީނިއޯ މި މަހު ބާސެލޯނާ އަށް ބަދަލުވާނެ ކަމަށް ބުނެ ނައިކް ކުންފުނިން އޭނާގެ ނަންޖަހާފައިވާ ބާސެލޯނާގެ ޖާޒީ އާއްމު ކުރުމާ ގުޅިގެން ލިވަޕޫލުން ކޯޓަށް ދާން ނިންމައިފިއެވެ.

ބްރެޒިލްގެ މިޑްފީލްޑަރު ކުޓީނިއޯ ގަތުމަށް މިދިޔަ ޖޫން މަހު ބާސެލޯނާއިން ތިން ފަހަރު މަސައްކަތް ކުރި ނަމަވެސް ލިވަޕޫލުން ވަނީ ކުޅުންތެރިޔާ ވިއްކަން ދެކޮޅު ހަދާފައެވެ. ނަމަވެސް މި ޖެނުއަރީ މަހު 130 މިލިއަން ޕައުންޑަށް ކުޅުންތެރިޔާ ބާސެލޯނާ އަށް ބަދަލުވާނެ ކަމަށް ދެކެވޭ ވާހަކަތައް އަނެއްކާ ވެސް ވަނީ ވަރަށް ގަދަވެފައެވެ.

ނައިކް ކުންފުންޏަކީ ބާސެލޯނާގެ މެޗު ޖާޒީ ތައްޔާރުކޮށްދޭ ކުންފުންޏެވެ. އަދި އެއީ ކުޓީނިއޯގެ މެޗު ބޫޓު ސްޕޮންސާ ފަރާތް ކުންފުނިވެސްމެއެވެ. އެކުންފުނިން ބާސެލޯނާގެ ހަތް ނަންބަރު ޖާޒީގައި ކުޓީނިއޯގެ ނަން ޖަހައި ނެރުނު އިސްތިހާރު ފަހުން ވަނީ ނަގާފައެވެ.

މި މައްސަލާގައި ބާސެލޯނާއިން ހިމޭނުން އޮތްއިރު ބްރެޒިލްގެ މަޝްހޫރު ނޫސްވެރިޔާ މާސެލޯ ބެޗްލާ ވެސް ވަނީ މި މަހު ކުޓީނިއޯ ބާސެލޯނާ އަށް ބަދަލުވާނެ ކަމަށް ބުނެފައެވެ. އޭނާ އަކީ ބާސެލޯނާ ދޫކޮށް ބްރެޒިލްގެ ނޭމާ ޕީއެސްޖީ އަށް ބަދަލުވާނެކަން ވެސް އެންމެ ފުރަތަމަ ބްރޭކްކުރި ނޫސްވެރިޔާއެވެ. 

ބެޗްލާ ބުނާ ގޮތުގައި ކުޓީނިއޯ ގަތުމަށް ބާސެލޯނާއިން 160 މިލިއަން ޕައުންޑްގެ އަގުހުރި ހުށަހެޅޫން ރަސްމީކޮށް ހުށަހަޅާނީ މާދަމާގެ ވަގުތެއްގައެވެ. އަދި ހަފުތާއެއްގެ ތެރޭގައި ކުޅުންތެރިޔާ ވިއްކާލަން ލިވަޕޫލުން ވެސް ވަނީ ބާސެލޯނާއާއެކު އެއްބަސްވެފައެވެ. މިއީ ކުޓީނިއޯ ބާސެލޯނާ އަށް ބަދަލުވާން ބޭނުންވާތީވެ ނިންމާ ނިންމުމެއް ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.