ކުޅިވަރު

ޔުނައިޓެޑުން އެވަޓަން 35 ފަހަރު ބަލިކޮށް، ރެކޯޑެއް ހަދައިފި!


އިނގިރޭސި ޕްރެމިއާ ލީގުގައި އެވަޓަން 35 ވަނަ ފަހަރު ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑުން ރެކޯޑެއް ހަދައިފިއެވެ.

މިއީ ޕްރެމިއާ ލީގުގައި އެއް ޓީމެއްގެ އަތުން ބަޔަކު އެންމެ ގިނައިން ބަލިވި އަދަދެވެ.

އެވަޓަންގެ ގުޑިސަން ޕާކުގައި ރޭ ކުޅުނު މެޗުގައި އެވަޓަންކޮޅަށް ޔުނައިޓެޑުގެ ދެ ގޯލު ވެސް ޖެހީ ފަހު ހާފުގައެވެ. އެންތަނި މާޝިއަލް އާއި ލެސޭ ލިންގާޑް ލަނޑު ޖެހިއިރު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޕައުލް ޕޮގްބާއެވެ.

މި މޮޅާއެކު ޔުނައިޓެޑް ވަނީ އަލުން ޓޭބަލުގެ ދެ ވަނަ މަގާމަށް ކުރިއަށް ޖެހިލާފައެވެ. އެއީ 47 ޕޮއިންޓާއެކުގައެވެ. މެޗަށް ފަހު ވާހަކަ ދައްކަމުން އެވަޓަންގެ ކޯޗު ސޭމް އެލާޑީސް ބުނީ އޭނާގެ ކުޅުންތެރިން ތިބީ މެންޗެސްޓާއިން ލަނޑު ޖެހިއިރު ހަރަކާތް ހުއްޓިފައި ކަމަށެވެ.

އޭނާގެ ސްކޮޑަކީ ބެލެންސް ސްކޮޑެއްްނޫން ކަމަށާއި ޓީމަށް އާ ކުޅުންތެރިން ބޭނުންވާ ކަމަށް ވެސް އެލާޑީސް ވަނީ ބުނެފައެވެ. މި މެޗުގައި ޔުނައިޓެޑްގެ ކުރީގެ ކެޕްޓަން ވޭން ރޫނީ ވަނީ ފަހު ހާފު ކުރީކޮޅު ބަދަލުކޮށްފައެވެ. އެލާޑީސް ބުނީ ރޫނީ ބޭލި ނަމަވެސް ޓީމުގެ އެޓޭކްތައް ރަނގަޅުވިތަން ނުފެނުނު ކަމަށާއި ޓީމަށް ބޮޑެތި ބަދަލުތަކެއް ބޭނުންވާ ކަމަށެވެ.